ރިޕޯޓް

އޮކްޓޯބަރުމަހު އެންމެ ގިނައިން ހުށައެޅީ ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތައް


މިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ޖުމްލަ 222 މައްސަލަ ރިޕޯޓުކޮށް، އެޓެންޑްކޮށްފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޖެންޑަރ މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އޮކްޓޯބަރުމަހު އެ މިނިސްޓްރީއަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މަައްސަލައެވެ.

ޖެންޑަރ މިނިސްޓްރީގެ އޮކްޓޯބަރުމަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާގުޅޭ ޖުމްލަ 95 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 30 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މީގެއިތުރުން އިހުމާލުވުމުގެ 20 މައްސަލައަކާއި، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 16 މައްސަލައަކާއި، ޖިސްމާނީ ހާނިއްކައިގެ 12 މައްސަލައަކާއި، ނަފްސާނީ ހާނިއްކައިގެ 10 މައްސަލައަކާއި، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުން އަދި ފުރައްސާރައިގެ ޝިކާރައްކަށްވުމުގެ 5 މައްސަލަ އަދި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 2 މައްސަލަ ހުށަހެޅިފައިވެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 45 މައްސަލަ އޮކްޓޫބަރުމަހު ޖެންޑަރ މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. އެގޮތުން މިބާވަތުގެ 13 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. މިބާވަތުގެ މައްސަލަތަކުގެ އިތުރުން ނަފްސާނީ އަނިޔާކުރުން / އަނގަބަހުންކުރެވޭ އަނިޔާކުރުމުގެ 10 މައްސަލައަކާއި، އިހުމާލުވުމުގެ 4 މައްސަލައަކާއި، ހިފެހެއްޓުމުގެ 4 މައްސަލައެއް އޮކްޓޯބަރުމަހު ހުށަހަޅާފައިވެއެވެ.

މީގެ އިތުތުން ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 4 މައްސަލައަކާއި، ޖިންސީ ހާނިއްކަ ކުރުމުގެ 3 މައްސަލައަކާއި، ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ 2 މައްސަލައަކާއި، ޖިންސީ ފުރައްސާރަ ކުރުމުގެ 2 މައްސަލައަކާއި، މުދާ ހިފެހެއްޓުމާއި / މުދަލަށް ގެއްލުން ދިނުމުގެ 2 މައްސަލަ އަދި މާލީ / އިޤްތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 1 މައްސަލައެއް ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ.

ޢާއިލީ 24 މައްސަލަ އޮކްޓޫބަރު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ 12 މައްސަލަ އަދި ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 12 މައްސަލަ ހިމެނެއެވެ. ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 20 މައްސަލަ އޮކްޓޫބަރު މަހު ހުށަހަޅައިފައިވާއިރު، އޭގެ ތެރޭގައި ރުޅި އިސްކުރުން / ރުޅި ގަދަވެގެން އުޅުމުގެ 11 މައްސަލަ، ސްކޫލަށް ދާން ބޭނުންނުވުމުގެ 04 މައްސަލަ، ގެއިން ނުކުމެގެން ދިއުމުގެ 3 މައްސަލަ އަދި އެހެން ކުދިންނަށް އިންޓަރނެޓް މެދުވެރިކޮށް ގަނާކުރުމުގެ 01 މައްސަލަ އަދި އިތުރު 1 މައްސަލަ ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 15 މައްސަލަ އޮކްޓޫބަރު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 13 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 2 މައްސަލައެވެ.

ޤާނޫނާއި ގާވާއިދާ ހިލާފުވުމުގެ 11 މައްސަލަ އޮކްޓޫބަރު މަހު މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު، މީގެ ތެރޭގައި ވައްކަން ކުރުމުގެ 5 މައްސަލައަކާއި، އެހެނިހެން މައްސަލަތަކުގެ ގޮތުގައި 7 މައްސަލައެއް ހިމެނެއެވެ. އަދި އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 7 މައްސަލަ އޮކްޓޫބަރު މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި އަމިއްލައަށް މަރުވާން މަސައްކަތްކުރުމުގެ 4 މައްސަލަ، އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ 02 މައްސަލަ އަދި އަމިއްލައަށް މަރުވާން ހިޔާލު އައުމުގެ 01 މައްސަލަ ހިމެނެއެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 04 މައްސަލައެއްވެސް އޮކްޓޫބަރު މަހު ރިޕޯޓުކޮށްފައިވާކަމަށެވެ. އޭގެ ތެރޭގައި ކުދިން ސްކޫލަށް ނުފޮނުވުމުގެ 02 މައްސަލަ، ކުދިންނަށް ވެކްސިން ނުދިނުމުގެ 01 މައްސަލަ އަދި ސިއްހީ ފަރުވާއަށް ހުރަސް އެޅުން / ނުދިނުމުގެ 01 މައްސަލަ ހިމެނެވެ. އޮކްޓޫބަރު މަހުގައި 5 ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވާއިރު، 2 ކުދިން ރީއިންޓަރގްރޭޓް ކުރެވިފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. އޮކްޓޫބަރު މަހުގެ ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 210 އެވެ.