ޚަބަރު

ތަސްވީރު: މޯލްޑިވްސް ތްރޫ އާޓް އެގްޒިބިޝަން ހުޅުމާލޭ ސެންޓްރަލް ޕާކަށް


އެމްއެމްޕީއާރްސީގެ "ތަސްވީރު: މޯލްޑިވްސް ތްރޫ އާޓް" އެގްޒިބިޝަން އިފްތިތާޙްކޮށްފިއެވެ. ހުޅުމާލޭ ސެންޓަރަލް ޕާކްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެގްޒިބިޝަން އިފްތިތާޙްކޮށްދެއްވީ އެމްއެމްޕީއާރްސީގެ އެމްޑީ ޠައްޔިބް މުޙައްމަދާއި އެޗްޑީސީގެ އެމްޑީ ސުޙައިލް އަޙްމަދެވެ.

ތަސްވީރު: މޯލްޑިވްސް ތްރޫ އާޓް" އެގްޒިބިޝަނަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންގެ ފަރާތުން މޯލްޑިވްސް އާޓް ކޮމިއުނިޓީއަށް ހުޅުވާލައިގެން މިއަހަރުގެ ޖުލައި އަދި އޮގަސްޓް މަހުގެ ތެރޭގައި ކުރިއަށްގެންދިޔަ މުބާރާތަކުން ހޮވާލެވުނު 12 ކުރެހުމަށް ޚާއްސަކޮށްގެން ބާއްވާފައިވާ އެގްޒިބިޝަނެކެވެ. ކުރެހުމުގެ މިމުބާރާތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ވެށި ދައްކުވައިދޭ 110 ކުރެހުންވަނީ ހުށައަޅާފައެވެ. މުބާރާތުގެ ލޯކަލް ކެޓަގަރީއިން އެއްވަނައަށް ހޮވިފައިވަނީ އަޙްމަދު އިޙްސާއަށް ކަމަށާއި ދެވަނައަށް ހޮވިފައިވަނީ އާމިނަތު ރޫބާ އަލީ ކަމަށް އެމްއެމްޕީއާރްސީއިން ވިދާޅުވެއެވެ. އިންޓަރނޭޝަނަލް ކެޓަގަރީއިން އެއްވަނަ އިންޑިއާގެ މަލާރު ވިޒީ ކަޑަރުކަރައިޕަންޑައިއަށް ލިބިފައިވާއިރު ދެވަނަ ލިބިފައިވަނީ ޕޮލޭންޑްގެ ކެރޮލީނާ ފައިސްއަށްކަމަށް އެމްއެމްޕީއާރްސީއިން ވިދާޅުވެއެވެ.

މުބާރާތް އިފްތިތާޙްކޮށްދެއްވާ ވާހަކަދައްކަވަމުން އެމްއެމްޕީއާރްސީގެ އެމްޑި ޠައްޔިބް މުޙައްމަދު ވިދާޅުވީ މިއީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ރާއްޖެއަކީ ފަތުރުވެރިކަމަށް މަޤުބޫލު މަންޒިލެއްކަން ދެއްކުމަށް ކުރިއަށްގެންދެވުނު މިފަދަ ފުރަތަމަ ޙަރަކާތްކަމަށެވެ. އަދި މީގެ ސަބަބުން ޒުވާނުންގެ ކުރިއެރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ޠައްޔިބް ވިދާޅުވިއެވެ.

"ޒުވާނުންގެ ހުނަރު ދައްކާލުން އަސްލު މީގެ އެންމެ މުހިއްމު ބޭނުމަކީ. އަދި މިދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނަށް ހިތްވަރުދީ ކުރިއަށްދިޔުމުގައި އެއްބާރުލުން ދިނުން." ޠައްޔިބް ވިދާޅުވިއެވެ.

ރަސްމިއްޔާތަށްފަހު ޕީއެސްއެމްނިއުސްއާއި ވާހަކަދައްކަވަމުން އެޗްޑީސީގެ އެމްޑީ ވިދާޅުވީ ހުޅުމާލޭ ސެންޓްރަލް ޕާކަކީ މީހުން ގިނަ ޢަދަދަކަށް ޒިޔާރަތްކުރާ ތަނަކަށްވާއިރު މިއީ ރާއްޖެއަށް އަންނަ ފަތުރުވެރިންވެސް ޒިޔާރަތްކުރާ ތަނެއްކަމަށެވެ. އެހެންކަމުން ރާއްޖޭގެ ރީތިކަން ދައްކާލާ ކުރެހުންތައް ސެންޓްރަލް ޕާކުގައި ފެންނާނެހެން ބެހެއްޓުމަކީ ލިބިގެންދާނެ ބޮޑު އެކްސްޕޯޝަރއެއްކަމަށެވެ.

"ހުޅުމާލެއަކީ ހަވީރުގެ ގަޑިތަކުގައި ގިނަބަޔަކު އަންނަ ތަނަކަށްވުމުން މިއެގްޒިބިޝަނަށް ތަރުހީބު ބޮޑުވާނެކަމަށް އުއްމީދުކުރަނީ. އަދި ޒުވާނުންނަށް އަމާޒުކޮށް ހިންގާ މިފަދަ ކަންކަމަށް އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ." ސުހައިލް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އެމްއެމްޕީއާރްސީގެ ފަރާތުންވަނީ މިއެގްޒިބިޝަންގައި ބޭނުންކުރާ ސްޓޭންޑުތައް އެޗްޑީސީއާއި ޙަވާލުކުރުމުގެ ރަމްޒީ ޓޯކަންއެއްވަނީ ހަދިޔާކޮށްފައެވެ. އެމްއެމްޕީއާރްސީއިން ވިދާޅުވީ މިސްޓޭންޑުތަކުގެ ސަބަބުން ކުރިއަށްއޮތްތަނުގައިވެސް މިފަދަ އެގްޒިބިޝަންތައް ހުޅުމާލޭގައި ބޭއްވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.