ޚަބަރު

އޭސީސީގެ މެމްބަރު އަޝްރަފް އިސްތިއުފާ ދެއްވައިފި


އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު ކަމުގެ މަޤާމުން ކޮމިޝަންގެ މެމްބަރު އަލީ އަޝްރަފް އިސްތިއުފާ ދެއްވައިފިއެވެ.

އަޝްރަފް މަޤާމުން އިސްތިއުފާ ދެއްވައި ސިޓީ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައެވެ. ޢޭނާ މަޤާމުން އިސްތިއުފާ ދެއްވާފައިވާކަން އޭސީސީންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އަޝްރަފް މަޤާމުން އިސްތިއުފާ ދެއްވާފައިވާއިރު އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ މެމްބަރުންނަށް އެކަށީގެންވާ މިންވަރާއި ގާތަށްވެސް މަސައްކަތް ނުކުރެވޭތީ މަސައްކަތް ނުކުރެވޭ މެމްބަރުން ބަލައި، އޮޑިޓެއް ހެދުމަށްފަހު މަޤާމުން މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ވަނީ ފަށާފައެވެ.

ނަމަވެސް އަޝްރަފް އިސްތިއުފާ ދެއްވީ ކޮމިޓީން ބަލަމުންދާ މައްސަލަތަކާއި ގުޅިގެން ނޫންކަމަށާއި، އަމިއްލަ ސަބަބުތަކަށްޓަކައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް އަޝްރަފް އައްޔަން ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭނާއަކީ ވިލާ ކޮލެޖުގެ ޑިރެކްޓަރ އޮފް މާރކެޓިންގެ މަޤާމާއި ހިންގުމުގެ ދާއިރާގެ އެކިއެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. ޢަލީ އަޝްރަފު އަންނަނީ ޔުނިވަރސިޓީ އޮފް ވެސްޓަރން އިންގްލެންޑުގެ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވަމުންނެވެ.

އޭސީސީގެ މެމްބަރުންނަށް މަޖިލީހުގެ ބައެއް މެމްބަރުންގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ކޮމިޓީން ދަނީ ވަކިވަކިން މެމްބަރުންގެ މަސައްކަތް ބަލައި އިންޓަރވިއު ކުރަމުންނެވެ. މަޖިލިސް މިދައުރަށް ޗުއްޓީގައި އޮތުމުން މިވަގުތަށް މަސައްކަތް މަޑު ޖެހިފައި ވީނަމަވެސް އަންނަ އަހަރު ދައުރު ފެށުމާއިއެކު މިމަސައްކަތް ކުރެވިގެންދާނެކަމަށް ބެލެވެއެވެ.