ޚަބަރު

18 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ އަންހެން މީހާ ދޫކޮށްލައިފި


ވައިގެ މަގުން، ރާއްޖެއަށް 18 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް، ހައްޔަރުކުރި ބްރެޒިލް ދެމަފިރިންގެ ތެރެއިން އަންހެން މީހާ ދޫކޮށްލައިފިއެވެ.

މިއަންހެން މީހާއާއި އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ބްރެޒިލްގެ އުމުރުން 28 އަހަރުގެ ފިރިހެނަކު މިދިޔަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ހައްޔަރުކުރީ އެމީހުން ރާއްޖެ އައި ވަގުތު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތިބި ކަސްޓަމްސް އޮފިސަރުން އެ މީހުންގެ ލަގެޖު ބަލައި ފާސްކުރުމަށްފަހުއެވެ.

މިތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ޓެސްޓުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންކަން ވަނީ ޔަގީން ވެފައެވެ. މިމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 18.857 ކިލޯގެ ހުރި ކަމަށާއި މިތަކެތީގެ މަގުމަތީ އަގު 94 މިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް ކަސްޓަމްސްއިން ހާމަކުރައްވައެވެ.

އަންހެންމީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލުމަށް އަމުރުކޮށްފައެވެ. ކޯޓުން މިއަދު އެއްވެސް ޝަރުތަކާ ނުލައި އެ އަންހެން މީހާ ދޫކޮށްލާފައި މިވަނީ އޭނާ ބަންދުގައި ހުންނަތާ 29 ދުވަސް ފަހުންނެވެ. މިމައްސަލައިގައި ފިރިހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މީގެކުރިން އޭނާ ކޯޓަށް ހާޒިރުކުރުމުން ފިރިހެން މީހާ ވެސް ވަނީ ލަގެޖުގައި ހުރި ތަކެއްޗަކީ އޭނާގެ ތަކެތި ކަމަށް އިންކާރުކޮށްފަ އެވެ. އެކަމަކު މިދިޔަ މަހުގެ 28 ވަނަ ދުވަހު ކޯޓުން ވަނީ ފިރިހެން މީހާގެ ބަންދަށް ފަސް ދުވަސް ޖަހާފައެވެ.