ރިޕޯޓް

މާރަންދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ ހޮޅި ވަޅުލުމުގެ މަސައްކަތް ފަށައިފި


ހއ.މާރަންދޫގައި ފެނާއި ނަރުދަމާ ނިޒާމުގެ ހޮޅި ވަޅުލުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފަށްޓަވައި ދެއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރ މުޙައްމަދު ޝިފާޢުއާއި އެމްޑަބްލިއުއެސްސީގެ މެނެޖިން ޑިރެކްޓަރ ހަސަން ޝާހާއި ހއ.އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤާއި މާރަންދޫ ކައުންސިލްގެ ރައީސް ޖައިލަމް ހާރޫނެވެ.

މިމަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްވަމުން މެމްބަރ މުޙައްމަދު ޝިފާޢު ވިދާޅުވީ މީގެ ކުރިން އަތޮޅު ތަކުގެ ތަރައްޤީގެ މަސައްކަތްތައް އެކަަށީގެންވާ ގޮތުގައި ކުރިއަށް ނުދާކަމަށެވެ. އެހެންނަމަވެސް ސަރުކާރުން އެކަން ބަދަލުކުރައްވައި އަތޮޅުތަކުގެ ރައްޔިތުން ބޭނުންވާ ކަންކަން ތަފާތު ކުރުމެއް ނެތި އަސާސީ ކަންކަން ފޯރު ކޮށްދެއްވަމުން ގެންދަވާ ކަމަށެވެ. ޝިފާޢު ވިދާޅުވީ މާރަންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް ނިމުމުން މާރަންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ޔަޤީންވެގެންދާނެކަމަށެވެ. މިއާއެކު ރަށުގެ އިޤްތިޞާދީ މަސައްކަތްތައް ފުޅާވެެން ދިއުމަށް މަގުފަހިވާނެކަމަށް ޝިފާޢު ވިދާޅުވިއެވެ.

މިމަޝްރޫއާއެކު އެރަށުގެ ރައްޔިތުންނަށް ވަނީ ބޮޑު ހިތްހަމަ ޖެހުމެއް ލިބިފައެވެ. މިއީ މިހާތަނަށް އެރަށުގައި ކުރިޔަށްދާ ތަރައްޤީގެ އެންމެ ބޮޑު އެއް މަޝްރޫޢުކަމަށް ރައްޔިތުން ބުނެއެވެ. މާރަންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ މިއީ އެރަށަށް މިވަގުތަށް އެންމެ ބޭނުން އެއް މަޝްރޫއުކަމަށެވެ. އަދި މިމަޝްރޫޢާއެކު ޒަމާނުންސުރެއް އެރަށުގެ ރައްޔިތުން ފެނާއި ނަރުދަމާއެއް ނެތި އުފުލަމުން ދިޔަ ތަކްލީފު ނިމުމަކަށް އައުމަކީ ވަރަށްބޮޑު ހިތްހަމަޖެހުމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 8.21 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ޤާއިމުކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިންގ ޢިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އަދި ފެން ރައްކާކުރުމަށްޓަކައި 3 ތާނގީ ބެހެއްޓުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދޭނެކަމަށްވެސް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

މާރަންދޫ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން 6.03 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކެއް ގާއިމްކުރުމާއި، 800 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިން ޢިމާރާތް ކުރުމާއި، ތިން ޕަންޕިން ސްޓޭޝަނާއި ސީ އައުޓް ފޯލެއް ގާއިމް ކުރާނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ވެސް ގުޅައިދޭނެއެވެ.

މިމަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނީ އެމްޑަބްލިޔުއެސްސީންނެވެ. މިއީ 72.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.