ދުނިޔޭގެ ވިޔަފާރި

ޓުވިޓަރގެ އައު ސީއީއޯއަކަށް އިންޑިއާގެ ޕަރާގް އަގަރުވާލް


ޓުވިޓަރގެ -ސީއީއޯކަމުން އެކުންފުނީގެ ބާނީއެއް ކަމަށްވާ، ޖެކް ޑޯސީ ދުރުވުމުން އެ ކުންފުނީގެ އައު ސީއީއޯއަކަށް ޕަރާގް އަގަރްވާލް ހަމަޖައްސަން ނިންމައިފިއެވެ.

ޓްވިޓާގެ ސީއީއޯކަމާއި ހަވާލުވާ އިންޑިއާއަށް ނިސްބަތްވާ ޕަރާގް އަގާރްވާލް މިހާތަނަށް ހުރީ އެކުންފުނީގެ ސީޓީއޯ ނުވަތަ ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަޤާމުގައެވެ. ޓްވިޓަރގެ ސީއީއޯގެ މަޤާމުން ވަކިވާ ޖެކް ޑޯސީ ބުނީ އަލަށް މަގާމާއި ހަވާލުވާ ޕަރާގްއަކީ ޓުވިޓާ ކުންފުނީގެ ވިސްނުން ރަނގަޅަށް އެނގޭ އަދި އޭނާގެ ފުރިހަމަ އިތުބާރު ލިބިފައިވާ މީހެއް ކަމަށެވެ. އަދި ކުންފުނި ތަރައްޤީކޮށް މިހާރަށް ވުރެ ކުރިއަށް ގެންދާނެކަން ޔަޤީންކުރާކަމަށްވެސް ޖެކް ބުންޏެވެ. މީގެއިތުރުން ޕަރާގް ސީއީއޯކަމަށް އައްޔަން ކުރަން ނިންމީ ބޯޑުގެ ފުރިހަމަ އަޤުލަބިއްޔަތުން ކަމަށްވެސް އެނާ ވަނީ ހާމަކޮށްފައެވެ.

ޕަރާޤްއަކީ އިންޑިއާގެ އައިއައިޓީ އަދި ސްޓެންފޯޑު ޔުނިވާސިޓީން ތަޢުލީމު ހާސިލުކޮށް، މައިކްރޯސޮފްޓް އަދި ޔާހޫ ފަދަ ކުންފުނިތަކުގައި މަސައްކަތް ކުރި ފަރާތެކެވެ. 2017 ވަނަ އަހަރު ޓްވިޓާގެ ޗީފް ޓެކްނޮލޮޖީ އޮފިސަރކަމުގެ މަޤާމާއި ހަވާލުވި ޕަރާޤްއަކީ ޕްރޮގްރާމިން ދައިރާއަށް ހާއްސަ މީހެކެވެ.

ޓުވިޓާގެ އުފެއްދުމުގައި ބޮޑު ރޯލެއް އަދާ ކުރި ޑޯސީ ޓުވިޓަރ ދޫކުރާއިރު، އޭނާގެ ސިޔާސަތުތަކާއި ޕަރާގުގެ ސިޔާސަތުތައް އެއްގޮތްވާނެކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

ދުނިޔޭގެ ޓެކްނޮލޮޖީ ގިނަ ކުންފުނިތަކުގެ އިސް މަގާމްތަކަށް މިފަހަކަށް އައިސް އިންޑިއާގެ ރައްޔިތުން ދަނީ އައްޔަން ކުރަމުންނެވެ. އެގޮތުން މައިކްރޯސޮފްޓުގެ ސީއީއޯ ކަމަށް ސަތްޔާ ނަޑެއްލާ 2014 ވަނަ އަހަރު އައްޔަން ވެގެން ދިޔައިރު، ގޫގުލްގެ މައި ކުންފުނި އަލްފަބެޓް ސީއީއޯ އަކީ އިންޑިއާއަށް ނިސްބަތްވާ ސުންދަރު ޕަޗާއީއެވެ.