އާސެނަލްގެ ޑިފެންޑަރު ގަބްރިއެލް އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، 2029 ވަނަ އަހަރުގެ ނިޔަލަށް ކުލަބުގައި މަޑުކުރަން ނިންމައިފިއެވެ.
ބްރެޒިލް އަށް އުފަން އުމުރުން 27 އަހަރުގެ ގަބްރިއެލް އާއިއެކު އާސެނަލް ކުރިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރު އެވެ. އަދި އެ އެއްބަސްވުމަށް ދެ ފަރާތުން އެއްބަސްވެފައިވަނީ އިތުރު ދެ އަހަރު އިތުރު ކުރުމަށެވެ.
2020 ވަނަ އަހަރު ފްރާންސްގެ ލިލް އާއި 27 މިލިއަން ޕައުންޑުގެ ފީއަކަށް އާސެނަލް އާއި ގުޅުނު ފަހުން ގަބްރިއެލް ވަނީ އެ ޓީމުގެ ޑިފެންސް ލައިންގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އަދި ފާއިތުވެދިޔަ ދުވަސްތަކުގައި އޭނާ ވަނީ އާސެނަލް އަށް 210 މެޗު ކުޅެދީފަ އެވެ.
ނިމިގެންދިޔަ ސީޒަނުގެ ފަހު ދެ މަސް ދުވަހު ގަބްރިއެލްއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ހުރި ކުޅުމާއި ދުރުގަ އެވެ. އަދި އޭރު ލީގު ޗެމްޕިއަންކަމަށް ވާދަކުރަމުން އައި އާސެނަލް އަށް މައްސަލަތަކާއި ކުރިމަތިވިތަން ވަނީ ފެނިފަ އެވެ. އަދި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އެ ޓީމު ވަނީ ފްރާންސްގެ ޕީއެސްޖީ އަތުން ބަލިވެފަ އެވެ.
ގަބްރިއެލްގެ އެއްބަސްވުން އައު ކޮށްފައިވާއިރު އެ ކްލަބުން ދަނީ ރެއާލް ސޮސިއެޑާޑްގެ މިޑްފީލްޑަރ މާޓިން ޒުބިމެންޑީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އާސެނަލްގެ އެއްބަސްވުން އައުކުރުމަށްފަހު ގަބްރިއެލް ބުނެފައިވަނީ އޭނާ އެ ކްލަބާއި ގުޅިފައިވަނީ ވަރަށް ޒުވާން ކުޅުންތެރިއެއްގެ ގޮތުގައި ކަމަށާއި ނަމަވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ގިނަ ކަންތައްތަކެއް ދަސްވެފައިވާ ކަމަށެވެ.