ޚަބަރު

ފެހެންދޫ ދަރިވަރުން ތައުލީމަށް ރަށުން ބޭރަށް ކުރި ދަތުރުތައް ނިމުމަކަށް


ބ.ފެހެންދޫގެ ދަށު ގްރޭޑްތަކުގެ ދަރިވަރުން ތައުލީމަށް ރަށުން ބޭރަށް ކުރި ދަތުރުތައް އަންނަ އަހަރުން ފެށިގެން ނިމުމަކަށް އަންނާނެއެވެ. ސަރުކާރުގެ ތައުލީމީ ސިޔާސަތަކީ އާބާދީ މަދު ރަށްތަކުގައިވެސް އެރަށެއްގެ ދަރިވަރުންނަށް އެރަށުގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

އާބާދީގައި މަދުބަޔަކު ދިރިއުޅޭ ފެހެންދޫ ސްކޫލް 2008 ވަނަ އަހަރު ބަންދުކުރިއިރު އެސްކޫލްގައި ކިޔަވަމުން ދިޔައީ ކޮންމެ ގްރޭޑެއްގައި އެކެއް ނުވަތަ ދެކުދިންނެވެ. ބައެއް ގްރޭޑްތަކުގައި ކިޔަވާނެ ދަރިވަރަކު އޭރު ނުވެސްނެތެވެ. އާބާދީ މަދުވެ 5 ވަރަކަށް ކުދިން ގޮވައިގެން ސްކޫލެއް ހިންގުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށް ފެނިގެންނެވެ.
މި ހުރިހާ ދަރިވަރުންވެސް ބަދަލުވީ އެއްފަޅެއް ތެރޭގައި އޮންނަ ގޮއިދޫ ސްކޫލަށެވެ. މި ގޮތަށް ބަދަލުކުރީ ކިޔަވާ ކޮންމެ ދަރިވަރަކަށް އުޖޫރައަކާވެސް އެކުއެވެ.

ކަން މިހެން އޮތުމުން އެދަރިވަރުން ސްކޫލަށް ގެންގޮސް ގެނައުންވީ ބޮޑު ތަކްލީފަކަށެވެ. އެހެންނަމަވެސް މިކުދިންނަށް ތަޢުލީމް ހާސިލްކުރުމަށް ކުދިންގެ މައިންބަފައިން އެތައް ގުރިބާނީތަކެއް ވިޔެވެ. އަމިއްލަ އުޅަނދުގަޔާއި ކުއްޔަށް ނަގައިގެންވެސް ދަރިން ގޮއިދޫ ސްކޫލަށް ކިޔަވަން ފޮނުވިއެވެ.

އޭގެ އަހަރުތަކެއް ފަހުން ކައުންސިލުން އެޚިދުމަތް ފޯރުކޮށްދޭން ފެށިއެވެ. ކައުންސިލުން އެޚިދުމަތް ދިނީ ކުޑަ ޑިންގީއެއްގައެވެ. މިގޮތަށް ކުޑަކުދިން ގޮވައިގެން ދަތުރު ކުރުމަކީ އެންމެ ރައްކާތެރި ގޮތް ނޫންކަމަށް ފެނި ކައުންސިލުން އެޚިދުމަތް ދިނުން މެދުކަނޑާލާ ހިސާބަށް ދިއުމުން 2016 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް އެކަން އައިސް ގޮއިދުއާއި ފެހެންދޫ އާ ދެމެދު ދަތުރު ކުރާނެ އުޅަނދެއް ހޯދުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން ގޮއިދޫ އާއި ފެހެންދޫގައި ޑިންގީ ދުއްވާ ފަރާތްތަކާއި މަޝްވަރާކުރުމަށްފަހު 2016 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ނިޔަލަށް ފެރީ ދަތުރުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށްފަހު 01 ޖުލައި 2016 ވަނަ ދުވަހުން ފެށިގެން މެދުނުކެނޑި ޚިދުމަތްވަނީ ކުރިއަށް ގެންގޮސްފައެވެ.

މިކަމަށް ދާއިމީ ހައްލެ ހޯދުމަށް އޭރުގެ ސަރުކާރުން ކުރި މަސައްކަތުން އަމިއްލަ ފަރާތަކުން 18 ފޫޓްގެ ޑިންގީއެއް 50 ހޯސްޕަވަރގެ އިންޖީނަކާ އެކު ޙަދިޔާ ކުރިއެވެ. ކަނޑު ގަދަވެ މޫސުން ގޯސްވާ ދުވަސްތަކުގައި ވިއްސާ ލޮނާއި ވެހޭ ވާރެއެއްގައި ތެމިގެންވެސް އެދަރިވަރުން ދިޔައީ ތައުލީމް ހޯދުމަށް މިބުރައާއި ބިރުވެރި ކަމާ ކުރިމަތިލަމުންނެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވި ހިސާބުން ފެހެންދޫ ދަރިވަރުން ތައުލީމް ހޯދުމަށް ގޮއިދޫއަށް ދަތުރު ކުރާ ކުޑަ ޑިންގީފެނި އެކަމަށް ހައްލު ހޯދުމުގެ މަސައްކަތް ފެށިއެވެ.

ސަރުކާރުން ފެއްޓެވި މަސައްކަތުގެ ދަށުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، ބަނދެފައިވާ ސްޓޫޑެންޓް ފެރީއެއް ފެހެންދުއަށް ހަދިޔާކުރިއެވެ. އެންމެ ފަހުގެ ޒަމާނީ ފެންވަރަށް ބަނދެފައިވާ 30 މީހުންގެ ޖާގައިގެ ފެރީގައި ދަރިވަރުން ދަތުރު ކުރުން ވެގެންދިޔައީ އެދަރިވަރުންނަށާއި މައިންބަފައިންނަށް ލިބުނު ބޮޑު އުފަލަކަށެވެ. އެއީ މީގެ ކުރިން ކިޔަވައި ދިނުމަށް އުފުލި ތަކުލީފަށް ލުއިލިބުމުންނެވެ.

ފެހެންދޫ ސްކޫލް ދަރިވަރުންނާއި އެކުދިންގެ ބެލެނިވެރިންނަށް މިއަށްވުރެ އުފާވެރި ޚަބަރެއް ސަރުކާރުންވަނީ މިހާރު ދެއްވާފައެވެ. އެއީ އުފަން ރަށުގައި ތިބެގެން ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދޭ ވާހަކައެވެ. ސާނަވީ އިމްތިހާނުތަކުން ރަންވަނަ ހޯދި ދަރިވަރުންނަށް އިނާމް ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ސާލިޙް ވިދާޅުވީ އާބާދީ މަދު ރަށްރަށުގެ ސްކޫލުތަކުގައި ސެޓެލައިޓް މެދުވެރިކޮށް ކިޔަވައިދޭ ސިޔާސަތުގެ ދަށުން ބ. ފެހެންދޫ އާ ވ.ތިނަދޫ އާއި ވ. ރަކީދޫ ސްކޫލުގައި އަންނަ ޓާމުން ފެށިގެން ސެޓްލައިޓް މެދުވެރިކޮށް ކިޔަވައި ދިނުމަށް ނިންމާފައިވާކަމަށެވެ.

އަދި މިކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ. އެގޮތުން މިކަމަށް ޚާއްސަކޮށް އެރަށު ސްކޫލްގައި ދެ ކްލާސްރޫމް އަޅައި އެކަމަށް ބޭނުންވާ ވަސީލަތްތައް ގެންގޮސްފައިވާ ކަމަށްވެސް ކައުންސިލުން މައުލޫމާތުދެއެވެ. އަދި ކިޔެވުން ކުރިއަށް ގެންދާނެ ގޮތްތަކާމެދު މަޝްވަރާކުރުމަށް ބެލެނިވެރިންނާއި އެޑިއުކޭޝަން މިނިސްޓްރީ އާއެކު ވަނީ ބައްދަލުވުންތަކެއްވެސް ކުރިއަށްގެންގޮސްފައެވެ. އޮންލައިން ކްލާސްތައް ހިންގުމަށް ހަމަޖެހިފައިވަނީ ގްރޭޑް 8ން ދަށުގެ ދަރިވަރުންނަށް އެކަނިއެވެ. ގްރޭޑް 9 އާއި 10 ގެ ދަރިވަރުން ކިޔަވާނީ ގޮއިދޫ ސްކޫލްގައި ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. ފެހެންދޫ ސްކޫލްގައި އޮންލައިންކޮށް ކިޔެވިނަމަވެސް އިތުރު ހަރަކާތްތައް ކުރިއަށްގެންދާނީ ގޮއިދޫ ސްކޫލްގައެވެ.
މިއީ ދަރިވަރުންތަކެއް ތައުލީމު ހޯދުމަށް އުފުލަމުން އައި ބުރަ ތަކުލީފްތަކަކަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް އެ ދަރިވަރުންގެ ބެލެނިވެރިން ދެކެއެވެ.