ޚަބަރު

މާލޭގައި ހިންގާ ކުށްތަކާއި މަގުމަތީގެ އަމަން ބެލެހެއްޓުން އެސަރަޙައްދެއްގައި ޤާއިމްވެތިބޭ ފުލުހުންނަށް


މާލެ ސަރަޙައްދުގައި ފޯރުކޮށްދޭ ފުލުހުންގެ ޚިދުމަތުގެ އިދާރީ އޮނިގަނޑަށް މިއަދުން ފެށިގެން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
މިގޮތުން މިއަދު ފެށިގެން މާލެ ސަރަހައްދުގައި ހިންގާ ކުށްތަކާއި މަގުމަތި ބެލެހެއްޓުން ފުލުހުންގެ އެކި ޑިޕާޓްމަންޓަތަކުން ބެލެހެއްޓުމުގެ ބަދަލުގައި ދެން އެފަދަ މައްސަލަތައް ބަލަހައްޓާނީ އެސަރަހައްދެއްގައި ޤާއިމްވެތިބޭ ފްރޮންޓްލައިން ފުލުހުންނެވެ.

މާލެ ސަރަޙައްދުގައި ފޯރުކޮށްދޭ ފުލުހުންގެ ޚިދުމަތުގެ އިދާރީ އޮނިގަނޑަށް މިއަދުން ފެށިގެން ގެނައި ބަދަލުތަކަކީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައިވާ ގޮތަށް ރައްޔިތުންނަށްދޭ ޚިދުމަތްތައް ފަސޭހަކަމައި އަވަސްކަމާއެކު ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ގެންން ބަދަލުތަކެކެވެ.

މިއީ މާލެ، ހުޅުމާލެ އަދި ވިލިމާލެވެސް ހިމެނޭގޮތަށް ސެންޓަރަލް ކޮމާންޑުގެ ދަށުން ތަރުތީބުވެގެން އަންނަ އެކިއެކި ބަހާތައް ބަހާލައި އެއްމަސައްކަތް އަނެއް މަސައްކަތާ ގުޅިގެން ތަރުތީބުވެގެންދާނެއެވެ.

މި ބަދަލުތަކާ ގުޅޭގޮތުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޞުލްތާން އަހްމަދު ބިޝާރު ވިދާޅުވީ މިގެނައި ބަދަލުގެ ތެރެއިން ކޮންމެ ޕޮލިސްޓޭޝަނަކުން މަސައްކަތްކުރާނެ ހަރުދަނާ ރަނގަޅު އޮނިގަނޑެއް ހަމަޖެހި، އެ އޮނިގަނޑުގެ ތެރެއިން ޕޮލިސް އޮފިސަރުން ތަރުތީބުވެގެންދާނެކަމަށެވެ.

އެގޮތުން ޖެނަރަލް ޕޮލިސް ސްޓޭޝަނެއްގެ ޒިންމާތަކުގެ ތެރެއަށް ރެސްޕޮންސް އަދި ޕެޓްރޯލްކުރުމާއި، ތަޙުޤީގުގެ ދާއިރާއާ ނެއިބަހުޑް ޕޮލިސިންގެ މައްސައްކަތައްވެސް ހިމެނިގެންދާނެއެވެ. މީގެ ތެރެއިންވެސް ނެއިބަރހުޑް ޕޮލިސްގެ ޚިދުމަތް އިތުރަށް ރަނގަޅުކޮށް ފުރިހަމަކުރުމަށް ޚާއްސަ އިސްކަމެއް ދެވިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތް ތަރުތީބުވެގެންދާއިރު، ހުޅުމާލެ ދެވަނަ ފިޔަވައްސަށް ޕޮލިސް ސްޓޭޝަނަކާއި، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅަށް ހިމެނޭހެން ވަކި ސްޓޭޝަނެއްގެ އިތުރުން، އެއަޕޯޓަށް ވަކި ދާއިރާއެއްގެ ގޮތުގައި ޚިދުމަތް ފޯރުކޮށްދެވިގެންދާނެއެވެ.

އަދި މާލޭގެ އެކި ސަރަޙައްދުތަކުގައި ފުލުހުންގެ ޚިދުމަތް ތަރުތީބުވެގެންދާއިރު، އެސަރަހައްދެއްގައި ކުށްކުރުމުގެ މާހައުލު އޮންނަގޮތަށް ރިއާޔަތް ކުރެވޭނެކަމަށް ފުލުހުން ވިދާޅުވިއެވެ.

"މާލޭގެ ޚިދުމަތައް ބައްޓަންވެގެން އަންނާނީ މާލޭގައި އޮތް ކުށުގެ ހާލަތައް ނުވަތަ ތަރުތީބުކޮށްފައި އޮންނަ ގޮތަކުގެ މައްޗަށް. އެގޮތުން ވިލިމާލެއަކީ ވަރަށް ތަފާތު އެންވަޔަރަމަންޓެއް. އެހެންވީމަ އެމާހައުލުގައި ކަންތައްތައް ތަރުތީބުބެފައި ހުންނަ ގޮތްތަކަށް ނުވަތަ ރައްޔިތުންގެ ނީޑްސްއަށް، އެކްސްޕެކްޓޭޝަންތަކަށް ފޯކަސްކުރެވިގެން ޚިދުމަތް ދިނުމުގައި ޚިދުމަތްދޭނީ" ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޞުލްތާން އަހްމަދު ބިޝާރު ވިދާޅުވިއެވެ.

މާލެ ސެކްޓަރގެ އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު އެކަންކަމަށް އެހީތެރިވުމުގެ ގޮތުން ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭނުގައިވާ ގޮތަށް ފުލުހުންގެ އެހެނިހެން ޚިދުމަތްތަކަށްވެސް ބަދަލުތަކެއް ގެންނަންވަނީ ނިންމާފައެވެ. އެގޮތުން ގެނެވޭ ބަދަލުތަކުގެ ތެރެއިން އެއްމެ ޚާއްސަ އިސްކަމެއްދޭނީ ފްރޮންޓްލައިން ޕޮލިސިންގެ މަސައްކަތްތަަކަށް ބޭނުންވާ އެހީތެރިކާމާއި، އިންތިޒާމުތައް ފޯރުކޮށްދިނުމަށްކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. އަދި މިއަދުން ފެށިގެން ގެންނަ ބަދަލުތަކުގެ ތެރޭގައި އެސަރަހައްދެއްގައި ހިނގާ ކޮށްތަކާއި މަގުމަތީގެ ކަންކަން ބެލެހެއްޓުން އެސަރަހައްދެއްގައި ޤާއިމްކޮށްފައިވާ ޕޮލިސްޓޭޝަންތަކުން ބަލަމުން ގެންދާނެކަމަށް ފުލުހުން ވިދާޅުވިއެވެ.

"ވިލީ ޕޮލިސް ސްޓޭޝަނަކުން، މިސާލަކަށް މާފަންނު ނޫނީ ގަލޮޅު ޕޮލިސް ސްޓޭޝަނުންކުން ބަލަހައްޓާނީ އެ ސްޓޭޝަނަކުން ބަލަހައްޓާ ސަރަޙައްދުގައި ހިނގާ ޚާއްސަ ބޮޑެތި ކުށްތައް ފިޔަވައި އެސަރަހައްދުގައި ހިންގާ ވައްކަންތަކާއި، ކުށްތައް އިނގޭތޯ. ދެން މަގުމަތި ތަރުތީބުކުރުމާއި، މިހުރިހަމާކަމެއް އެ އޭރިއާއަކަށް ބަހާލަނީ. ކުރިން އެކި އެކި ޑިޕާޓްމަންޓުތަކުން ބަލަމުންއައި އެ އޭރިއާއެއްގައި ހުންނަ މީހަކަށް އެޒިންމާތައް ބަލާނީ. އެގޮތަށް ބަހާލީމަ ފަސޭހަތަކެއް ވެގެންދާނެ" ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އަދި މި އޮނިގަނޑުގެ ތެރެއިން މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެދާއިރާތަކުން ފުލުހުންވަނީ ތަމްރީނުކޮށްފައެވެ.

ފުލުހުންގެ މުޢައްސަސާއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނައުމުގެ މަޤުޞަދުގައި ފާސްކޮށްފައިވާ ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް މިއަހަރުގެ މާޗް މަހުގެ ތެރޭގައި އަމަލުކުރަން ފަށާފައިވާއިރު، މި ޤާނޫނަކީ ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ޤާނޫނު ނަގަހައްޓައި ތަންފީޛުކޮށް، އަމަން ޢާންމާއި ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގެ ބާރާއި އިޚްތިޔާރު ފުލުހުންނަށް ދީފައިވާ ޤާނޫނެކެވެ.