ކުޅިވަރު

ވެމްކޯ އާއި އެސްޓީއޯ މުބާރާތުގެ 2ވަނަ ބުރަށް


ސަރުކާރު އޮފީސް ކުންފުނިތަކަށް ޚާއްސަކޮށްގެން ބާއްވާ އެންމެ ފޯރިގަދަ ފުޓްސެލް މުބާރާތުގެ ރޭ ކުޅުނު މެޗްތަކުން މޮޅުވެ ކުލަބް ވެމްކޯ އާއި އެސްޓީއޯ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ. ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މެޗް އެސްޓީއޯއިން ކާމިޔާބުކުރީ އެމްއެމްއޭ ސޯޝަލް ކްލަބާއި ވާދަކޮށް 6 ލަނޑު 4 ލަނޑުންނެވެ.

ރޭގެ މެޗްގައި އެސްޓީއޯ އިން ވަނީ 7 މިނިޓް ތެރޭ 3 ގޯލްގެ ލީޑެއް ނަގާފައެވެ. މިތިން ގޯލްވެސް އެސްޓީއޯއަށް ޖަހައިދިނީ އިސްމާޢީލް ވަޖީހުއެވެ. ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެ ޓީމުންވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެސްޓީއޯއިން ތިން ލަނޑު ޖެހުމާއެކު، އެމްއެމްއޭއިން ވަނީ ވަރަށް ބޮޑަށް ކުޅުން ރަގަނޅުކޮށް، ކުރިއަށް ޖެހިލައިގެން ކުޅެފައެވެ. އަދި އެޓީމުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖެހި 2 ގޯލުންނެވެ. އެދެ ގޯލް އެމްއެމްއޭއަށް ކާމިޔާބުކޮށްދިނީ އަޙުމަދު ހުސާމެވެ. އަދި ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް އެމްއެމްއޭގެ މުޙައްމަދު އައްފާން ވަނީ ގޯލެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗް އެއްވަރުވުމާއެކު އެސްޓީއޯއިން ވަނީ އެޓީމަށް ބަދަލްތަކެއް ގެނެސް ކުޅުން ރަގަނޅުކޮށްފައެވެ. އެސްޓީއޯގެ ކެޕްޓަން މުޙައްމަދު ޝާހުވަނީ ގޯލެއް ޖަހައި އަލުން އެސްޓީއޯއަށް ލީޑް ނަގައިދީފައެވެ. ނަމަވެސް އެސްޓީއޯއަށް މި ލީޑުގައިވެސް މާގިނަ އިރުތަކެއް އޮވެވޭ ގޮތެއް ނުވިއެވެ. އެމްއެމްއޭއިން ވަނީ ދެވަނަ ފަހަރަށް ފަހަތުން އަރާ އެއްވަރުކޮށްފައެވެ. މިލަނޑު އެމްއެމްއޭއަށް ކާމިޔާބުކޮށްދިނީ ނާއިފް މުޙައްމަދެވެ. ދެ ޓީމުގެ ފަރާތުންވެސް މިމެޗްގައި ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމުންވެސް ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން ކުޅެމުންދިޔަކަން ފާހަގަކޮށްލެވެއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ އިސްމާޢީލް ވަޖީހު ވަނީ އަލުން އެސްޓީއޯއަށް ލީޑް ނަގައިދީފައެވެ.

ގްރޫޕް އެޗްގެ 1 ވަނައިގައި އެސްޓީއޯ އޮތީ 2 މެޗުން 6 ޕޮއިންޓާއެކުއެވެ. 2 ވަނައިގައި އޮތް އެމްޓީސީސީ އާއި 3 ވަނައިގައި އޮތް މޯލްޑިވްގޭހަށް ވަނީ 3 ޕޮއިންޓް ލިބިފައެވެ. އެމްއެމްއޭ އަށް އަދި ޕޮއިންޓެއް ނުލިބެއެވެ. މިގުރޫޕްގެ ފަހު މެޗްގައި އެސްޓީއޯ އާއި މޯލްޑިވްގޭސް ވާދަކުރާއިރު، އެ ދެ ޓީމަށްވެސް މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އެމްޓީސީސީއަށް އެމްއެމްއޭ ބަލިކޮށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކުރެވޭނެއެވެ.

ވެމްކޯއިން ވަނީ ޔޫތު މިނިސްޓްރީގެ މައްޗަށް 10 ލަނޑު 1 ލަނޑުން ކުރި ހޯދާފައެވެ. މިމެޗްގައި ވެމްކޯގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޢަލީ ހާފިޒްވަނީ 5 ގޯލް ޖަހާފައެވެ. މުޙއްމަދު އިމްރާން 2 ގޯލް ޖެހިއިރު، ޢަލީ ޝިޔާހު، ޢަލީ ނާޒިމް އަދި އިބްރާހީމް ޝައުފް މުޙައްމަދު ކޮންމެ ކުޅުންތެރިއަކުވަނީ ގޯލެއް ޖަހާފައެވެ. ޔޫތު މިނިސްޓްރީން ޖެހި ހަމައެކަނި ގޯލު ޖެހީ މިނިސްޓަރު އަޙުމަދު މަހުލޫފެވެ. ކުޅުނު 2 މެޗުން ވެސް މޮޅުވެ، 6 ޕޮއިންޓް ހޯދައިގެން ވެމްކޯ އޮތީ ގްރޫޕް ސީގެ 1 ވަނައިގައެވެ. 2 ވަނައިގައި އޮތް މާލެ ސިޓީ ކައުންސިލާއި 3 ވަނައިގައި އޮތް ސްޓެލްކޯއަށް ވަނީ 3 ޕޮއިންޓް ލިބިފައެވެ. ޔޫތު މިނިސްޓްރީއަށް ޕޮއިންޓެއް ނުލިބި، އެޓީމު ވަނީ ކަޓާފައެވެ. ފަހު މެޗުގައި ވެމްކޯ ކުޅޭނީ ސިޓީ ކައުންސިލާއެވެ. ޔޫތު މިނިސްޓްރީ ބައްދަލުކުރާނީ ސްޓެލްކޯއާއެވެ.

ގްރޫޕް ޑީގައި ރޭ ކުޅުނު މެޗުން އެމްއޭސީއެލް ވަނީ ކަސްޓަމްސް އަތުން 3 ލަނޑު 2 ލަނޑުން ބަލިކޮށްފައެވެ. ކުޅުނު 2 މެޗުން ބަލިވެ، ކަސްޓަމްސް ކެޓިއިރު، އެމްއޭސީއެލް ވަނީ މި މޮޅާއެކު ކުރިއަށް ދިއުމުގެ އުއްމީދު އާ ކޮށްފައެވެ. ގްރޫޕް ބީގައި ހުޅުމާލެ ހޮސްޕިޓަލުން ވަނީ އެލައިޑް އަތުން 3 ލަނޑު 2 ލަނޑުން ބަލިކޮށްފައެވެ. ކުޅުނު ފުރަތަމަ މެޗުން އެލައިޑް ވަނީ ޕޮލިސް އަތުން ބަލިވެފައެވެ. އަދި ހުޅުމާލެ ހޮސްޕިޓަލް ވަނީ ޓްރޭޑް ކްލަބް އަތުން ބަލިވެފައެވެ.