ދުނިޔޭގެ ވިޔަފާރި

އެމެޒޯން ކުންފުނީގެ ގުދަންތަކުގައި މަސައްކަތް ކުރާ މީހުން މާސްކުއަޅަން މަޖުބޫރު ނުކުރަން ނިންމައިފި

އެމެޒޯން ކުންފުނީގެ ގުދަންތަކުގައި މަސައްކަތްކުރާ މީހުން މާސްކު ނާޅައި މަސައްކަތް ކުރެވޭނެ އިންތިޒާމު އެކުންފުނިން ހަމަޖައްސައިފިއެވެ.

އެމެޒޯން ކުންފުނިން މިކަމާއި ގުޅިގެން ބުނެފައިވަނީ އެކުންފުނީގެ ގުދަންތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މާސްކު ނާޅައި މަސައްކަތް ކުރުމުގެ ފުރުސަތު ދޭނީ ވެކްސިން ޑޯޒުތައް ފުރިހަމަކޮށްފައިވާނަމަ ކަމަށެވެ. އަދި މިވަގުތު އާންމު ސިއްޙަތާބެހޭ މާހިރުންނާއި އެކުންފުނީގެ ޑޯކްޓަރުންގެ ލަފާއަށްވެސް ބަލައި ކޯވިޑުގެ ހާލަތު ދަނީ މޮނީޓަރ ކުރަމުން ކަމަށް އެކުންފުނިން ބުނެއެވެ.

ކޯވިޑުގެ ހާލަތު މޮނީޓަރކޮށް އެމެޒޯން ކުންފުނިން މިގޮތަށް ނިންމި ނަމަވެސް، އާންމުކޮށް ފެޑެރަލް ޤާނޫނެއްގެ ދަށުން މާސްކު އަޅަން މަޖުބޫރު ކުރާނަމަ އަޅަން ޖެހޭނެއެވެ. މީގެ އިތުރަށް އެސްޓޭޓެއްގައި ވަކި ގޮތަކަށް ޤާނޫނީ ގޮތުން އެކަން އެގޮތަށް އަންގައިފި ނަމަވެސް އަމަލު ކުރާނީ ސްޓޭޓުގެ ޤާނޫނަށެވެ.

އެމެޒޯން ކުންފުނިން މާސްކު ކުންފުނީގެ މުވައްޒަފުންނަށް މަޖުބޫރުކުރީ ޑެލްޓާ ވޭރިއަންޓް ފެތުރެން ފެށުމާއި ގުޅިގެންނެވެ. އޯގަސްޓު މަހު އެކުންފުނީގެ ޤަވާއިދަށް މި ބަދަލު ގެނައި ނަމަވެސް މިހާރު އަނެއްކާވެސް ވެކްސިނޭޝަން ރޭޓުތައް މަތިވުމާއި އެކު މާސްކު އެޅުން މަޖުބޫރު ނުކުރަން ކުންފުނީން ނިންމީ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެމެޒޯން ކުންފުންޏަކީ ކޯވިޑުގެ ތެރޭގައި އެންމެ ބޮޑަށް ފައިދާވި އެއް ކުންފުންޏެވެ. ގޭގައި ގިނަ ބަޔަކު މަޑު ކުރަން ޖެހުމުން އޮންލައިން ވިޔަފާރި އިތުރުވެގެން ދިޔައެވެ.