ޚަބަރު

ބޯހިމެނުމަށް ތައްޔާރުވުމުގެ ޚާއްސަ ޙަރަކާތެއް މާލެ ސަރަޙައްދުގައި


އަންނަ އަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ ޕްރޮގްރާމަށް ތައްޔާރުވުމުގެ ގޮތުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މާލޭގެ އެކި އަވަށްތަކަށް އަމާޒުކޮށްގެން ޙަރަކާތެއް ފަށައިފިއެވެ. މިޙަރަކާތް މިފަހަރު ހަމައެކަނި މާލޭގައި ކުރިއަށްގެންދިޔަ ނަމަވެސް ކުރިއަށް އޮތް ތަނުގައި އަތޮޅުތެރޭގެ ރަށްރަށުގައިވެސް މިހަރަކާތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ވިދާޅުވެއެވެ.

ތަފާސް ހިސާބާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިއީ ބޯހިމެނުމުގެ ޕްރޮގްރާމަށް ތައްޔާރުވުމުގެ ގޮތުން އެޕްރޮގްރާމްގައި ބޭނުންކުރުމަށް ނިންމާފައިވާ ސުވާލުތައް ޓެސްޓުކޮށް މަޢުލޫމާތު ނެގޭ މިންވަރު ދެނެގަތުމަށް ކުރިއަށްގެންދާ ޙަރަކާތެއްކަމަށެވެ. އަންގާރަ ދުވަހުން ފެށިގެން ހަފްތާއެއްގެ މުއްދަތަކަށް ކުރިއަށްގެންދާ މިޙަރަކާތުގެ ތެރެއިން މާލޭގެ 4 ސަރަޙައްދަކުން 4 ބްލޮކްގައި ހިމެނޭ ގޭބިސީތަކަށް ސްޓެޓިސްޓިކްސް ބިއުރޯގެ މުވައްޒަފުން މަޢުލޫމާތު ހޯދުމަށް ޒިޔާރަތްކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ ގަލޮޅު، މާލޭ މުނިސިޕަލް ބްލޮކް 150އާއި މައްޗަންގޯޅި މާލޭ މުނިސިޕަލް ބްލޮކް 177އާއ 174އާއި 227އެވެ. މީގެއިތުރުން ވިލިމާލެއާއި ހުޅުމާލޭގައި ހޮވާލެވޭ ސަރަޙައްދުތަކުން ބައެއް ގޭބިސީތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަމަށް އެއިދާރާއިން ވިދާޅުވެއެވެ.

މިއީ އަންނަ އަހަރުތެރޭގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ ޕްރޮގްރާމްގެ ތެރެއިން ވީހާވެސް ބޮޑަށް ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތާއި ޤައުމުގެ ޢާއްމު ޙާލަތު ދެނެގަތުމަށްކުރިއަށްގެންދާ ޙަރަކާތަކަށްވާތީ މިކަމުގައި ޢާއްމުންގެ އެއްބާރުލުން ވީހާވެސް ބޮޑަކަށް ދެއްވުމަށް ސްޓެޓިސްޓިކްސް ބިއުރޯއިންވަނީ އިލްތިމާސްކުރައްވާފައެވެ. އެއިދާރާއާއިން ވިދާޅުވީ މިމަސައްކަތުގައި ޙަރަކާތްތެރިވާނީ ސްޓެޓިސްޓިކްސް ބިއުރޯގެ މުވައްޒަފުން ކަމަށާއި އޮފީސް ކާޑާއި މިކަމާ ގުޅޭ ސަރކިއުލާރ މުވައްޒަފުންގެ އަތުގައި އޮންނާނެކަމަށެވެ.

ބޯހިމެނުމަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ރައްޔިތުންގެ ޢާއްމު ޙާލަތާއި ދިރިއުޅުމުގެ ފެންވަރާއި ޢާމްދަނީ ބެހިގެންވާ ގޮތުގެ މަޢުލޫމާތު ޤައުމީ ފެންވަރުގައި އެއްކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެންމެ ފަހުން ރާއްޖޭގައި ބޯހިމަނާފައިވަނީ 2014 ވަނަ އަހަރުގައެވެ. ތަފާސްހިސާބާ ބެހޭ ޤައުމީ އިދާރާއިން މިހާރު އަންނަނީ އަންނަ 2022 ވަނަ އަހަރު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ މަސައްކަތަށެވެ. ބޯހިމެނުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގައެވެ.