ރިޕޯޓް

މިއަދަކީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް


މިއަދަކީ، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހެވެ.އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަނީ، 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާންތައް އާކޮށް، އެ ދުވަހުގެ ކާރިސާގައި ޙާލުގައި ޖެހުނު މީހުންނާއި ޢާއިލާތަކަށް އެހީތެރިވެދިނުމުގައި ދައްކައިދިން އަޚުވަންތަކަން ހަނދާންކޮށް އެ އެއްބައިވަންތަކަން ދަމަހައްޓައި ވަރުގަދަކުރުމުގެ ބޭނުމުގައެވެ. ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަކީ، ރާއްޖެއަށް ފަހުގެ ތާރީޚެއްގައި ކުރިމަތިވި، ރެކޯރޑްކުރެވިފައިވާ އެންމެ ބޮޑު ކާރިސާއެވެ. މިއަދަކީ، ސުނާމީގެ ބިރުވެރި ކާރިސާ ކުރިމަތިވިތާ 11 އަހަރު ފުރޭ ދުވަހެވެ.މުޖުތަމަޢަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ، އެމުޖުތަމަޢަކީ އުޚުއްވަތްތެރި އެއްބައިވަންތަ، އެއްބައެއްވަންތަ ބައެއްކަމުގައި ވުމެވެ. ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 26 ވަނަ ދުވަސް އެއްބައިވަންތަކަމުގެ ދުވަހުގެގޮތުގައި ފާހަގަކުރަމުންދާއިރު، ފަހުގެ ތާރީޚުގައި ދިވެހިންގެ އެއްބައިވަންތަކަން ފެނިގެންގޮސްފައިވަނީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ސައްބީސް ވަނަ ދުވަހު ކުރިމަތިވި ހިތާމަވެރި ބިރުވެރި ސުނާމީ ކާރިސާއާއި ގުޅިގެންނެވެ. ސުނާމީ ކާރިސާގައި ރާއްޖެއިން 15،000 މީހުންގެ ގެދޮރު ގެއްލި،13  ރަށަކުން މީހުން ހުސްކޮށް، އެހެން ރަށްރަށަށް ބަދަލުކުރަންޖެހުނެވެ. މި ކާރިސާގައި ރާއްޖޭގެ އާބާދީގެ ތިންބައިކުޅައެއްބައި މީހުންނަށް ސީދާ ގޮތެއްގައި އަސަރުކޮށްފައިވެއެވެ. އެތައް ބަޔަކު އެތައް ދުވަހެއްގެ ބުރަ މަސައްކަތުން އާރާސްތުކުރަމުންދިޔަ މުޅި ދިރިއުޅުން ސުނާމީގެ ބިޔަ އުސް ރާޅުތަކުގެ ތެރޭގައި ވަނީ އޮޔާގޮސްފައެވެ.ސުނާމީ ކާރިސާއާ ގުޅިގެން ދިވެހިންގެ ފަރާތުން ފެނިގެންދިޔަ އެއްބައިވަންތަކަމަކީ މިއަދު މިދުވަސް ފާހަގަކުރާ އެންމެ ބޮޑު ސަބަބެވެ. އެދުވަހު އެއްބަޔަކު އަނެއްބަޔަކަށް އެހީވުމަށް އަތުކުރިއޮޅާލައި، ދިވެހިން ވަނީ ވަރަށް ފުރިހަމަ ނަމޫނާއެއް ދައްކާފައެވެ. އެދުވަހުގެ ކާރިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޙާލުގައިޖެހުނު މީހުންނަށް އެހީ ފޯރުކޮށްދެއްވުމަށް ސަރުކާރުގެ އިދާރާތަކާއި، ސިފައިންނާއި ފުލުހުން ގުޅިވަޑައިގެން މަސައްކަތް ފެށްޓެވިއެވެ. ޙާލުގައިޖެހުނު މީހުންނަށް ތަކެތި ފޯރުކޮށްދިނުމަށް ހުޅުވާލެއްވި ފުރުޞަތުގައި ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ތަކެތި ފޯރުކޮށްދޭން ފެށިއެވެ. މިއާއެކު އެހީބޭނުންވާ ފަރާތްތަކަށް ބޯފެނާއި ބޭހާއި ކާބޯތަކެއްޗާއި، އަންނައުނު ފޯރުކޮށްދިނުމުގެ މަސައްކަތް ކުޑަ ހިނދުކޮށްޅެއްގެތެރޭގައި ފެށިގެންދިޔައެވެ.ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ދިވެހިރާއްޖޭގެ ގިނަ ރަށްތަކެއް ހިނދުކޮޅެއްގެ ތެރޭގައި ސުންނާފަތިކޮށްލި ބިޔަ ރާޅުގެ ބިރުވެރިކަމަކީ ދިވެހިންގެ ހިތްތަކުން ފިލައިގެންދާނެ ހަނދާންތަކެއް ނޫނެވެ. އެހެންނަމަވެސް ދިވެހިން ދައްކައިދިން އެއްބައިންތަކާއި، އެކުވެރިކަމާއި، ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް ވެދިން އެހީތަކަކީ އެފަރާތްތަކުން އަބަދުވެސް ޝުކުރުވެރިވާނެކަމެކެވެ.ސުނާމީއަށް 11 އަހަރު ފުރިގެންދާއިރު ރާއްޖެއަށް ދިމާވަމުންދާ މޫސުމީ ކަންތައްތަކުގެ ސަބަބުން ލިބޭ ގެއްލުންތަށް ދެނެގަނެ، އެފަދަ ކަންކަމަށް ދުރާލާ ތައްޔާރުވުމުގެ މުހިންމުކަން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ފާހަގަކުރައްވައެވެ. ސުނާމީ ކާރިސާގައި ރާއްޖެއިން 82 މީހުން މަރުވެ 26 މީހުން ގެއްލިފައިވެއެވެ. ޢުމްރާނީ އެތައް ވަޞީލަތްތަކެއް ބިމާ ހަމަވެ، އިޤްތިޞާދީގޮތުންވެސް ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔައެވެ. ތަރައްޤީގައި އެތައް އަހަރެއް ފަހަތަށް ޖެހި އަލުން ބަލުން ޤައުމު ބިނާކުރުމުގެ މަސައްކަތްކުރަންޖެހުނެވެ. އެހެންނަމަވެސް ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަމުގެ ރިވެތި ނަމޫނާއާ، އެކި ފަރާތްތަކުން ލިބިގެންދިޔަ އެހީތަކާއެކު 11 އަހަރު ވީއިރު ޤައުމު މިވަނީ އާރާސްތުކުރެވިފައެވެ.އެއްބައިވަންތަކަމަކީ އަމާން އައްސޭރިއަކަށް ޤައުމު ގެންގޮސްދޭނެ ކަމެއްކަން މިވަނީ ކަށަވަރުވެފައެވެ. އެހެންކަމުން މިމުޖުތަމަޢުގައި މިފަދަ އެއްވައިންތަކަމެއް ނެގެއްޓުމަށްޓަކައި، އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކޮށް އެކުވެރިކަމާއި އުޚުއްވަތްތެރިކަމުގެ ތަނބުތައް ވަރުގަދަ ކުރަންޖެހެއެވެ.