ޚަބަރު

ކޯވިޑާއި ގުޅިގެން އައްޑޫގައި އެއްގެއިން އަނެއްގެއަށް ދިއުން މެދުކަނޑާލުމަށް ނިންމައިފި


އައްޑޫގައި ކޯވިޑު ފެތުރޭ މިންވަރު ކޮންޓްރޯލު ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.

އައްޑޫގައި މިހާރު އަލަށް އެޅުމަށް ކަނޑައެޅި ފިޔަވަޅުތަކުގެ ތެރޭގައި އެއްގެއިން އަނެއްގެއަށް ނުދިއުމާއި، ޖަލްސާތަކާއި ހަފްލާތަކާއި އަދި ކުޅިވަރު ހަރާކާތްތައް ހުއްޓާލުން ހިމެނެއެވެ. މީގެ އިތުރުން އައްޑޫގެ ސްކޫލްތަކުގައި ދެ ހަފްތާގެ މުއްދަތަށް ކިޔެވުން ނޫން އެހެން ހަރަކާތެއް ކުރިއަށް ނުގެންދިއުމަށް ވަނީ އަންގާފައެވެ. އަދި މިހާރު ކަނޑައަޅާފައިވާ ކާފިއު ވަގުތަށް ބަދަލެއް ނައިސް އޮތް ގޮތަށް ދަމަހައްޓާއިރު، ފުލުހުން އިތުރަށް މިކަންކަން ތަންފީޒު ކުރުމަށް ހަރަކާތްތެރި ވާނެ ކަމަށް އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރެއެވެ.

އައްޑޫ އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު ވިދާޅުވީ އައްޑޫގައި މިހާރު ބަލި ފެތުރޭ މިންވަރު އިތުރު ވެފައިވާތީ ބަލި ކޮންޓްރޯލު ކުރަން އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހޭ ހާލަތަށް ގޮސްފައިވާ ކަމަށެވެ. ނިޒާރު ވިދާޅުވި ގޮތުގައި މީގެ ކުރީން ދެ ފަހަރެއްގެ މަތިން އައްޑޫގައި ބަލި ފެތުރިގެން ދިޔަ އިރުވެސް ކޮންޓްރޯލް ކޮށްފައިވަނީ ބަންދުކޮށްގެން ކަމަށާއި ނަމަވެސް މިހާރު އެގޮތަށް އެކަން ނުކުރެވޭނެ ކަމަށެވެ.

" ދެ ފަހަރުވެސް ފެތުރެން ފެށުމުން ކޮންޓްރޯލް ކުރީ އެއްކޮށް ބަންދުކޮށްގެން. ދެ ހަފްތާ ތެރޭގައި އައްޑޫ ކޮންޓްރޯލް ކުރެވޭ. އެހެންނަމަވެސް މިހާރު އެއީކީ ހައްލެއް ނޫން. އެގޮތަށް މުޅި އަތޮޅު ނުވަތަ މުޅި ރަށް ބަންދުކޮށްގެން އެކަން ނުވާނެ. އެގޮތަށް އެކަން ކުރަން ވެއްޖެނަމަ އާންމުންގެ ވިޔަފާރިތަކާއި ކަންކަން ވަރަށް ބޮޑަށް ދަށަށް ދާނެ. އިތުރަށް ބުނާނަމަ މީހުން ކުރަމުން އައި ވިޔަފާރިތައް ހުއްޓިފަ ތިބީ. އަބަދަށް ހައްލެއް ނޫން ބަންދުވެގެން އެ ފިޔަވަޅުތަކުގެ ތެރޭގައި ދެމި ތިބުމަކީ. އެއީކީ އެޗްޕީއޭއިން މިހާރު ރެކޮމެންޑު ކުރާ ގޮތެއްވެސް ނޫން އަދި އަޅުގަނޑުމެން އެދޭ ގޮތެއްވެސް ނޫން." މޭޔަރ ނިޒާރު ވިދާޅުވިއެވެ.

އައްޑޫއަކީ އަތޮޅު ތެރެއިން މިހާރު އެންމެ ބާރަށް ކޯވިޑު ފެތުރެމުންދާ ސިޓީއެވެ. އަދި މިހާރު އެންމެ ގިނަ ދުވަސް ވަންދެންވެސް މޮނީޓަރިންއަށް ލާފައި އޮތީ އައްޑޫއެވެ. އައްޑޫގައި ކޯވިޑު ކޮންޓްރޯލު ނުކުރެވޭތީ އައްޑޫގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާއިރު އަދި މިހާރު އަޅާފައި ހުރި ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށް ތަންފީޒު ކުރުމަށް އިތުރަށް މަސައްކަތް ކުރާނެ ކަމަށް މި ޕްރެސް ކޮންފަރެންސްގައި މޯލްޑިވްސް ޕޮލިސް ސާވިސްއިން ވަނީ ވިދާޅުވެފައެވެ.

އައްޑޫގައި ދުވާލެއްގެ މައްޗަށް އެވްރޭޖްކޮށް މިހާރު 20 ކޭސް ޕޮޒިޓިވް ވަމުންދާއިރު، އެންމެ ގިނަ ކޭސް އާދިއްތަ ދުވަހުގެ 6 ޖެހުމާއި ހަމައަށް އޮތީ ހިތަދޫގައެވެ. ހިތަދޫގައި 178 އެކްޓިވް ކޭސް އޮތް އިރު، ދެން އެންމެ ގިނަ ކޭސް އުޅެނީ މަރަދޫގައެވެ. މަރަދޫގައި 40 ކޭސް އެބައޮތެވެ. ފޭދޫގައި 19 ކޭސް އޮތް އިރު މަރަދޫ ފޭދޫގައި އޮތީ އެންމެ ކޭސްއެކެވެ. މީގެ އިތުރުން ވަކިން އޮންނަ ހުޅުދޫން 5 ކޭސް އެކްޓިވްކޮށް އޮތްއިރު މީދޫގައި 16 ކޭސް އެބައޮތެވެ. މިކޭސްތަކާއި އެކު އައްޑޫގައި މިވަގުތާއި ހަމައަށްވެސް ޖުމްލަ 264 އެކްޓިވް ކޭސް އޮތް ކަމަށް އައްޑޫ އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން މައުލޫމާތު ދެއެވެ.