ޚަބަރު

ހުރިހާ ރަށެއްގައި ޑިޒާސްޓަރ މެނޭޖްމެންޓް ޔުނިޓް ޤާއިމް ކުރަނީ


ރާއްޖޭގެ ހުރިހާ ރަށެއްގައި ޑިޒާސްޓަރ މެނޭޖްމެންޓް ޔުނިޓްތަކެއް ޤާއިމް ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ހާމަކުރައްވައިފިއެވެ.މި ޔުނިޓްތައް ޤާއިމް ކުރައްވަނީ ރަށްރަށުގެ ރަށު ކައުންސިލްތަކުގައެވެ.ފެންބޮޑުވުމާއި، ރާޅުއެރުން ފަދަ މޫސުމީ ކާރިސާތަކަކީ ރާއްޖޭގެ ރަށްތަކަށް ވަަރަށް ގިނައިން ދިމާވާ ކަންކަމެވެ. މިފަދަ ކާރިސާގެ ވަގުތުތަކުގައި ހާލުގައި ޖެހޭ ފަރާތްތަކަށް އެހީވުމަށް މާލެއިން ދާންޖެހޭ ދިއުން ހުއްޓުމަކަށް ގެނެސް، އެކާރިސާއެއް ދިމާވާ ރަށަކުން އެހީތެރިކަން ފޯރުކޮށްދެވޭނެ ފަދަ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ގެންދަވަނީ ކުރައްވަމުންނެވެ.ޕީއެސްެއެމް ނިއުސްއަށް ދެއްވި އިންޓަވިއެއްގައި ޑިފެންސް މިނިސްޓަރގެ ނައިބް ފާތުމަތު ތަސްނީމް ވިދާޅުވީ  ރަށްރަށުގައި މި ޔުނިޓްތައް ޤާއިމް ކުރައްވަނީ ސެންޓްރަލައިޒްޑް ނިޒާމެއްގެ ދަށުން މިފަދަ މަސައްކަތްތައް ކުރުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށް ކަމަށެވެ. އެގޮތުން ކާރިސާއެއް ދިމާވާ ހާލަތުގައި މާލެއިން ފުރައިގެން އެކާރިސާއެއް ދިމާވެގެން އުޅޭ ރަށަކަށް ދަތުރު ކުރުމުގެ ބަދަލުގައި އެރަށެއްގައި ކާރިސާތަކަށް އަހުލުވެރި މީހުން ތަމްރީންވެފައި ތިބުމަކީ މުހިއްމު ކަމަކަށްވާތީ ކަމަށެވެ. ތަސްނީމް ވިދާޅުވީ މި ޔުނިޓް ޤާއިމްކުރައްވަނީ ވަކިން ބަޔަކަށް ވަޒީފާދީގެން ނޫން ކަމަށާއި، މިހާރު ކޮންމެ ރަށެއްގައި އޮންނަ ރަށުކައުންސިލްގެ ތެރޭގައި ކަމަށެވެ. އަދި ރަށްރަށަށް ގޮސް ޑިޒާސްޓަރ މެނޭޖްމެންޓް ޔުނިޓްގައި މަސައްކަތް ކުރާނެ މީހުން ތަމްރީން ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.މިދިޔަ އަހަރު ފެށި މި މަސައްކަތުގެ ދަށުން މިހާރު ބައެއް ރަށްރަށުގައި މިފަދަ ޔުނިޓްތައް ޤާއިމް ކޮށްފައިވާ ކަމަށް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން މަޢުލޫމާތު ދެއްވައެވެ.