ކުޅިވަރު

ޓީރެކްސް ދޫކޮށް ޗިކު ކިންގްސްއަށް ބަދަލުވެއްޖެ


7 އަހަރަށް ފަހު އިބްރާހިމް ރަޝްވާން (ޗިކު) ޓީރެކްސް ދޫކޮށް، އެންމެ ފަހުގެ ލީގު ޗެންޕިއަން ކިންގްސް ބާސްކެޓް ބޯލް ކުލަބަށް ބަދަލުވެއްޖެއެވެ. ޤައުމީ ބާސްކެޓް ޓީމުގައިވެސް މުހިންމު ދައުރެއް އަދާކުރާ އިބްރާހީމް ރަޝްވާނަކީ ޓީރެކްސްގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. ޗިކު ޓީރެކްސް ދޫކޮށް، ކިންގްސްއަށް ރަޝްވާން ބަދަލުވެފައިވަނީ އެއް އަހަރުގެ ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ރަޝްވާން ކިންގްސްއަށް ބަދަލްވެފައިވާއިރު، އެޓީމު ވަރުގަދަ ކުރުމުގެ ގޮތުން އަޙުމަދު ހުޝާމްވެސް ވަނީ ކިންގްސްއަށް ގެންގޮސްފައެވެ. ކިންގްސްއިން އެޓީމް ވަރުގަދަ ކުރަމުންދަނީ މިއަންނަ އަހަރުގެ ބާސްކެޓް ސީޒަނަށެވެ. އިބްރާހީމް ރަޝްވާން (ޗިކު)އަކީ ރެޑްބުލްގެ ބްރޭންޑް އެމްބަސަޑަރުކަށްކުރި ފުރަތަމަ ބާސްކެޓް ކުޅުންތެރިޔާއެވެ. ޗިކުއަކީ ޖޫނިއަރ އުމުރުފުރާއިން ފެށިގެން ބާސްކެޓުގައި ކުރިއަރަމުން އައިސްފައިވާ ކުޅުންތެރިއެކެވެ. ޗިކުވަނީ ރާއްޖޭގެ އެންމެ މޮޅު ބާސްކެޓް ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ. ޓީރެކްސްއާއެކު ޗިކުވަނީ ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައެވެ.

2018ވަނަ އަހަރު ސްރިލަންކާގައި ކުރިއަށްދިޔަ ތުރީއޮންތުރީ ބާސްކެޓް މުބާރާތުގައި ޗިކުގެ ކަކުލަށް ލިބުނު އަނިޔާއާއި ގުޅިގެން އޭނާވަނީ ކުޅުމާއި ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައެވެ. އެގޮތުން ޖެހިގެންއައި 2019ވަނަ އަހަރު ނޭޕާލްގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގައިވެސް އަނިޔާގެ ސަބަބުން ޗިކުއަށް ބައިވެރިއެއް ނުވެވުނެވެ. ނަމަވެސް އަނިޔާއިން ރަގަނޅުވެގެން ކިޗު ވަނީ މިމަހުގައި ބަންގްލަދޭޝްގައި ކުރިއަށްދިޔަ ސާބާ ޗެންޕިއަންޝިޕްގައި ޤައުމީ ޓީމުގައި ހިމެނިގެން ކުޅެފައެވެ.