ކުޅިވަރު

ފަހުވަގުތު ބާސެލޯނާއިން ވިޔަރެއާލްގެ މައްޗަށް ކުރި ހޯދައިފި


ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއާއި ވިޔަރެއާލް ވާދަކުރި މެޗު ބާސެލޯނާ ކާމިޔާބުކޮށްފިއެވެ. ފަހު ވަގުތު ޖެހި ގޯލުތަކާއެކު ބާސެލޯނާ މެޗު ކާމިޔާބުކުރީ 3 ލަނޑު އެއްލަނޑުންނެވެ.

ވިޔަރެއާލް ދަނޑުގައި ރޭ ކުޅުނު ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއް ވެސް ޓީމަކަށް ގޯލެއް ކާމިޔާބެއް ނުކުރެވުނެވެ. އެހެންނަމަވެސް ދެ ވަނަ ހާފް ފެށިގެން ފަސް މިނިޓް ތެރޭ ބާސެލޯނާ އިން ލީޑުނެގިއެވެ. ބާސެލޯނާއަށް ލިޑު ނަގައިދިނީ ފްރެންކީ ޑި ޖޯންއެވެ. އޭރިއާތެރެއިން ޑި ޖޯން ޖެހި ލަނޑަކީ އޮފްސައިޑް ލަނޑެއްކަމަށް ލައިންސްމަން ނިންމުމުން ވީއޭއާރް ބެލުމަށް ފަހު އެލަނޑު އޮފްސައިޑް ނޫންކަމަށް ވަނީ ނިންމާ ގޯލެއްކަމަށް ބަލައިގެންފައެވެ.

މެޗުގައި ނަތީޖާ ހަމަހަމަ ކުރަން ވިޔަރެއާލުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 76 ވަނަ މިނިޓްގަ ސެމިއުލް ޗުކުވޭޒް ޖެހި ގޯލުންނެވެ. ބާސެލޯނާ އިން ދެ ވަނަ ފަހަރަށް ލީޑުނެގީ މެޗުގެ 88 ވަނަ މިނިޓްގައެވެ. ވިޔަރެއާލްގެ ކުޅުންތެރިނަށް ހެދުނު ގޯހެއްގެ ފައިދާނަގައި ބާސެލޯނާއަށް އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވިޔަރެއާލްގެ ކީޕަރު ކައިރިން ނައްޓާފަ މެމްފިސް ޑިޕާއިއެވެ. އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި ބާސެލޯނާގެ ތިން ވަނަ ގޯލު ޖެހީ ޕެނަލްޓީ އަކުން އެޓީމުގެ ފިލިއްޕޭ ކުޓީނިއޯއެވެ. މިއީ ވިޔަރެއާލްގެ އާޖެންޓީނާގެ ޑިފެންޑަރު ޖުއާން ފޮއިތު އޭރިއާތެރެއިން ކުޓީނިއޯ އަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

މެޗަށް ފަހު ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ ރޭގެ މެޗަކީ އޭނާ ބާސެލޯނާއާ ހަވާލުވި ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން އެންމެ ދަށް ކުޅުން ފެނިގެންދިޔަ މެޗުކަމަށެވެ. އަދި މެޗުން ބާސެލޯނާ މޮޅުވީ ޑިޕާއިގެ މަސައްކަތުން ކަމަށްވެސް ކޯޗު ބުންޏެވެ.