ޚަބަރު

މިލަދޫ ބަނދަރުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސްތެރޭ ނިމޭނެ: ކައުންސިލް


ނ. މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށާއި މިމަސައްކަތް ކުރިއަށް އޮތް ތިން މަސްދުވަސް ތެރޭ ނިމޭނެ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން މިލަދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެއެވެ.

އާބާދީގައި 1500 އެއްހާ މީހުން ދިރިއުޅޭ ނ.މިލަދޫއަކީވެސް މާލެ ދަތުރުކުރާ ބޯޓުތަކާއި އޮޑިދޯނިފަހަރުތައް ގިނަ ރަށެކެވެ. މިރަށަށްވެސް ދިމާވެފައިވާ އެންމެ ބޮޑު އެެއް މައްސަލައަކީ ލަފާފުރުމުގައި ދިމާވާ ދަތިކަމެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން، ނ. މިލަދޫ ކައުންސިލްގެ ރައީސް އަބްދުލް މަޖީދު މުހައްމަދު ވިދާޅުވީ، ކުރީން ބަނދަރު ހެދިއިރު ކޮނެފައިވާ ސަރަހައްދު ކުޑަވުމުގެ ސަބަބުން ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށެވެ. މިލަދޫއަށް ދިމާވެފައިވާ ލަފާ ފުރުމުގެ ދަތިކަމަށް ހައްލެއް ގެނައުމުގެ ގޮތުން އެރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މިސަރުކާރުންވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީއާ ހަވާލުކޮށްފައެވެ. މިމަސައްކަތުގެ ދަށުން އިތުރު 200 ފޫޓުގެ ޖާގައެއް ބަނދަރަށް ލައި، ކުރިން ކޮނުނު ބަޔާ އެއްކޮށް ގުޅުވާލައި ތޮށިޖެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްވެސް ކައުންސިލްގެ ރައީސް ވަނީ ހާމަކުރައްވާފައެވެ.

42.1 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 37،222 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 209 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށި ލުމާއި، 152 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް އަދި 286 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުން ހިމެނޭކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން 1،430 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް ހިމެނޭކަމަށް އެ ކުންފުނިން ވަނީ ހާމަކުރައްވާފައެވެ.

މިމަޝްރޫޢު ނިމިގެންދާއިރު ރަށަށް ތަރައްޤީގެ އިތުރު ފުރުސަތުތައް ލިބިގެންދާނެ ކަމަށް ރަށު ކައުންސިލުން ދެކެއެވެ. އަދި ބަނދަރު ތަރައްޤީކޮށް ނިމުމާއެކު ވިޔަފާރީގެ އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް އެރަށު ރައްޔިތުން ދެކެއެވެ.