ރިޕޯޓް

މުޢާމަލާތުކުރުމުގައި ރިވެތި އަދަބުތައް ގެންގުޅެންޖެހޭ


ކޮންމެ ދުވަހަކުވެސް އެތައް
ބަޔަކާ ވާހަކަ ދައްކާ މުޢާމަލާތު ކުރަންޖެހެއެވެ. ރަޙުމަތްތެރިންނާއި، ޢާއިލާގެ
މީހުން، އަދި ކުރިން ދިމާނުވާ އެތައް ބަޔަކާ ވާހަކަ ދައްކަން ޖެހެއެވެ. މިއިން
ކޮންމެ މީހަކާ މުޢާމަލާތުކުރާއިރުވެސް ވާހަކަ ދެއްކުމުގެ އަދަބުތައް ތިމާގެ ވާހަކަ
ދެއްކުމުގައި ފެންނަން ހުރުން އެއީ މުހިއްމު ކަމެކެވެ.



އޮފީސްތަކާއި، ހޮސްޕިޓަލްފަދަ
އާންމުން ގިނަގިނައިން ޒިޔާރަތްކުރާ ތަންތަނުގެ ކައުންޓަރުގައި ތިބޭ ފަރާތްތަކަކީ
އެތަނަކަށް އަންނަ ހުރިހާ ފެންވަރެއްގެ މީހުންނާއި، ހިނިތުންވުމާއެކު ވާހަކަ
ދައްކާ މުޢާމަލާތުކުރާ ބަޔަކަށް ވާންޖެހެއެވެ. ޚާއްޞަކޮށް ހޮސްޕިޓަލްތަކަށް
ޚިދުމަތް ހޯދުމަށްދާ މީހުންނަކީ ބަލި މީހުން ކަމަށްވާއިރު އެމީހުންނާއި އޯގާތެރިކަމާއެކު
މުޢާމަލާތް ކުރަންޖެހެއެވެ.



ޚީދުމަތްދޭ ކޮންމެ ތަނެއްގައިވެސް
ވަރަށް ރަނގަޅަށް، އިޙްތިރާމާއެކު މުޢާމަލާތުކުރާ މީހުން އުޅެއެވެ. އެހެންނަމަވެސް
އެގޮތަށް ކަންތައްތައް ނުކުރާ މީހުން އުޅޭ ވާހަކައަކީ މީހުން ދައްކާ ވާހަކައެކެވެ. ހަމަ
އެގޮތަށް ޚިދުމަތް ހޯދަންދާ ފަރާތްތަކުންވެސް ކައުންޓަރުތަކުގައި ތިބޭ
މުއައްޒަފުންނާއި ރަނގަޅު ނޫން ގޮތްގޮތަށް ވާހަކަ ދެއްކުމާއި، އަދި މަދުން
ނަމަވެސް ޒުވާބުކޮށް ބިރުދައްކާ ކަމުގެ ވާހަކަތައްވެސް ފާހަގަކޮށްލެވެއެވެ.



މިކަންކަމަކީ ދެފަރާތުންވެސް ޙައްލުކުރަންޖެހޭ
ކަންކަމެވެ. އެއް މުޖްތަމަޢެއްގައި އުޅޭއިރު އެކަކު އަނެކަކާއި މުޢާމަލާތުކުރުމުގައި
މަޑުމައިތިރިކަމާއި އޯގާތެރިކަން އިސްކުރަންޖެހެއެވެ. ތަހުޒީބީ މުޖްތަމަޢެއް ބިނާ
ކުރުމަށް މިއީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ. ނުރަނގަޅު
މުޢާމަލާތުކުރުމަކުން ލިބޭ ނުތަވަސްކަމުގެ ބަދަލުގައި އިޙްތިރާމްކުރުމުން ލިބޭނީ
ހިތްހަމަޖެހުން ހޯދުން މި މުޖުތަމަޢަށް މިވަނީ ބޭނުންޖެހިފައެވެ.