ތަރައްްޤީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސޯޝަލް ހައުސިންގ މަޝްރޫޢުތައް ހިންގުން މަނާކުރަނީ


ސޯޝަލް ހައުސިންގ މަޝްރޫޢުތައް ސަރުކާރު ޙިއްސާވާ ކުންފުނިތަކުން ހިންގުން މަނާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ، އެސް.އޯ.އީ ކޮމެޓީން ފާސްކޮށްފިއެވެ.

ކޮމެޓީން މިގޮތަށް ފާސްކޮށްފައިވަނީ އެ ކޮމިޓީގެ މި އަހަރުގެ 56ވަނަ ބައްދަލުވުމުގައި ކޮމިޓީގައި އެވަގުތު ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުންނެވެ.

ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެ ކުންފުނިތަކުން ކުރިއަށްގެންދަވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުއާގުޅޭ މައްސަލަ އެސް.އޯ.އީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައި އެ ކޮމެޓީއަށް ފާހަގަކުރެވުނު ގިނަ ކަންތައްތަކަކާއި، ކޮމެޓީގެ ނިންމުންތަކާއި ހުށަހެޅުންތައް ހިމަނާފައިވެއެވެ. ކޮމެޓީން މި ރިޕޯޓް އެކުލަވާލާފައިވަނީ އެ މަސައްކަތް ހަވާލުކުރި ސަރުކާރު ކުންފުނިތަކާއި، ޕްލޭނިން މިނިސްޓްރީއާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ވެރިން ހާޒިރުކޮށްގެން ކަމާގުޅޭ މައުލޫމާތު އޮޅުން ފިލުވައި، މަސައްކަތް ފަށާފައިވާ ސައިޓުތަކަށްވެސް ކޮމެޓީގެ މެމްބަރުން ޒިޔާރަތްކުރެއްވުމަށްފަހުއެވެ.

އެގޮތުން އެ ކުންފުންޏެއް އުފައްދާފައި އޮތް މަޤުޞަދާ އެއްގޮތަށް މަސައްކަތްތައް ކުރުމުގެ ބަދަލުގައި މުޅިން އެހެން ކަމަކަށް ކުންފުނީގެ ހުރިހާ ވަޞީލަތްތަކާއި ފައިސާ ޚަރަދުކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ މަސައްކަތްކުރުމުން ކުންފުނީގެ ކޭޝްފްލޯ ތާށިވެ، ކުންފުނީގެ މެންޑޭޓުގައި ހިމެނޭ ގިނަ މަސައްކަތްތައް ނުކުރެވި، ކުންފުނީގެ ހިންގުމަށް ހުރަސްއެޅިގެންދާކަން ކޮމެޓިން ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން ކުރިއަށް އޮތްތާނގައި މިފަދަ އެއްވެސް ބޯހިޔާވެހިކަމުގެ މަޝްރޫޢެއް ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި ޙަވާލުނުކުރުމަށާއި، ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ހިންގާ ބޯހިޔާވެހިކަމުގެ މަޝްރޫޢުތަށް ކުރިއަށް ގެންދިއުމަށް އެންމެ އެކަށީގެންވަނީ އަދި ރައްޔިތުންނަށް އޭގެ މަންފާއާއި ލާބަ އެންމެ އެދެވޭ ގޮތެއްގައި ލިބޭނީ، ބޯހިޔާވެހިކަމުގެ މަޝްރޫޢުތައް ހިންގުމަށް ކަނޑައަޅާފައިވާ ކުންފުނިތަކުން އެ މަސައްކަތްކުރިޔަށް ގެންދިއުމުންކަމަށް ކޮމެޓީ ރިޕޯޓުގައި ބުނެފައިވެއެވެ.

ހައުސިންގ މަޝްރޫޢުތަކުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިމުމަށްފަހު، އެ ހައުސިންގ މަޝްރޫޢުތައް މެނޭޖްކުރުމުގެ މަސްއޫލިއްޔަތު ސަރުކާރު ޙިއްސާވާ ކުންފުނިތަކާ ޙަވާލުވުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ކޮމެޓީން ވިދާޅުވެއެވެ. އަދި ދުރު މުސްތަޤްބަލަށް ވިސްނާއިރު ސަރުކާރުން ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގެ މެންޑޭޓް ކަނޑައަޅާފައިވާ ކުންފުނިތައް ފިޔަވައި އެހެން ސަރުކާރު ޙިއްޞާވާ ކުންފުނިތަކަކަށް މިފަދަ މަސްއޫލިއްޔަތެއް އަދާނުކުރެވޭނެކަންވެސް ކޮމެޓީން ފަހާގަކުރައްވާފައިވެއެވެ.

ހައުސިންގ ޕްރޮޖެކްޓްފަދަ ކުންފުނިތަކުގެ ޕްރައިމަރީ ފަންކްޝަންގައި ނުހިމެނޭ ދާއިރާތަކަށް ލޯނު ނަގަންޖެހުމަކީ، ކުންފުނިތަކުގެ މާލީ ޙާލަތަށް އަސަރު ފޯރައި، ދަރަނި ބޮޑުވެ، މުސްތަޤްބަލުގައި ކުންފުނީގެ ލިކުއިޑިޓީ ރޭޝިއޯއަށް އަސަރު ފޯރައި، ކުންފުނީގެ ތަރައްޤީގެ މަޝްރޫޢުތަކަށް ފައިނޭންސް ހޯދުމަށް އެޅޭ ހުރަހެއްކަމަށް ފާހަގަކުރެވޭތީ، ހައުސިންގ މަޝްރޫޢުތަކަށް ނަގާ ލޯނުތަކުގެ ސަބަބުން ކުންފުނިތަކުގެ ކޭޝް ފްލޯއާއި، ކުންފުނީގެ މާލީ ޙާލަތައް އަންނަ ދަތިތައް ދެނެގަނެ، އެކަށީގެންވާ ގޮތެއްގައި ކުންފުނިތަކުގެ ފައިނޭންސް މެނޭޖުކުރުމަށް ކުންފުނިތަކަށް އެންގުމަށްވެސް އެސް.އޯ.އީ ކޮމެޓީން އެކުލަވާލި ރިޕޯޓުގައި ހުށަހަޅާފައިވެއެވެ.

އެސް.އޯ.އީ ކޮމެޓީ ރިޕޯޓުގައި ފްލެޓްތަކުގެ ހަޤީޤީ މަންފާއެއް މުވައްޒަފުންނަށް ހޯދައިދިނުމަށާއި، ކުންފުނިތަކުގެ މުވައްޒަފުންނަށް އެ ފްލެޓްތައް ލިބިދިނުމަށް، އެ ފަރާތްތަކުން ފްލެޓަށް ދައްކަންޖެހޭ ފައިސާ ދެއްކޭނެ ނުވަތަ ފައިނޭންސް ކުރާނޭ ވިހާވެސް ލުއިގޮތްތަކެއް ހޯދައިދިނުމަށާއި، ޢިމާރާތްކުރުމުގެ މަސައްކަތް ފެށުމުގެކުރިން މިހާރު މަސައްކަތް ނުނިމޭ ހައުސިންގ މަޝްރޫޢުތަކުގައި ހުރި މައްސަލަތައް ދެނެގަނެ، އެ ކަންތައްތައް ޙައްލުކުރުމަށްވެސް ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން ސަރުކާރު ޙިއްޞާވާ ކުންފުނިތައް ހިމެނޭގޮތަށް ބޯހިޔާވެހިކަމުގެ މަޝްރޫއުގެ ދަށުން ޢިމާރާތްތައް އެޅުމަށް ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން 15 ފަރާތަކަށް ބިންދޫކޮށްފައިވާކަމާއި، އޭގެ ތެރެއިން މަސައްކަތް ކުރިއަށްދަނީ އެންމެ 6 މަޝްރޫޢުގެކަން ކޮމެޓީން ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން މަސައްކަތް ކުރިއަށް ނުދާ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ބިންތައް އަނބުރާނެގުމަށް އެޗް.ޑީ.ސީއަށް އެންގުމަށް ކޮމެޓީން ވަނީ ފާސްކޮށްފައެވެ. އަދި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ޢިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ކުންފުނީގެ މުވައްޒަފުންނަށް ދޫކުރުމަށްފަހު ބާކީވާ ފްލެޓްތަކުގެ ތެރެއިން ސަރުކާރުގެ ބޯހިޔާވެހިކަމުގެ މިންގަނޑަށް ފެތޭ ފްލެޓްތައް ސަރުކާރަށް ނެގުމަށްފަހު، ބާކީވާ ފްލެޓްތައް މާކެޓުގައި ވިއްކުމަށްވެސް ކޮމެޓީ ރިޕޯޓުގައި ހުށަހަޅާފައިވެއެވެ.