3 ރަށެއްގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ( އެމްޓީސީސީ ) ހަވާލުކޮށްފިއެވެ. 72 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ބ.ދަރަވަންދޫއާއި އެ އަތޮޅު ކެންދޫގެ އިތުރުން އައްޑޫ ސިޓީ ހިތަދޫގައެވެ.
އެމްޓީސީސީ އާއި ޕްލޭނިން މިނިސްޓްރީއާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކެންދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް 803 މީޓަރުގެ ބްރޭކްވޯޓާ އާއި، 90 މީޓަރުގެ ދެ ގްރޮއިން ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި 80 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓެއް ޖެހުމާއި 20 މީޓަރު ފުޅާ، 40 މީޓަރު ދިގު ސަރަހައްދެއް ފުންކޮށް މޫދަށް އެރޭ ސަރަހައްދެއް ތަރައްގީކުރާނެއެވެ. ކެންދޫގެ މި މަސައްކަތްތައް 1 އަހަރު ދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރަންޖެހެއެވެ. މި މަސައްކަތުގެ އަގަކީ ޖުމްލަ 39.9 މިލިއަން ރުފިޔާއެވެ.
ދަރަވަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަގަކީ 22.1 މިލިއަން ރުފިޔާއެވެ. 6 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި މި މަޝްރޫއުގެ ދަށުން އެ ރަށުގެ ގިރާ ސަރަހައްދުގައި 490 މީޓަރުގެ 7 ބްރޭކްވޯޓާ ހަދައި 96 މީޓަރުގެ ރިވެޓްމަންޓް ޖަހާނެއެވެ. އަދި އެރަށުގެ އުތުރު ފަރާތު ގޮނޑު ދޮށް ވެލިން މުއްސަނދި ކުރުމަށް ހަމަޖެހިފައިވެއެވެ.
ބ.ކެންދޫ، ބަ.ދަރަވަންދޫ އަދި ސ.ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށް @MTCCPlc އާ ހަވާލުކޮށްފި.
— Min.of National Planning, Housing & Infrastructure (@MoNPHImv) November 25, 2021
މި މަޝްރޫޢުގެ ދަށުން މި ތިން ރަށުގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، ގޮނޑުދޮށް ހިމާޔަތްކުރެވިގެންދާނެ. pic.twitter.com/jsVhOeQ0WY
ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުއަކީ 165 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 11.6 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ. މި މަޝްރޫއުގައި ހިތަދޫގެ ހުޅަނގުފަރާތުން 570 މީޓަރުގެ ސަރަހައްދެއްގައި ޖިއޯޓިއުބް ރިވެޓްމެންޓް ޖެހުމާއި 15 މީޓަރު ފުޅާ، 50 މީޓަރު ދިގު ސަރަހައްދެއް ފުންކޮށް މޫދަށް އެރޭ ސަރަހައްދެއް ހެދުމަށް ހަމަޖެހިފައިވެއެވެ. ހިތަދޫގައި ވެސް 100 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާއެއް ހަދާނެއެވެ.
މި ރަށްރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ މި މަޝްރޫތައް އެމްޓީސީސީއަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީން ސޮއިކުރެއްވީ ޕާމަނަންޓް ސެކްޓަރީ ޒީނިޔާ އަޙްމަދު ހަމީދުއެވެ. އަދި އެމްޓީސީސީން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ.