ސިޔާސީ

ނައިބު ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް ބަންގްލަދޭޝްގެ ބޮޑުވަޒީރު، ޝައިޚް ޙަސީނާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު މެންދުރުފަހު ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ވަނީ ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮންނަ ގުޅުމަކީ އެތައްޒަމާންތަކަށް ދެމިގެންގޮސްފައިވާ ގާތް ގުޅުމެއްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބަންގްލަދޭޝްގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބާއާއި ބަންގްލަދޭޝްގެ ފައުންޑިންގ ލީޑަރ ޝައިޚް މުޖީބުއްރަޙްމާންގެ 100 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ މުނާސަބަތުގެ، ތަހުނިޔާ އާއި ހެޔޮއެދުންތައް ބަންގްލަދޭޝްގެ ބޮޑުވަޒީރަށް އަރިސްކުރައްވާފައެވެ.

ދެ ބޭފުޅުން ވަނީ ދެޤައުމުގެ ދެމެދު އެއްބަސްވުންތައް ބަދަލުކުރުމާއި ދެޤައުމުގެ މެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގެ ތެރޭގައި މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބަންގްލަދޭޝްގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑްވާންސްޑް ނާސިންގ އެޑިއުކޭޝަން އެންޑް ރިސާޗް (އެން.އައި.އޭ.އެން.އީ.އާރު.) އަށް ޒިޔާރަތްކުރައްވާފައެވެ. އަދި އެތަނުގައި ތިއްބެވި ބަންގްލަދޭޝްގެ ވަފްދުގެ ބޭފުޅުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެމަނިކުފާނު ބަންގްލަދޭޝްއަށް ކުރެއްވި ޒިޔާރަތުގައި އެޤައުމުން އެމަނިކުފާނަށް ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖެއާއި ބަންގްލަދޭޝަކީ އެތައް އަހަރެއްވީ ގާތްގުޅުމެއް އޮންނަ ދެ ޤައުމުގެ އިތުރުން ދެ ޤައުމަކީވެސް ގިނަ ކަންކަމުގައި ކަންކުރާގޮތްތަކާއި ހިފަހައްޓާ އުސޫލުތައް ވަރަށް އެއްގޮތް ދެ ޤައުމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ޒުވާނުންގެ ތަރައްޤީއާއި، ދުޅަހެޔޮކަމަށާއި ޞިއްޙީ ޚިދުމަތްތައް ލާމަރުކަޒީ އުޞޫލުން ތަރައްޤީކުރުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މިއަދު ވަނީ ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރ، ޒާހިދު މަލީކްއާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބަންގްލަދޭޝްގެ މިނިސްޓަރ ވަނީ ޞިއްޙީ ދާއިރާ ކުރިއަރުވައި ތަރައްޤީކުރުމަށް ފަންނީ އަދި ވޮކޭޝަނަލް ތަމްރީނާއި، ޞިއްޙީދާއިރާގެ ވަކި ރޮނގުތަކަށް ޚާއްޞަވުމަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން، ދެ ބޭފުޅުން ވަނީ ޞިއްހީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން، ހުނަރާއި ތަޖުރިބާ ޙިއްޞާކުރުމާއި ބަންގްލަދޭޝްގެ ޚާއްޞަ ޑޮކްޓަރުންނާއި ޞިއްޙީ މާހިރުން ހިމެނޭ ޓީމެއް ރާއްޖެއަށް ޒިޔާރަތްކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ހަމަ އެހެންމެ ދިވެހި ޞިއްޙީ ޚިދުމަތްތެރިންގެ ހުނަރާއި ތަޖުރިބާ އިތުރުކުރުމާއި ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ދިވެހި ޞިއްޙީ ޚިދުމަތްތެރިންނަށް ބަންގްލަދޭޝްގައި ތިބެ ކުރު މުއްދަތުގެ ހުނަރާއި ތަޖްރިބާ ހޯދުމަށް މަގުފަހިކުރުމާއި ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ބަންގްލަދޭޝްގެ ހެލްތު މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ކޯވިޑް-19 ގެ ވެކްސިން ދިނުމުގައި، ވަކި ޤައުމެއްގެ ބައެއް ތަފާތުކުރުމެއްނެތި ރާއްޖޭގައި ދިރިއުޅޭހުރިހާ ފަރާތްތަކަށް ވެކްސިންގެ ދެ ޑޯޒް ހިލޭ ފޯރުކޮށްދީ ވެކްސިން ދިނުމުގެ މަސައްކަތް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާތީ އެކަމަށްޓަކައި ރާއްޖެއަށް ތަޢުރީފު ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވެސް ވަނީ ކޯވިޑް-19 ބަންގަލްދޭޝްގައި ފެތުރުން ކޮންޓްރޯލްކުރުމުގައި އެ ޤައުމުން އަމަލުކުރި ގޮތުގެ ފުރިހަމަކަން ފާހަގަކުރައްވައި ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތަޢުރީފުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅު މިހާރު ނިންމަވާލައްވާފައިވާއިރު، މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ބަންގަބަންދު މިއުޒިއަމް އާއި ބަންގްލަދޭޝް-ކޮރެއާ ޓެކްނިކަލް ޓްރެއިނިންގ ސެންޓަރ (ބީ.ކޭ.ޓީ.ޓީ.ސީ) ފަދަ މުހިންމު ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއިން ފަންނީ ޤާބިލުކަން އިތުރުކުރުމަށް ގުޅިގެން މަސައްކަތްކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބަންގްލަދޭޝްގެ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ.އޭ.ކޭ. ޢަބްދުލް މޮމެންއާއި، މިނިސްޓަރ އޮފް އެކްސްޕެޓްރިއޭޓްސް ވެލްފެއަރ އެންޑް އޯވަރސީސް އެމްޕްލޯއިމަންޓް އިމްރާން އަޙްމަދާއި، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އެމް.ޑީ. ޒާހިދު އަހްސަން ރަސަލްއާއި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ދީޕޫ މޮނީއާއި، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރ ޒާހިދު މަލީކްއާ ބައްދަލުކުރައްވާފައެވެ.

މީގެ އިތުރުން މި ބައްދަލުވުންތަކަށްފަހު އެމަނިކުފާނު ވަނީ ބަންގްލަދޭޝްގެ އެކި އިދާރާތަކުން ދިވެހި ދަރިވަރުންނަށް ދެއްވި ސްކޮލަރޝިޕްގެ ފުރުޞަތުތައް ޤަބޫލުފުޅު ކުރައްވާފައެވެ.

ހަމަ އެއާއެކު މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބަންގްލަދޭޝްގެ ރައީސް ޢަބްދުލް ޙާމިދުގެ އަރިހަށްވެސް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޑާކާގެ ހޮޓެލް އިންޓަރކޮންޓިނެންޓަލްއަށް ވަޑައިގެން، ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވާފައެވެ.