ޚަބަރު

180 ރަށެއްގައި ވެކްސިން ފުރިހަމަކުރި ނިސްބަތް %90 އަށް

ރާއްޖޭގެ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި ކޯވިޑް ވެކްސިންގެ ޖެހި ނިސްބަތް %90 އަރާފައިވާކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ވިދާޅުވެއްޖެއެވެ. އެހެންކަމުން 180 ރަށެއްގައި ވެކްސިން ފުރިހަމަކުރި ނިސްބަތް %90 އަށް މިވަނީ އަރާފައެވެ.

ރާއްޖެ ހިމެނެނީ ދުނިޔޭގައި ކާމިޔާބުކަމާއެކު ވެކްސިން ފުރިހަމަކުރަމުންދާ މަދު ޤައުމުތަކުގެ ތެރޭގައެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓުގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ އިމިއުނަރައިޒޭޝަން ޕްރޮގްރާމްގެ ސީނިއާ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރ ޙައްވާ ޤުރައިޝާ ވިދާޅުވީ ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމް ކާމިޔަބުކަމަށެވެ. އެގޮތުން މިހާރު ރާއްޖޭގެ 9 ރަށެއް ފިޔަވައި ހުރިހާ ރަށެއްގައިވެސް ވެކްސިން ޝަރުޠު ހަމަވާ އާބާދީގެ %90އަށް ވެކްސިން ދެވިފައިވާކަމަށެވެ.

ކޯވިޑް-19އިން އަރައިގަތުމަށް މިވަގުތު އަންނަނީ ބޫސްޓަރ ޝޮޓް ދެމުންނެވެ. އެގޮތުން މިހާތަނަށް 7203 މީހަކު ބޫސްޓަރ ޝޮޓް ޖަހާފައިވާކަމަށް އެޗްއީއޯސީއިން ވިދާޅުވެއެވެ. މީގެ ތެރޭގައި ހިމެނެނީ ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތތަކާއި ޢުމުރުން 50 އަހަރުން މަތީގެ މީހުންނާއި ދާއިމީ ބައްޔަކަށް ބޭސްކުރަމުންދާ މީހުންނާއި ދިފާޢީ ނިޒާމު ބަލިކަށި މީހުންނާއި އިސްކޮޅަށްވުރެ ބަރުދަން އިތުރު މީހުންކަމަށް އެޗްއީއޯސީއިން ވިދާޅުވެއެވެ.

ރާއްޖޭގައި ބޫސްޓަރ ޝޮޓްގެ ގޮތުގައި ދެމުން އަންނަނީ ފައިޒާ ވެކްސިނެވެ. މީގެކުރިން މިވެކްސިން މުއްދަތު ހަމަވާނެކަމަށް ޑަބްލިއުއެޗްއީއިން އަންގާފައިވަނީ 6 މަސްދުވަހުގެ މުއްދަތެކެވެ. އެހެންނަމަވެސް މި މުއްދަތު މިހާރު އިތުރުކޮށްފައިވާކަމަށް އެޗްއީއޯސީއިން ވިދާޅުވެއެވެ. އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޙައްވާ ޤުރައިޝާ ވިދާޅުވީ ރާއްޖޭގައި މިހާތު ބޭނުންކުރަމުން އަންނަ ފައިޒާ ވެކްސިން އަންނަ ފެބްރުއަރީއާއި ހަމައަށް ބޭނުންކުރެވޭނެކަމަށް ޑަބްލިއުއެޗްއޯއިން އަންގާފައިވާކަމަށެވެ.

"ޑަބްލިއުއެޗްއޯއިންވަނީ އިންފޯމްކޮށްފަ، ފައިޒާ ވެކްސިންގެ އެކްސްޕަޔަރީ ޑޭޓް 9 މަހަށް އިތުރުކުރި ވާހަކަ. ވެކްސިންގެ އެކްސްޕަޔަރީއަކީ އެބޭފުޅުން ޓެސްޓުކޮށް މިހާރުވެސް ރީސަރޗް ހަދަމުންދާ އެއްޗެއްކަމުން ކުރިން ހުރީ 6 މަސްދުވަހަށް. އަދި 9 މަހަށް ބެހެއްޓުމަށްފަހު ޓެސްޓުކުރިރިއުވެސް އޭގެ އެފިކަސީ އަދި އިފެކްޓިވްނެސް ހުރިކަން ފާހަގަކުރެވޭތީ އޮފިޝަލީ ވަނީ އަންގާފަ މިހާރު ހުރި ފައިޒާ ވެކްސިން ފެބްރުއަރީއާއި ހަމައަށް ބޭނުންކުރެވޭނެކަމަށް." ޤުރައިޝާ ވިދާޅުވިއެވެ.

ރާއްޖޭގައި ފައިޒާ ވެކްސިން ދެމުން އަންނަނީ ވަކި ޚާއްސަ ކެޓަގަރީތަކުގެ މީހުންނަށެވެ. މީގެތެރޭގައި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި ގުނަވަން ބަދަލުކޮށްފައިވާ މީހުންނަށްވަނީ ދީފައެވެ. މީގެ އިތުރުން ޢުމުރުން 12 އަހަރުން މަތީގެ ކުދިންނަށްވެސް ރާއްޖޭގައި ދެނީ ފައިޒާ ވެކްސިންނެވެ. ހަމައެއާއެކު މިހާރު ފައިޒާ ވެކްސިން ދެމުން އަންނަނީ އެޗްޕީއޭއިން އެކުލަވާލާފައިވާ ކެޓަގަރީތަކުން ބޫސްޓަރ ޝޮޓް ޖަހަންޖެހޭ މީހުންނަށެވެ.