ތަރައްޤީ ގެނައުމުގެ މަސައްކަތް ބައްޓަންކުރުމަށް ބޭނުންވާ ތަފާސް ހިސާބު ރާއްޖޭގައި އެއްކުރެވިފައި ނެތް ކަމަށާއި އެއީ ތަރައްޤީއަށް އެޅިފައިވާ ބޮޑު ހުރަހެއް ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. ހައުސިންގ މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް އަންނަމުންދާ ބަދަލުތަކަކީ ލިޔެކިޔުމުން ރައްކާކުރެވި އެ ބޭނުންވާ ހުރިހާ ފަރާތަކަށްވެސް ލިބޭނެ ގޮތަށް ހާމައަށް ހުންނަންޖެހޭ އެއްޗެއްކަމަށެވެ.
ރާއްޖޭގެ ތަފާސް ހިސާބުގެ ޤައުމީ ނިޒާމުގެ ދުރުރާސްތާ ތަސައްވުރު އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ ރާއްޖެއަކީ ވަރަށް ބާރަށް ކުރިއަރަމުން އަންނަ ޤައުމެއްކަމަށެވެ. އެހެންކަމުން ރާއްޖެއަށް ވަރަށް ބޮޑެތި ބަދަލުތައް އަންނަމުންދާކަމަށާއި މިބަދަލުތަކަކީ އެއްކުރެވިފައި ހުންނަންޖެހޭ މަޢުލޫމާތު ކަމަށެވެ. އެހެންނަމަވެސް މިއިން އެއްވެސް މަޢުލޫމާތެއް ހަގީގީ މާނައިގައި މިހާތަނަށް އެއްކުރެވިފައި ނެތްކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. އެންމެ ފަހުން އެކަށީގެންވާ އޮނިގަނޑެއްގެ ތެރެއިން ރާއްޖެއާއި ދިވެހިންގެ ދިރިއުޅުމާ ގުޅޭގޮތުން އައިސްފައިވާ ބަދަލުތައް އެނގެން ހުރީ މީގެ 8 އަހަރުކުރިން ހެދި ބޯހިމެނުމުން އެއްކުރެވިފައިވާ މަޢުލޫމާތުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މަޢުލޫމާތު އެއްކުރުމަށް ރާއްޖޭގައި ބަލަނީ އެންމެ ބޮޑަށް ބޯހިމެނުމުން އެއްކުރެވޭ މަޢުލޫމާތަށް. އެކަމަކު ޤަބޫލުކުރަންޖެހޭ ހަގީގަތަކީ ރާއްޖެއަކީ ވަރަށް ބާރަށް ކުރިއަރަމުން އަންނަ ޤައުމެއްކަން. އެހެންވީމަ ވޭތުވެދިޔަ 8 އަހަރުތެރޭ ވަރަށް ގިނަ ބަދަލުތައް ރާއްޖޭގެ އިޖުތިމާޢީ އިޤްތިޞާދީ އަދި ތިމާވެށީގެ ދާއިރާއިންވަނީ އައިސްފައި. މިމަޢުލޫމާތެއް ނެތް ފެންނާކަށް." މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވިއެވެ.
ހައުސިންގ މިނިސްޓަރ ވިދާޅުވީ ތަރައްޤީގެ މަޝްރޫޢުތައް ޕްލޭންކުރުމުގައި ތަފާސް ހިސާބަކީ ވަރަށް މުހިއްމު އެއްޗެއްކަމަށެވެ. އެގޮތުން ރާއްޖޭގައި ތަރައްޤީކުރާ އެއަރޕޯޓުތަކުގައި ވަޞީލަތް ހަމަކުރުމަށް އެތަންތަނުން ދަތުރުކުރާ މީހުންނާއި ބޭނުންކުރާ ރަށްރަށުގެ މަޢުލޫމާތާއި އެއްރަށާއި އަނެއް ރަށާއި ހުރި ގުޅުންތަކާއި، ގެދޮރުވެރިކަމާއި ގުޅޭ މަޢުލޫމާތާއި ރިސޯޓު މުވައްޒަފުންނާއި ގުޅޭކަންކަން ނިންމުމުގައި ބޭނުންވާ މަޢުލޫމާތުން މިސާލު ނަންގަވާ މިފަދަ މަޢުލޫމާތު ނެތްކަމީ މިދާއިރާތަކުގެ ތަރައްޤީ މަޑުޖެހޭ ސަބަބެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ ތަފާސް ހިސާބުގެ ޤައުމީ ނިޒާމުގެ ދުރުރާސްތާ ތަސައްވަރު އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިނޮކޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާޢިލްއެވެ. ރާއްޖޭގެ ތަފާސް ހިސާބުގެ ޤައުމީ ނިޒާމުގެ ދުރުރާސްތާ ތަސައްވުރަކީ 2020 ގެ ނިޔަލަށް ރާއްޖޭގައި ތަފާސް ހިސާބު އެއްކުރުމަށްކުރެވޭ މަސައްކަތްކުރާނެ ގޮތުގެ ޕްލޭނެވެ. މީގެ ދަށުން ސަރުކާރުގެ 17 މުއައްސަސާއަކާއި ގުޅިގެން މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާއިރު މިމަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ލިބޭނެހެން އިންތިޒާމު ހަމަޖެއްސުމަށްވެސްވަނީ ރާވާފައެވެ. މީގެ ދަށުން އަންނަ އަހަރު ރާއްޖޭގައި ބޯހިމެނުމުގެ މަސައްކަތް ޒަމާނީ ވަޞީލަތްތަކާއެކު ކުރިއަށްގެންދިޔުމަށްވެސްވަނީ ހަމަޖެހިފައެވެ. އަދި މިއީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ބޭނުންކުރެވޭ މުހިއްމު ވަޞީލަތަކަށް ހެދުމަކީ ނޭޝަނަލް ސްޓެޓިސްޓިކްސް ބިއުރޯގެ އަމާޒެކެވެ. ތަފާސްހިސާބާ ބެހޭ ޤާނޫނު އެކުލަވާލާފައިވަނީ މިހިނގާ 2021 ވަނަ އަހަރުއެވެ.