ޚަބަރު

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ގޮތްޕެއް ދުވާފަރުގައި ހުޅުވައިފި


ރ.އަތޮޅު ދުވާފަރުގައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ގޮތްޕެއް ހުޅުވައިފިއެވެ.

ރ.އަތޮޅު ދުވާފަރުގައި ޤާއިމްކުރި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް ހުޅުއްވައި ދެއްވީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެން ޝަމީމް އާއި ރ އަތޮޅު ކައުންސިލްގެ ނާއިބު ރައީސް އަބްދުﷲ ރަޝީދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވީ ދުވާފަރުގައި ޕިޖީ އޮފީހުގެ ގޮއްޕެއް ޤާއިމްކުރީ ފުލުހުންނާއި ކޯޓްތަކުން ކުރަމުންގެންދާ މަސައްކަތަށް ލުޔެއް ހޯދައިދިނުމަށްކަމަށެވެ. މީގެއިތުރުން ރައްޔިތުންނާއި ވީހާވެސް ގާތުން ޙިދުމަތް ފޯރުކޮށްދިނުމަކީވެސް މީގެ ބޭނުމެއްކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ދުވާފަރު އޮފީހުން ޙިދުމަތްދޭން ފެށުމުން އެ ފުލުހުންނާއި ޕީޖީން ކުރަމުން އަންނަ މަސައްކަތަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށެވެ.

ރ.އަތޮޅަކީ އެންމެ ގިނައިން ޖިނާއީ މައްސަލަތައް ހުށައެޅޭ އަތޮޅުކަން ފާހަގަކުރަމުން ޝަމީމް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުށްކުރުމުގެ ހާލަތު ހުރި ގޮތް ދެނެގަތުމަށް މަސައްކަތްތަކެއް މިހާރު ކުރަމުންދާކަމަށެވެ.

ޤާނޫނު ތަންފީޒު ކުރާ މީހުންގެ މަސައްކަތަކީ އެއްގޮތަކަށްވެސް ކުށްކުރާ މީޙުންނަށް އަދަބު ދިނުން އެކަނި ނޫންކަމަށާއި، ކުށްކުރާ ފަރާތްތައް ހަމަމަގަށް އެޅުވުމަށް މަސައްކަތްކޮށްދިނުމަކީވެސް ޒިންމާއެއްކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އެކަންކަން ކުރުމަށް އިތުރަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަކަމަށާއި އެގޮތުން އަދަބު ލުއިކޮށް މުޖުތަމައުއަށް އެފަރާތްތައް ނެރުމަށް ޖިނާއީ އިޖުރާތުގެ ޤާނޫނަށް އިސްލާޙްތަކެއް ހުށައަޅާފައިވާނެކަމަށް ޝަމީމް ވިދާޅުވިއެވެ.

"އެއީ އަލަށް ކުށްކުރާ ކުދިން ސީދާ ޖަލަށް ނުލާ އެހެން ގޮތްގޮތުން އިސްލާޙްވާން ފުރުސަތު ހޯދައިދިނުން.. އެފުރުސަތުގައި އިސްލާޙް ނުވެއްޖެނަމަ ޖަލު ހުކުމް ކުރެވޭނެ.. ހާއްސަކޮށް ކުދިކުދި ކުށްތައް ކުރާ ފަރާތްތަކަށް ބެލޭނެ.. އެގޮތުން އެފަރާތްތައް ޖޫރިމަނާ ކުރުމާއި ޓްރެއިންނިން ޕްރޮގްރާމްތަކުގައި ބައިވެރިކުރުން ފަދަ ކަންކަން ކޮށްގެން ކުށްކުރާ މީހުން ރަނގަޅު ބައެއް ގޮތުގައި މުޖުތަމައުއަށް ނެރުމަށް މަސައްކަތްތަކެއް ކުރެވިގެންދާނެ" ޕޮރޮސެކިއުޓަރ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވިއެވެ.

މިއީ މާލެ ފިޔަވައި އަތޮޅު ތެރޭގައި ޤާއިމް ކުރެވުނު ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުގެ 10 ވަނަ ގޮއްޕެވެ. ޕީޖީ އޮފީހުން ވިދާޅުވީ އިތުރު ރަށްރަށުގައިވެސް ޕީޖީ އޮފީހުގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެމަށް މަސައްކަތްކުރަމުންދާކަމަށެވެ.