ޚަބަރު

ހައިޝަމް މާޒިޔާއަށް ސޮއިކޮށްފި


ކުލަބް އީގަލްސް އަދި ނިމިގެންދިޔަ ސާފް ޗެންޕިއަންޝިޕްގައި މޮޅު ކުޅުމެއްދެއްކި ހައިޝަމް ހަސަން (ބިޑި)، ލީގް ޗެމްޕިއަން މާޒިޔާއަށް ސޮއިކޮށްފިއެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަންއަށް މާޒިޔާއިން ދަނީ އެޓީމް ވަރުގަދަކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ހައިޝަމްގެ އިތުރުން މާޒިޔާއިން ވަނީ ގައުމީ ޓީމްގެ ކެޕްޓަން އަދި މިދިޔަ އަހަރު ކުލަބް ވެލެންސިޔާއަށް ކުޅުނު އަކްރަމް އަބްދުލް ޢަނީ އަދި ނޭޕާލްގެ ގައުމީ ކީޕަރު ކިރަން އެޓީމްއަށް ގެނެސްފައެވެ. އުމުރުން 22 އަހަރުގެ ހައިޝަމް ނިމިގެންދިޔަ ސީޒަންގައި ކުޅެފައިވަނީ ކުލަބް އީގަލްސްއަށެވެ. މިއީ ހައިޝަމް ކުލަބް އީގަލްސް ދޫކޮށް އެހެން ކުލަބްއަކަށް ކުޅޭ ފުރަތަމަ ފަހަރުއެވެ.

ގައުމީ ސީނިއަރ ޓީމްގެ ފުރަތަމަ އެގާރައިން މިހާރު ޖާގަ ހޯދަމުން އަންނަ ހައިޝަމްއަކީ 23 އަހަރުން ދަށުގެ ޓީމްގެ ކެޕްޓަންއެވެ. އޭޝިއާގެ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި އިރާގާއި ބަހްރޭނާ ދެކޮޅަށް ކުޅުނު މެޗްގައި ކެޕްޓަންކަންކޮށްފައި ވަނީ ހައިޝަމްއެވެ. 2019 ވަނަ އަހަރަށް ފަހު ހައިޝަމް އަންނަނީ ގައުމީ ޓީމްއިން ބަރާބަރަށް ޖާގަ ހޯދަމުންނެވެ. އަދި ހައިޝަމް ވަނީ ކުލަބް އީގަލްސްއާއެކު ޔޫތް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ.