ދުނިޔޭގެ ވިޔަފާރި

އަންނަމަހުން ފެށިގެން އޮސްޓްރޭލިއާއަށް އެތެރެވުމަށް ބައެއް ފަރާތްތަކަށް ލުއިދެނީ

އޮސްޓްރޭލިއާއަށް އެތެރެވެވޭ މީހުންގެ ލިސްޓް މުރާޖަޢާކޮށް، އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން އިތުރު ފަރާތްތަކަށް ލުއި ދިނުމަށް ނިންމާފައިވާކަމަށް އެޤައުމުގެ ސަރުކާރުން ބުނެފިއެވެ.

ބޮޑު ވަޒީރު ސްކޮޓް މޮރިސަން މިކަން ހާމަކޮށް ހޯމަދުވަހު ވިދާޅުވީ، އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ޤައުމުގެ ބޯޑަރު ހުރަސްކުރުމުގެ ހުއްދަ ކިޔަވަން ދަތުރުކުރާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް ދިނުމަށް ނިންމާފައިވާކަމަށެވެ. މީގެ އިތުރުން ރެފިއުޖީންނަށްވެސް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމާފައިވާކަން އޭނާ ވަނީ ހާމަކޮށްފައެވެ. އަދި ޖަޕާނާއި ދެކުނު ކޮރެއާގެ ރައްޔިތުންނަށްވެސް ވެކްސިން ފުރިހަމަކޮށްފައިވާނަމަ އެ ޤައުމަށް ދަތުރުކުރެވޭނެއެވެ. މިއާއިއެކު އޮސްޓްރޭލިއާއިން ވިސާ ދޫކޮށްފައިވާ ގިނަ ފަރާތްތަކަށް އެ ޤައުމަށް އެތެރެވެވޭނެއެވެ.

ދުނިޔޭގައި މިވަގުތުވެސް އެންމެ ހަރުކަށިކޮށް ކޯވިޑާއި ގުޅިގެން ބަލަހައްޓަމުންދާ ބޯޑަރަކީ އޮސްޓްރޭލިއާގެ ބޯޑަރެވެ. ނަމަވެސް ދުނިޔޭގެ ގިނަ ޤައުމުތަކުން ވެކްސިން ދޭން ފެށުމާއިއެކު އެޤައުމުން ލުއިތަކެއް ދޭން ވަނީ ފަށާފައެވެ. މި ބަދަލާއެކު އޮސްޓްރޭލިއާއަށް ޑިސެމްބަރާއި ޖެނުއަރީއާއި ދެމެދު 200،000 އެއްހާ ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް ބެލެވެއެވެ. ނަމަވެސް މިހާރުވެސް އެޤައުމަށް އެތެރެވުމަށް ވެކްސިން ފުރިހަމަކުރުމުގެ އިތުރުން ނެގެޓިވް ޕީސީއާރް ޓެސްޓެއް އޮންނަންވާނެކަމަށް އޮސްޓްރޭލިއާ ސަރުކާރުން ހާމަކުރެއެވެ.

އެޤައުމުން ބޯޑަރު ހުޅުވުމަށް ނިންމާފައިވަނީ އެޤައުމުން ކަނޑައާޅާފައިވާ ވެކްސިން ލަނޑުދަނޑި ހާސިލުވުމާއި އެކުގައެވެ. މިގޮތުން، އެޤައުމުގެ 16 އަހަރުން މަތީގެ 85 އިންސައްތަ މީހުންނަށް މިހާރު ވެކްސިން ވަނީ ފުރިހަމަ ކުރެވިފައެވެ.

އޮސްޓްރޭލިއާ ސަރުކާރުން ބޯޑަރުތަކަށް ލުއިދޭން ފަށާފައިވަނީ މި ނޮވެމްބަރުމަހުގެ ތެރޭގައިއެވެ. އޭގެ ކުރީން އެ ޤައުމުގެ ރައްޔިތުންނަށްވެސް އެ ޤައުމަށް ވަނުމުގައި ހަރުކަށި ފިޔަވަޅުތަކާއި ކުރިމަތިލާން ޖެހިފައިވެއެވެ. ނަމަވެސް މިކަމުގެ ސަބަބުުން ޤައުމުތެރޭގައި ވަރަށް ބޮޑަށް ކޯވިޑު ކޮންޓްރޯލު ކުރުމަށް ސަރުކާރަށް ފަސޭހަވެގެން ދިޔަކަން ގިނަބަޔަކު ފާހަގަކުރެއެވެ.

އޮސްޓްރޭލިއާގެ އިޤްތިޞާދަކީ ބޭރުން އަންނަ ކިޔަވާ ދަރިވަރުންނަށް ވަރަށް ބޮޑަށް ބަރޯސާވާ އިޤްތިޞާދެކެވެ. އެގޮތުން ހަމައެކަނީ ދަރިވަރުންގެ ފަރާތުންވެސް 29 ބިލިއަން ޑޮލަރު އެ ޤައުމަށް 2019 ވަނަ އަހަރުވަނީ ވަދެފައެވެ.