ޚަބަރު

ފީފާ ރޭންކިންގައި އިންޑިޔާ ކުރިއަށް ޖެހިލިއިރު ރާއްޖެ ފަހަތަށް


ފީފާ ރޭންކިންގައި އިންޑިޔާއިން ކުރިއަށް ޖެހިލިއިރު، ރޭންކިންގައި ރާއްޖެ ފަހަތަށް ހިނގައްޖެއެވެ. ފުޓްބޯޅައިގެ މައި ޖަމިއްޔާ

ފީފާއިން ކޮންމެ މަހަކު އެއްފަހަރު ނެރޭ ގައުމުތަކުގެ ރޭންކިންގައި އެންމެ ފަހުގެ ސާފް ޗެންޕިއަންޝިޕް ކާމިޔާބުކުރި އިންޑިޔާއިންވަނީ ދެ ދަރަޖައިގެ ކުރިއެރުމެއް ހޯދާފައެވެ. އޮކްޓޫބަރު މަހު ފީފާއިން ނެރުނު ރޭންކިންގައި އިންޑިޔާ އޮތީ 106ވަނައިގައެވެ. ނަމަވެސް އިންޑިޔާއިން ދެ ދަރަޖައިގެ ކުރިއެރުމާއެކު މިހާރު އިންޑިޔާ އޮތީ ރޭންކިންގެ 104 ވަނައިގައެވެ.

އިންޑިޔާއިން ކުރިއެރުން ހޯދިއިރު، ރޭންކިންގައި ރާއްޖެއިންވަނީ ފަހަތަށް ޖެހިފައެވެ. ފީފާއިން އޮކްޓޫބަރު މަހު ނެރުނު ރޭންކިންގައި ރާއްޖެ އޮތީ 156ވަނައިގައެވެ. ނަމަވެސް މިމަހުގެ ރޭންކިންގައި ރާއްޖެވަނީ އެއް ދަރަޖަ ފަހަތަށް ޖެހި ރޭކިންގެ 157ވަނަ ވެއްޓިފައެވެ.

މިދިޔަ މަހު މާލޭގައި ބޭއްވި ސާފް ޗެންޕިއަންޝިޕްގައި އިންޑިޔާއިންވަނީ ނޭޕާލް ބަލިކޮށް ޗެންޕިއަންކަން ހޯދާފައެވެ. އެމުބާރާތުގައި ރާއްޖެ ބަލިވީ ލީގް ބުރުގެ އެންމެ ފަހު މެޗްގައި އިންޑިޔާ އަތުންނެވެ. ލީގް ބުރުގެ ފަހު މެޗަށް ނިކުތްއިރު، ރާއްޖެއަށް އިންޑިޔާއާއި އެއްވަރުކޮށްގެންވެސް ފައިނަލަށް ދެވެން އޮތެވެ. ނަމަވެސް އިންޑިޔާއިންވަނީ ރާއްޖެ ބަލިކޮށް ފައިނަލުން ޖާގަ ހޯދާފައެވެ.

މިސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އިންޑިޔާއަކީ އަބަދުވެސް ފީފާ ރޭންކިންގައި ކުރީގައި އޮންނަ ގައުމެކެވެ. 2018ވަނަ އަަހަރު އެގައުމުންވަނީ ފީފާ ރޭންކިންގެ 97ވަނައަށް އަރާފައެވެ. މިއީ ފީފާ ރޭންކިންގައި އިންޑިޔާއިން އެންމެ ކުރިއަށް ޖެހިލި ފަހަރުއެވެ. މި ރޭންކިންގައި ރާއްޖެއަށް އެންމެ ކުރިއަށް ޖެހިލެވުނީ 126ވަނައަށެވެ.

ފީފާ ރޭންކިންގައި މިސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އިންޑިޔާއިން އެއްވަނައިގައި އޮތްއިރު، ރާއްޖެ އޮތީ ދެވަނައިގައެވެ. އަދި ތިންވަނައިގައި އޮތީ ސާފް ޗެންޕިއަންއަޝިޕްގެ ރަނަރަޕްކަން ހޯދި ނޭޕާލްއެވެ. މިސަރައްހައްދުގެ ރޭންކިންގެ ހަތަރުވަނައިގައި އޮތީ ބަންގްލަދޭޝްއެވެ.