ޚަބަރު

މުޣުނީއަށް އަނެއްކާވެސް ޝަރަފުވެރި އެވޯޑެއް!


އޭޝިއާ ބައްރުގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމުގައިވާ "އޭޝިއާސް ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް 2021"ގެ މޯސްޓް އިންސްޕަޔަރިންގ އެގްޒެކެޓިވްސް އެވޯޑް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީއަށް ލިބިވަޑައިގެންފިއެވެ.

މެލޭޝިއާގެ މޯރސް ގްރޫޕުން އިންތިޒާމްކޮށްގެން ދޭ އޭޝިޔާ ބައްރުގެ މޯސްޓް އިންސްޕަޔަރިންގ އެގްޒެކެޓިވްސްގެ އެވޯޑް ހަސަން މުޣުނީއަށް ލިބިވަޑައިގެންފައިވާއިރު، މިއީ މި އެވޯޑް ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

މުޣުނީއަށް މި އެވޯޑް ލިބިވަޑައިގެންފައިވަނީ ފާއިތުވެދިޔަ 3 އަހަރު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން އެކުންފުންޏާއި، އެނާޖީ ސެކްޓާގެ ކުރިއެރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި، ކުންފުނި ކުރިއަރައިގެންގޮސްފައިވާ ސްޕީޑާއި ގުޅިގެންނެވެ.

އެގޮތުން 2019 ވަނަ އަހަރު މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ކުންފުނީގެ އެވޯޑް ސްޓެލްކޯއަށް ލިބުމާއި، މި އަހަރުގެ އޭޝިއަން އެޗްއާރު ލީޑާޝިޕް އެވޯޑްސްގެ "އެވޯޑް ފޯ އިންސްޓިޓިއުޝަން ބިލްޑިން"ގެ އެވޯޑް ސްޓެލްކޯއަށް ވަނީ ލިބިފައެވެ.

ސްޓެލްކޯގެ ހިންގުން ހަރުދަނާ ކުރެވި، ކޯޕަރޭޓް ގަވަރނެންސްގެ ދާއިރާއިން ކުންފުނިން ހޯދަމުންދާ ކުރިއެރުންތަކާއެކު، 2020 ވަނަ އަހަރު ކޯޕަރޭޓް ގަވަރނެންސް އެންމެ ރަނގަޅު ކުންފުންޏަކަށް ސީ.އެމް.ޑީ.އޭއިން ދޭ "ސީޖީ އެފޯޓްސް އެވޯޑް"ވެސް ވަނީ ސްޓެލްކޯއަށް ލިބިފައެވެ.

މީގެ އިތުރުން ކޯވިޑުގެ ހާލަތުގައި ކުންފުނީގެ ހިދުމަތް މެދުނުކެނޑި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމާއި މުވައްޒަފުންގެ ރައްކާތެރިކަމާއި، ކަސްޓަމަރުންގެ ރައްކާތެރިކަމަށް ސްޓެލްކޯއިން ކޮށްފައިވާ މަސައްކަތްތަކާއި، މުޅި ކުންފުނީގެ ހުރިހާ ހިދުމަތެއް ބައިނަލްގުވާމީ މިންގަނޑެއް ކަމުގައިވާ އައި.އެސް.އޯ 9001:2015 އަށް ސެޓިފައި ކުރުމާއި، ސްމާޓްމީޓަރާއި، ސްމާޓް ގްރިޑް ފަދަ ކުރިއަރާފައިވާ ޓެކްނޮލޮޖީތައް އެ ކުންފުނިން ގެންދަނީ ބޭނުންކުރަމުންނެވެ.

އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގެ މާހައުލަށް ފެތޭގޮތަށް ސްޓެލްކޯގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ފްލޯޓިންގ ސޯލާ ޕޮޑް ތައާރަފްކުރުމާއި، ގްރީންލައިފް އިނިޝިއޭޓިވް އިފްތިތާހުކޮށް، އޭގެ ދަށުން ކަސްޓަމަރުންނަށް ފަސޭހައިން ސޯލާޕެނަލްސް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ އިތުރުން މާލެއާއި ހުޅުމާލެއާއި ދެމެދު ބަސްމެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް ވާރެއާއި އަވިން ރައްކާތެރިވެތިބެވޭނެ ގޮތަށް ރާއްޖޭގެ ފުރަތަމަ 100 އިންސައްތަ ސޯލާ ހަކަތަ ބޭނުންކުރާ ބަސް ސްޓޮޕްވެސް ސްޓެލްކޯއިން ވަނީ މި 3 އަހަރުތެރޭގައި ގާއިމްކޮށްފައެވެ.

މީގެ އިތުރުން ތެލަށް ބަރޯސާވާމިންވަރު ކުޑަ ކުރުމަށް މާލެއާއި، ސްޓެލްކޯއިން ހިދުމަތްދޭ ރަށްތަކުގައި ސޯލާ ޕެނަލް ހަރުކޮށް އެ ބޭނުން ކުރުމާއި، ޚިދުމަތް ހޯދާ ފަރާތްތަކަށް އިތުބާރާއި ޔަގީންކަމާއެކު، ކޮލިޓީ ޖަނަރޭޓަރު ލިބޭނެ ގޮތް ހެދުމަށްޓަކައި، ޖަނަރޭޓަރުގެ ސްޕެއަރ ގެނެސް "ސްޓެވޯ"ގެ ނަމުގައި ސްޓެލްކޯއިން އަމިއްލަ ބްރޭންޑެއްގެ ޖަނަރޭޓަރު އެސެމްބަލްކޮށް ރާއްޖޭގެ ބާޒާރަށް ވަނީ ނެރެފައެވެ.

"އޭޝިއާސް ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް 2021"ގެ މޯސްޓް އިންސްޕަޔަރިންގ އެގްޒެކެޓިވްސް އެވޯޑް ސްޓެލްކޯގެ އެމްޑީއަށް ލިބިވަޑައިގެންފައިވާއިރު، ވޭތުވެދިޔަ އަހަރުތަކުގައި ދުނިޔޭގެ ފާހަގަކޮށްލެވޭ ބޮޑެތި ކުންފުނިތައް ކަމަށްވާ ސެމްސަންގް، އެއާރ އޭޝިއާ، ޓާޓާ ގްރޫޕް، ޑީއެޗްއެލް، ކެސްޕަރސްކީގެ އިތުރުން، ނެސްލޭ ފަދަ ބޮޑެތި ކުންފުނިތަކުންވެސް ވަނީ އެކި ކެޓަގަރީތަކުން މި އެވޯޑް ހާސިލްކޮށްފައެވެ.

މި އެވޯޑް ލިބުމާއި ގުޅިގެން މުޣުނީ ވިދާޅުވީ ރަނގަޅު ލީޑަރަކަށްވެވޭނީ މަސައްކަތުގެ މާހައުލުގައި، ތަފާތުދައްކާ، ގަދަ ހިތްވަރާއި އެއްކޮށް މަސައްކަތްކޮށް، އިލްމާއި، ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ހޯދައިގެން ކަމަށެވެ.

"ލީޑަރެއްގެ އެންމެ މުހިއްމު އެއް ސިފަޔަކީ އެހެން މީހެއްގެ ކިބައިގައި ހުންނަ ގާބިލިއްޔަތުކަން ދެނެގަނެ، އެފަދަ ހާއްސަ ސިފަތައް ބޭނުންކުރަން އެމީހަކަށް ދަސްކޮށްދީ އެދާއިރާއަކުން އެ މީހަކު ބާރުވެރިކުރުވާ މީހާ" ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވިއެވެ.

އޭޝިއާސް މޯސްޓް އިންސްޕަޔަރިންގ އެގްޒެކެޓިވްސްގެ އެވޯޑް އިތުރުން މީގެކުރިން މުޣުނީއަށް ވަނީ އޭޝިއަން އެޗްއާރު ލީޑަރޝިޕް އެވޯޑްސްގެ "އެގްޒެމްޕްލަރީ ލީޑަރ އޮފް ދި އިޔަރ" އަދި އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސްގެ "އިމާޖިންގ ލީޑަރ އޮފް ދި އިޔަރ"ގެ އެވޯޑްވެސް ލިބިވަޑައިގެންފައެވެ.