ކުޅިވަރު

ޕެނަލްޓީގައި ލަންކާ ބަލިކޮށް ފޯ ނޭޝަންސް ކަޕްގެ ޗެންޕިއަންކަން ސީޝޭލްސްއަށް


ފެނަލްޓީގައި ޖަހައިގެން މުބާރާތް ބޭއްވި ގައުމު ލަންކާ ބަލިކޮށް މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގެ ޗެމްޕިއަންކަން ސީޝެލްސްއިން ހޯދައިފިއެވެ. މިމުބާރާތުގެ ޗެންޕިއަންކަން ސީޝެލްސްއިން ހޯދީ މެޗް އެއްވަރުވުމުން ޖެހި ޕެނަލްޓީގައި 3 ލަނޑު 1 ލަނޑުން ކުރި ހޯދައިގެންނެވެ. މިމުބާރާތުން ރާއްޖެ ކަޓާފައިވަނީ އެއްވެސް މެޗަކުން މޮޅުނުވެއެވެ.

ފައިނަލް މެޗްގައި ލަންކާއިން ދެ ގޯލް ޖަހައި ލީޑް ނަގާފައިވަނީކޮށް ސީޝެލްސްއިންވަނީ 3 ލަނޑު ޖަހާ މެޗްއެއްވަރުކޮށްފައެވެ. ސީޝެލްސްއިން ޖެހި ދެ ލަނޑު ޖަހާފައިވަނީ މެޗްގެ ފަހު 5 މިނެޓްގެ ތެރޭގައެވެ. މެޗް އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ސީޝެލްސްއިންވަނީ ތިން ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ލަންކާއިން 4 ޕެނަލްޓީ ޖެހިއިރު، އެޓީމަށް ކާމިޔާބުކުރެވުނީ އެޓީމުގެ ކެޕްޓަން އަދި ކީޕަރު ސޫޖަން ޕެރޭރާ ކާމިޔާބުކުރި ފެނަލްޓީއެކަންޏެވެ.

ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި އެގައުމުގެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗްގައި އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ޑިފެންޑަރު ޑަކްސަން ޕުސްލަސްއަށް އެންމެ ފަހުން ބަންގްލަދޭޝް މެޗްގައި ދެއްކި ރަތްކާޑާއި ގުޅިގެން ވަނީ ސަސްޕެންޑްކޮށްފައެވެ. ފައިނަލް މެޗް ޝަރަފްވެރިކޮށްދެއްވީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއެވެ. ލަންކާގެ ސަޕޯޓަރުންގެ އެހީގައި އެޓީމުން މެޗް ފެށީ ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 4ވަނަ މިނެޓްގައި އެޓީމުންވަނީ ލަނޑެއް ޖަހައި ކުރި ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާވިން ހަމިލްޓަންއެވެ. މިއީ ސީޝެލްސްގެ ކުޅުންތެރިއެއްގެ ފައިގައި ޖެގިފައި ވަތް ލަނޑެކެވެ. މެޗުގެ ފުރަތަމަ ހާފްގައި ސީޝެލްސްއިން ވެސް ލަނޑު ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ސީޝެލްއިން ނަތީޖާ ހަމަހަމަ ކުރިއެވެ. މިލަނޑު ސީޝެލްސްއަށް ކާމިޔާބުކޮށްދިނީ ޖީން ހިއުބާޓް އެމަނުއަލްއެވެ.

މެޗްގެ ދެވަނަ ހާފްގައި އެންމެ ފުރަތަމަ ހަމަލާ އުފެއްދީ ސީޝެލްސްއިންނެވެ. ނަމަވެސް އެޓީމުގެ ކެނާ ރިކީ ފޮނުވާލި ބޯޅަވަނީ ލަންކާގެ ކީޕަރު ސުޖަން ދިފާޢުކޮށްފައެވެ. މެޗުގައި ލަންކާއި ދެވަނަ ފަހަރަށް ލީޑް ނެގީ މެޗްގެ 57ވަނަ މިނެޓްގައި މުޙައްމަދު އާކިބެވެ. މިލަނޑަށްފަހު މޮޅަށް ކުޅެފައިވަނީ ލަންކާއިންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެޓީމުންވަނީ ލީޑް ފުޅާކޮށްފައެވެ. ލަންކާގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވަސީމް ރަޒީކްއެވެ. މިއީ ލަންކާއަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެވެ. މިއީ މިމުބާރާތުގައި ވަސީމް ޖެހި 7ވަނަ ގޯލެވެ.

ދެ ގޯލްގެ ލީޑެއް ލަންކާއިން ނެގުމާއި ގުޅިގެން ސީޝެލްސްއިން ވަރަށް ބޮޑަށް ކުޅުން ރަގަނޅުކޮށް ލަނޑު ޖެހުމަށް މަސައްކަތް ކުރިއެވެ. އަދި ލަންކާއިން ދެ ގޯލްގެ ލީޑެއް އޮތުމާއި ގުޅިގެން މެޗް ފަސޭހަކޮށްލިއެވެ. ލަންކާއިން މެޗް ފަސޭހަކޮށްލުމާއި ގުޅިގެން އޭގެ ފައިދާ ސީޝެލްސްއިން ނެގިއެވެ.

މެޗްގެ ފަހު ކޮޅުގައި ސީޝެލްސްއިންވަނީ ދެ ލަނޑު ޖަހާ މެޗްގެ ނަތިޖާ ހަމަހަމަކޮށްފައެވެ. އެގޮތުން ސީޝެލްސްގެ ދެވަނަ ލަނޑަކީ ލަންކާގެ ޑިފެންޑަރު ޗަރިތަ ރަތުނަޔަކޭ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އަދި މެޗްގެ 89ވަނަ މިނެޓްގައި ސީޝެލްސްއަށް މެޗްގެ ނަތީޖާ ހަމަހަމަކުރި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެލައިޖާ ވުޑްލީއެވެ. 3 ލަނޑު 3 ލަނޑު އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ސީޝެލްސްއިން ކުރި ހޯދީ 3 ލަނޑު 1 ލަނޑުންނެވެ. ޕެނަލްޓީގައި ސިޝެލްސްގެ ކީޕަރު އަލްވިން ރޮޑީވަނީ ލަންކާގެ ދެ ޕެނަލްޓީ މަތަކޮށްފައެވެ.

ފުޓްބޯޅައިގައި މީގެ ކުރިން ސީޝެލްސް އަށް ލިބުނު ހަމައެކަނި ބޮޑު ކާމިޔާބަކީ 2011 ވަނަ އަހަރު އެ ގައުމުގައި ހޯސްޓްކުރި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ފުޓްބޯޅައިގެ ރަން މެޑަލްއެވެ. ފައިނަލުން ބަލިވުމުން ލަންކާ އިން ބައިނަލްއަގުވާމީ ފުޓްބޯޅައިގައި 21 އަހަރު ތެރޭ ފުރަތަމަ ތަށި ހޯދަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. ލަންކާ އިން އެންމެ ފުރަތަމަ ކާމިޔާބުކުރީ 1995 ވަނަ އަހަރު އަމިއްލަ ގައުމުގައި ހޯސްޓްކުރި ސައުތު އޭޝިއަން ގޯލްޑް ކަޕް (މިހާރުގެ ސާފް ޗެމްޕިއަންޝިޕް)އެވެ. އޭގެ ފަހުން 2000 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ގޯލްޑަން ޖޫބިލީ މުބާރާތް ކާމިޔާބު ކުރި ފަހުން ލަންކާ އަށް ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ކާމިޔާބެއް ނުކުރެވެއެވެ.