އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާ އެއްދާއިރާއަކީ ރާއްޖޭގައި ތިމާވެށީގެ ދާއިރާއިން ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކޮށް ތިމާވެށި ރައްކާތެރިކުރުމަށެވެ. އެގޮތުން މުޅި ޕީއެސްއައިޕީ ބަޖެޓުގެ 14 އިންސައްތައަކީ ތިމާވެއްޓަށް ކުރާ ހޭދައެވެ. މީގެތެރެއިންވެސް ކުނީގެ މައްސަލައަށްވަނީ ޚާއްސަ އިސްކަމެއްދީފައެވެ.
ރާއްޖޭގެ ގިނަ ރަށްތަކަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ރައްކާތެރިގޮތުގައި ކުނި މެނޭޖް ނުކުރެވުމުގެ މައްސަލައެވެ. މީގެކުރިން މާބޮޑަށް ސަމާލުކަން ދެވިފައި ނެތް މިމައްސަލަ ޙައްލުކުރުންވަނީ ގޮންޖެހުން ބޮޑު މަސައްކަތަކަށްވެފައެވެ. އެހެންކަމުން މިކަމަށް ކުރާހޭދަ މިހާރުވެފައިވަނީ ބޮޑުކުރަންޖެހިފައެވެ. އެހެންނޫނީ މިއީ ކައިރި މުސްތަޤުބަލުގައި ރާއްޖެއަށް ކުރިމަތިވާނެ ތިމާވެށީގެ އިތުރު ކާރިޘާއަކަށްވުން ގާތެވެ.
އެހެންކަމުން މިޚަރަދު އިތުރުކޮށް މިމައްސަލަ ޙައްލުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ކުނި މެނޭޖްކުރުމުގެ އެކި މަޝްރޫޢުތައް ހިންގުމަށްވަނީ ބޮޑު އިސްކަމެއްދީފައެވެ. ޕީއެސްއައިޕީގެ 14 އިންސައްތަ ނުވަތަ 932.4 މިލިއަން ރުފިޔާ ތިމާވެއްޓަށް ޚާއްސަކޮށްފައިވާއިރު މީގެތެރެއިން 358.9 މިލިއަން ރުފިޔާއަކީ ކުނި މެނޭޖްކުރުމަށް ހޭދަކުރުމަށް ކަނޑައަޅާފައިވާ ބަޖެޓެވެ.
އަންނަ އަހަރު ކުރިއަށްގެންދަން ނިންމާފައިވާ ކުނި މެނޭޖްކުރުމުގެ ދާއިރާގެ އެންމެ ބޮޑު ދެ މަޝްރޫޢަކީ ތިލަފުށީގައި ކުރިއަށްގެންދާ ގްރޭޓަރ މާލޭ ވޭސްޓު އެނަރޖީ ޕްރޮޖެކްޓާއި ގްރޭޓަރ މާލޭ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓްމެނޭޖްމަންޓް ޕްރޮޖެކްޓްގެ މަސައްކަތާއި އައްޑޫ ސިޓީގައި ހިންގަމުން އަންނަ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ ޤާއިމުކުރުމުގެ މަޝްރޫޢެވެ. މީގެތެރެއިން އައްޑޫގައި ކުރިއަށްގެންދާ މަޝްރޫއަކީ ގްރީން ފަންޑުން 16.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ގްރޭޓަރ މާލޭ ކުނި މެނޭޖްކުރާ މަރުކަޒު ޒަމާނީ ފެންވަރަށް ތަރައްޤީވުމާއެކު ރާއްޖޭގެ 32 ރަށަކުން އުފެދޭ ކުނި މެނޭޖްކުރުމަށް ހަމަޖެހިފައިވަނީ އެފެސިލިޓީއަށް ގެންގޮސްގެންނެވެ. ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ ރާއްޖޭގައި އުފެދޭ ކުނިން ހަކަތަ އުފެއްދުމަށެވެ. ޔޫއެންޑީޕީން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އެވްރެޖްކޮށް ބޮލަކަށް ރާއްޖޭގައި ދުވާލެއްގެ މައްޗަށް 800 ގްރާމުގެ ކުނި އުފައްދައެވެ. އަދި މިނިސްބަތް ރާއްޖޭގައި ހިންގާ ރިސޯޓުތަކުގައި ހުރީ މިއަށްވުރެ މަތީގައެވެ. އެހެންކަމުން ކުނިން ހަކަތަ އުފެއްދުމަށް ކުރާ މަސައްކަތުގެ ސަބަބުން ކުނީގެ މައްސަލައަށްވެސް ރައްކާތެރި ޙައްލެއް ލިބިގެންދާއިރު ރާއްޖެއިން އިޔާދަކުރަނިވި ޙަކަތައަށް ބަދަލުވެ ޖައްވައް ބޭރުކުރާ ވިހަ ގޭސް މަދުކުރުމަށްވެސް ލިބޭ ބޮޑު ކުރިއެރުމަކަށް މިކަންވެގެންދާނެއެވެ.