ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާ ގުޅޭގޮތުން، އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ރަސްމީ ވާހަކަތައް ފެއްޓެވުމަށް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ދަ ރައިޓް ހޮނަރަބަލް އެންޑީ ބާރންހަމްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މަޝްވަރާގެ ދަޢުވަތު ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވަނީ، ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ޙަވާލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ދަ ރައިޓް ހޮނަރަބަލް އެންޑީ ބާރންހަމްއަށް ފޮނުއްވި ސިޓީފުޅެއްގައިކަމަށެވެ.
ރައީސް ފޮނުއްވި ސިޓީފުޅުގައި ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއްކަމުގައި ތާރީޚީގޮތުންވެސް ފެންނާން އޮތްކަމާއި، އަދި ޖިއޮގްރަފީ ގޮތުންވެސް ފޯޅަވައްސަކީ ދިވެހިރާއްޖެއާ މާގާތުގައި އޮތް ރަށެއްކަމުގައި ފާހަގަކުރައްވައި، ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ޙަވާލުކުރެއްވުމަށް ކުރައްވާ މަސައްކަތްތައް ކުރިޔަށް ގެންދަވާތީ ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.
މިސިޓީފުޅުގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ކުރިޔަށް ގެންދަވާނޭ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާފައިވެއެވެ. އަދި ދިވެހި ދައުލަތާއި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރެވޭނޭ ގޮތަށް، ފޯޅަވަހީގެ މައްސަލައިގައި ދިވެހިރާއްޖެއިން އިނގިރޭސި ސަރުކާރަށް އެއްބާރުލުން ދެއްވާނޭ ކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.
ދިވެހިރާއްޖޭގެ ދެކުނުން އައްޑޫ ގަމާއި ގާތްގަނޑަކަށް 500 ވަރަކަށް ކިލޯ މީޓަރު ދުރުގައި އޮންނަ ފޯޅަވައްސަކީ، 7 އަތޮޅުގެ މައްޗަށް އެކުލެވޭ، 60 ރަށް ހިމެނޭ ތަނެކެވެ. އެ ރަށްތަކަކީ މިހާރު އިނގިރޭސި ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީއެކެވެ. ބޮޑުމިނުގައި 56 އަކަ ކިލޯމީޓަރ ހުރި ފޯޅަވަހީގެ މިލްކުވެރިކަމަށް ރާއްޖޭގެ އިތުރުން މޮރިޝަސްއިން ދައުވާކުރެއެވެ.
ފޯޅަވަހީގެ ރަށްތަކުގެ މައްޗަށް މޮރީޝަސްއިން ދައުވާކުރާއިރު މޮރިޝަސްއާއި އެ ޤައުމުގެ ވެރިރަށް ޕޯޓް ލުއީ އޮންނަނީ ފޯޅަވައްސާ ގާތްގަނޑަކަށް 1،300 މޭލު ދުރުގައެވެ. ނަމަވެސް ދިވެހިރާއްޖޭގެ ވެރިރަށް މާލެއާއި ފޯޅަވައްސާ ދެމެދު ހުރީ އެންމެ 310 މޭލުގެ ދުރުމިނެކެވެ.
މޮރިޝަސްއަށް ފޯޅަވަހި ދިނުން މަޑުޖައްސާލަން މިއަހަރުގެ ކުރީކޮޅު އިނގިރޭސިވިލާތުން ނިންމި ނިންމުމަށް މަރުޙަބާ ކިޔައި ދިވެހި ސަރުކާރުން ނެރުއްވި ބަޔާނެއްގައި މިއީ ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް ދިނުމާ ގުޅޭ މަޝްވަރާތަކަށް ފުރުސަތު ލިބިގެންދިޔަ ނިންމުމެއް ކަމަށެވެ. އަދި މި މައްސަލައިގައި ހަމަހަމަކޮށް އަމަލުކޮށް، ރާއްޖޭގެ ޙައްގުތައް ކަށަވަރުކުރުމަށާއި އިންޑިއާ ކަނޑުގެ ހަމަޖެހުން ޤާއިމުކުރުމަށް ގޮވާލައްވާކަމަށްވެސް ރާއްޖޭން ނެރުނު ބަޔާނުގައި ވިދާޅުވިއެވެ.