ކުޅިވަރު

ވޯލްޑް ކަޕަށް ނެދަލެންޑްސް ކޮލިފައިވެއްޖެ


މިއަންނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް ނެދަލެންޑްސް ކޮލިފައިވެއްޖެއެވެ. ނެދަލެންޑްސް ވޯލްޑް ކަޕަށް ކޮލިފައިވެފައިވަނީ ރޭ ނޯވޭ 2 ލަނޑު 0 ލަނޑުން ބަލިކޮށްގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެ ޓީމަށްވެސް ގޯލެއް ޖެހުމަށް ރަގނަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އެއްވެސް ޓީމަކަށް މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވެއެވެ. މެޗްގައި ފެނިގެންދިޔަ ދެ ގޯލްވެސް ފެނިފައިވަނީ މެޗްގެ ދެވަނަ ހާފްގައެވެ. މެޗްގައި ނެދަލޭންޑްސްއިން ޖެހި ފުރަތަމަ ގޯލް އެޓީމުން ޖެހީ މެޗްގެ 84ވަނަ މިނެޓްގައި ސްޓީވެން ބާގްވެއިންއެވެ. އެޓީމުން ޖެހި ދެވަނަ ލަނޑު މެޗްގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ މެމްފިސް ޑިޕާއިއެވެ. ކޮލިފައިންގައި އެންމެ ގިނަ ގޯލް ޖެހި ދެ ކުޅުންތެރިންގެ ތެރޭގައި ޑިޕާއީ ހިމެނެއެވެ. ޑިޕާއީ އާއި އިންގްލެންޑްގެ ހެރީ ކޭންވަނީ މިކޮލިފައިންގައި 12 ގޯލް ޖަހާފައެވެ.

ނެދަލެންޑްސް އިން ކޮލިފައިން ގްރޫޕް ޖީގެ އެއް ވަނަ ހޯދީ 10 މެޗުން 23 ޕޮއިންޓާ އެކުއެވެ. މި ގްރޫޕުން ޕްލޭއޮފްގެ ޖާގަ ކަށަވަރުކުރީ ރޭ މޮންޓަނެގްރޯ ދަނޑުގައި 2-1 އިން މޮޅުވި ތުރުކީއެވެ. ތުރުކީ ވަނީ 10 މެޗުން 21 ޕޮއިންޓް ހޯދާފައެވެ.

ނެދަލެންޑްސް އިން އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި މުބާރާތުގައެވެ. އޭރު ނެދަލެންޑްސްގެ ކޯޗަކަށް ހުރީ މިހާރު އެ ޓީމާ ހަވާލުވެ ހުރި ލުއީ ވެން ހާލްއެވެ. އޭނާ ވަނީ އެ ފަހަރު ނެދަލެންޑްސް އަށް ވޯލްޑް ކަޕްގެ ތިން ވަނަ ހޯދައިދީފައެވެ. ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށް ނެދަލެންޑްސް ކޮލިފައިނުވެއެވެ. .

ގަތަރުގައި އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕުގެ ޖާގަ ހޯދާފައިވަނީ ހޯސްޓްގެ ހައިސިއްޔަތުން ގަތަރުގެ އިތުރުން 12 ގައުމަކުންނެވެ. އެއީ ދެކުނު އެމެރިކާގެ ބްރެޒިލާއި އާޖެންޓީނާގެ އިތުރުން ޔޫރަޕްގެ 10 ގައުމެކެވެ. ޔޫރަޕްގެ ގައުމުތަކަކީ ނެދަލެންޑްސްގެ އިތުރުން ޖަރުމަނާއި ފްރާންސް، ޑެންމާކް، ބެލްޖިއަމް، ސްޕެއިން، ސާބިއާ، ކްރޮއޭޝިއާ، އިންގްލެންޑް އަދި ސްވިޒަލެންޑްއެވެ.