މުނިފޫހިފިލުވުން

ކަރްނާޓަކާ ފިލްމް ފެސްޓިވަލް - ދިވެހި ފިލްމް އިންޑަސްޓްރީއަށް ތަފާތު ތަޖުރިބާއެއް


"ކަރްނާޓަކާ އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލުގައި ބައިވެރިވުމަކީ ރާއްޖޭގެ ފިލްމް އިންޑަސްޓްރީ ކުރިއެރުވުމަށް ލިބިގެންދިޔަ އަގުހުރި ފުރުޞަތެއްކަމަށް މި ފެސްޓިވަލުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ މޯލްޑިވްސް ސޮސައިޓީ ފޯރ ޕަރފޯމިންގ އާޓްސްއިން ބުނެފިއެވެ.

އިންޑިއާގެ ކަރްނާޓަކާގައި ބާއްވާ "ކަރްނާޓަކާ އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލްގައި ދިވެހިރާއްޖެ ތަމްޞީލުކުރުމުގެ ގޮތުން މޯލްޑިވްސް ސޮސައިޓީ ފޯރ ޕަރފޯމިންގ އާޓްސް، އެމް.އެސް.ޕީ.އޭއިން ބައިވެރިވެފައިވާއިރު، އެމް.އެސް.ޕީ.އޭގެ ޓީމާއެކު މިފަހަރުގެ ފެސްޓިވަލުގައި ރާއްޖޭގެ ފަރާތުން އެޅުވުމަށް ހަމަޖެހިފައިވާ ދެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުގެ ފަރާތުންވެސް ވަނީ ބައިވެރިވެފައެވެ. މިފަހަރުގެ ފެސްޓިވަލްގެ ކަންޓްރީ އޮފް ފޯކަސް އެއްގެގޮތުގައި ކަނޑައަޅާފައިވަނީ ދިވެހިރާއްޖެއެވެ.

މި ފެސްޓިވަލާ ގުޅޭގޮތުން އިންޑިއާގެ ބައެއް ލޯކަލް މީޑިއާތަކަށް މަޢުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމް.އެސް.ޕީ.އޭގެ ޗެއަރމަން އަދި މަޝްޙޫރު ޕްރޮޑިއުސަރ ޑައިރެކްޓަރ މުޙައްމަދު ރަޝީދު (ދަރާ ރަޝީދު) ވިދާޅުވީ، މިފަދަ ފެސްޓިވަލެއްގައި ރާއްޖެ ތަމްޞީލުކުރުމުގެ ފުރުޞަތު ލިބޭތީ ވަރަށް އުފާކުރާ ކަމަށެވެ. އަދި މިއީ އެމް.އެސް.ޕީ.އޭއިން މިގޮތަށް ބައިނަލްއަޤްވާމީ ފިލްމް ފެސްޓިވަލެއްގައި ބައިވެރިވާ ފުރަތަމަ ފަހަރުކަމުން، ފެސްޓިވަލާމެދު ފޮނި އުއްމީދުތަކެއް ކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ، މިފަހަރުގެ ފެސްޓިވަލުގައި ދިވެހި 2 ފިލްމް އެޅުވުމުގެ އިތުރުންވެސް، މިއީ ރާއްޖެ ތަމްޞީލުކުރުމަށް ލިބޭ ފުރުޞަތެއްކަމުން، ރާއްޖޭގެ ސަޤާފަތާއި، ފަންނުވެރިކަންވެސް ފެސްޓިވަލުގެ ބައިވެރިންނަށް ދައްކާލުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިއީ ދިވެހި ފިލްމް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް އިންޑިއާގެ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުވެ، ތަޖުރިބާ ބަދަލުކުރުމަށް ލިބިގެންދާ ފުރުޞަތެއްކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.

"އެމް.އެސް.ޕީ.އޭއަކީ ހަމައެކަނި ފިލްމްތަކަށް ޚާއްސަ އެސޯސިއޭޝަނެއްނޫން. އަޅުގަނޑުމެން ބޭނުންވޭ މުޅި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީ ކުރިއަރުވަން. އެހެންވީމަ ރާއްޖޭގެ އެންޓަޓައިންމަންޓް އިންޑަސްޓްރީއަށްވެސް މިއީ ލިބޭނެ އިތުރު އެކްސްޕޯޝަރއެއް" ރަޝީދު ވިދާޅުވިއެވެ.

"ކަރްނާޓަކާ އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލް" އިންތިޒާމްކުރާ ނަވާ ކަރްނާޓަކާ ފިލްމް އެކަޑަމީގެ ރައީސް ޑރ. އެމް.އޭ މުމިގާތީ ވިދާޅުވީ، މިއީ އެ އެކަޑަމީގެ ފަރާތުން އިންތިޒާމްކުރާ މިފަދަ ފުރަތަމަ ފެސްޓިވަލްކަމަށެވެ. އެގޮތުން އިންޑިއާގެ އިތުރުން، ސަރަޙައްދީ ޤައުމުތަކާއި، އަދި އެއަށްވުރެއްވެސް ދުރު ހިސާބުތަކުގެ ޤައުމުތަކުގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެމީހުންގެ އުފެއްދުންތައް ދައްކާލުމަށް މިއީ ލިބޭ ރަނުގެ ފުރުޞަތެއްކަމަށް ޑރ. މުމިގާތީ ވިދާޅުވިއެވެ. އަދި މިފަހަރުގެ ފެސްޓިވަލުގައި ބައިވެރިކުރާ ފިލްމްތަކުގެ ތެރެއިން ހޮވާލެވޭ ފިލްމުތަކެއް ސްކްރީންކުރުމަށްފަހު، ތަފާތު ވަނަތަކެއް ހޮވުންވެސް އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ކަރްނާޓަކާއަކީވެސް ވަރަށް ބޮޑު ސްޓޭޓެއް. އެކަމު އާއްމުކޮށް މިފަދަ ފިލްމް ފެސްޓިލްތައް ގިނައިން މި ބާއްވަނީ ދެކުނު ކަރްނާޓަކާގައި. އެހެންވީމަ އަހަރުމެން ބޭނުންވީ މިކަހަލަ ފެސްޓިވަލެއް އުތުރު ކަރްނާޓަކާގައިވެސް ބާއްވަން. މި ފެސްޓިވަލުގައި އަޅުވާ ފިލްމްތަކުގެ ތެރެއިން ބައެއް ފިލްމްތައް ސްކްރީންކުރުމަށްފަހު އަހަރުމެން ތަފާތު އެވޯޑްތަކެއްވެސް ދޭން ވަނީ ރާވާފައި" ޑރ. މުމިގާތީ ވިދާޅުވިއެވެ.

ކަރްނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ދެކުނުގެ ކަރްނާޓަކާ ސްޓޭޓްގެ އިދާރީ ޑިސްޓްރިކްޓެއް ކަމަށްވާ ހަބަލީ – ދަރުވާދުގެ ހޮޓެލް ޓްރެވަލް އިންގައެވެ. މި ފެސްޓިވަލް އޮންނާނީ މިމަހުގެ 19 އިން 21 އަށެވެ. މިފަހަރުގެ ފެސްޓިވަލުގައި ތަފާތު 25 ފިލްމެއް ބައިވެރިކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިންދީ، ކަންނާޑާ، ޓަމިލް، ޓެލަގޫ، ދިވެހި، އަދި އިނގިރޭސި ބަހުން އުފައްދާފައިވާ ފިލްމްތައް ހިމެނެއެވެ.

ރާއްޖޭގެ ފަރާތުން މި ފެސްޓިވަލްގައި ބައިވެރިކޮށްފައިވަނީ ޢަބްދުލް ފައްތާޙް ޑައިރެކްޓްކޮށް 2018 ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމް "ހައްދު" އަދި އިލިޔާސް ވަޙީދު ޑައިރެކްޓްކޮށް 2019 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމް "ބަވަތި"އެވެ. ފެސްޓިވަލް ހުޅުވުމުގެ ގޮތުން އެންމެ ފުރަތަމަ އެޅުވާނީ "ބަވަތި"އެވެ. މީގެ އިތުރުން ރާއްޖޭގެ ފަރާތުން ކަލްޗަރަލް ޑާންސްއަކާއި، މިއުޒިކް ހުށަހެޅުންތަކެއްވެސް ފެސްޓިވަލްގެ ތެރެއިން ފެނިގެންދާނެއެވެ.