ކުޅިވަރު

ސާފް ތަށި ކޯޗެއްގެ ގޮތުގައިހުރެ ވެސް އުފުލާލަން ބޭނުން - އައްސަދު


ކެޕްޓަނެއްގެ ގޮތުގައި ހުރެ އުފުލާލި ޓްރޮފީ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހުރެ އުފުލާލަން ބޭނުން ކަމަށް އައްސަދު އަބްދުލް ޤަނީ ބުނެފިއެވެ. ދެހާސް އަށްވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ރާއްޖެ ހޯދީ އައްސަދުގެ ކެޕްޓަންކަމުގެ ދަށުންނެވެ. ޤައުމީ ޓީމްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މިހާރު ހަރަކާތްތެރިވާ އައްސަދު ބުނީ މިފަހަރުގެ ޓީމަކީ ވަރަށް ބެލެންސް ޓީމެއްކަމަށާއި، ޓީމުގައި ޒުވާން ކުޅުންތެރިންގެ އިތުރުން ތަޖުރިބާކާރު ކުޅުންތެރިން ހިމެނޭކަމަށެވެ. އަދި ޓީމުގެ ކޯޗަކީ މިހާތަނަށް ރާއްޖެ ނާންނަވަރުގެ މޮޅު ކޯޗެއް ކަމަށާއި ކޯޗުގެ އިރުޝާދާއިއެކު ސާފް ސުޒުކީ ކަޕްގައި ދިވެހިން އުއްމީދުކުރާވަރުގެ ކާމިޔާބެއް ލިބޭނެކަމަށް ވަރަށް ބޮޑަށް އުއްމީދުކުރާކަމަށެވެ."މިފަހަރުގެ ޓިމަކީ ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިންނާއިއެކު އޮތް ވަރަށް ބެލެންސް ޓީމެއް. ކޯޗަކީވެސް ރާއްޖެ މިހާތަނަށް އައިސްފައިނުވާވަރުގެ މޮޅު ކޯޗެއް، ވަރަށް އުއްމީދުކުރަން މި ޓީމާއިއެކު ތަށި އުފުލާލެވޭނެކަމަށް" އައްސަދު ބުންޏެވެ. ގައުމީ ޓީމް ސާފް ސުޒުކީ ކަޕްގައި ވާދަކުރާ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ނިކުންނާނީ ބޫޓާނާއި ދެކޮޅަށެވެ.