ޚަބަރު

ބަންދުގެ ޝަރުތުތައް ފުރިހަމަކޮށްފައިވާ އެއްވެސް މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައެއްނުވާނެ: އިމްރާން


އަދަބު ލުއިކޮށްދިނުމުގެ ސަބަބުން ގޭބަންދަށް ނުވަތަ ރަށު ބަންދަށް ދޫކޮށްލެވިފައިވާ ފަރާތްތަކުގެ ތެރެއިން އެފަރާތްތަކުގެ މައްޗަށް ކުރެވިފައިވާ ޝަރުތައް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ޕާސްޕޯޓް ހިފެހެއްޓިފައި ނުވާކަމުގައި ހޯމް މިިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ގޭ ބަންދަށް ދޫކޮށް، ވަކި މުއްދަތެއްގައި ގޭބަންދުގައި ހުރުމަށްފަހު، ރަށު ބަންދަށް ނުވަތަ ޖަލުން ރަށު ބަންދަށް ދޫކޮށްފައިވާ ފަރާތްތަކަށް ގިނަ އަހަރުތަކެއް ވެގެންދާއިރުވެސް ޕާސްޕޯޓް ހިފަހައްޓައި، ވަކިގޮތެއް ނާންގައިވަނީ ކޮން ސަބަބަބާއި ހެދިތޯ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ މިނިސްޓަރ އިމްރާނާއި ލިޔުމުން ޖަވާބު ހޯދަން އެދިފައެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ މަޢާފު ދިނުމާ އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން އަދަބު ލުއިކޮށްދިނުމުގެ ސަބަބުން ގޭބަންދަށް ނުވަތަ ރަށު ބަންދަށް ދޫކޮށްލެވިފައިވާ ފަރާތްތަކުގެ ތެރެއިން އެފަރާތްތަކުގެ މައްޗަށް ކުރެވިފައިވާ ޝަރުތައް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ޕާސްޕޯޓް ހިފެހެއްޓިފައިނުވާނެކަމަށެވެ.

ނަމަވެސް، ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން ދޫކޮށްލެވުނު ފަރާތްތަކުގެ ތެރެއިން، އެފަރާތްތަކަށް ކުރެވުނު ޝަރުތުތަކާއި ޚިލާފުވުމުގެ ސަބަބުން ހުކުމަށް އަލުން ރުޖޫޢަ ކުރަންޖެހޭ ފަރާތްތައްވެސް ހިމެނޭ ގޮތަށް، ހުކުމް ތަންފީޛު ކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާ ހުރެ މުޖްތަމަޢަށް ދޫވެފައިވާ އެކިފަރާތްތަކުގެ ޕާސްޕޯޓުތައް ވަނީ ހިފެހެއްޓިފައިކަމަށް ސިޓީގައިވެއެވެ.

މީގެއިތުރުން ޕާސްޕޯޓް ހިފެހެއްޓިފައިވާ ފަރާތްތަކުގެ ތެރޭގައި ޑްރަގް ފަރުވާ ފުރިހަމަނުކުރުން ނުވަތަ ދަރަނި އަދާނުކުރުން ފަދަ މައްސަލަތަކުގައި ޣައިރު ޙާޟިރުގައި ހުކުމްކޮށްފައިވާ ފަރާތްތައްވެސް ހިމެނޭކަމަށެވެ. މިހުރިހާ ފަރާތެއްގެވެސް ޕާސްޕޯޓު ހިފެހެއްޓިފައިވަނީ، އެފަދަ ފަރާތްތަކުން ތަންފީޛުކުރަންޖެހޭ ހުކުމްތައް ހުރުމުންކަމަށާއި، އަދި މިފަދަ ފަރާތްތައް ލިސްޓު ކުރެވިފައިވާއިރު، އޭގެތެރޭގައި ވަރަށް ގިނަ އަދަދެއްގެ މީހުން ހިމެނޭކަމަށްވެސް ހޯމް މިނިސްޓަރގެ ސިޓީގައިވެއެވެ.

މިފަދަ ފަރާތްތަކުގެ ތެރެއިން އިތުރު ކުށަކަށް އަރައިނުގަނެ ގިނަ ދުވަސްތަކެއް ވެފައިވާ ފަރާތްތައް ހިމެނޭއިރު، އެފަދަ ފަރާތްތަކުގެ މައްޗަށް އިއްވާފައިވާ ހުކުމްތައް މިހާރު ތަންފީޛުކުރަން ފެށުމަކީ އެންމެ މަސްލަހަތު ހުރި ގޮތްކަމަށް ނުފެންނާތީ، މިފަދަ ހާލަތެއް މެދުވެރިވެފައިވާ ހުރިހާ ފަރާތްތަކަށްވެސް ޢަދުލުވެރި ހައްލެއް ހޯދައިދިނުމަށް މައްސަކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިގޮތުން، އިތުރު ކުށަކަށް އަރައިނުގަނެ، ވަޒީފާއަށް ގޮސް އާއިލާއާއެކު ހަރުދަނާ ދިރިއުޅުމެއް އުޅެމުންދާ ފަރާތްތަކުގެ މައްޗަށް އަހަރުތަކެއްގެ ކުރިން ކޮށްފައިވާ ހުކުމެއް ތަންފީޛުކުރުމަށް ޖަލަށް ގެނައުމަކީ މީހުން ރީހިބިލޭޓްކޮށް މުޖްތަމަޢަށް ނެރުމަށް ބާރުއެޅުމަށް މިނިސްޓްރީން ގެންގުޅޭ ރުޖޫޢީ އިންސާފުގެ ފަލްސަފާއާ ޚިލާފު އަދި އެކަމުގެ ސަބަބުން ދަޢުލަތުންނާއި އެފަދަ ފަރާތްތަކުގެ ޢާއިލާތަކުންވެސް ތަކުލީފުތަކެއް އުފުލަން ޖެހޭނެ ކަމެއް ކަމުގައިވާތީ، މިފަރާތްތަކުގެ މައްޗަށް ކުރެވިފައިވާ ހުކުމްތަކާމެދު ޤާނޫނީ ގޮތުން ޢަމަލުކުރެވިދާނެ ގޮތްތަކެއް ދެނެގަތުމަށް ކަމާ ގުޅުން ހުރި މުއައްސަސާތަކާއެ މަޝްވަރާ ކުރަމުންދާކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.