ޚަބަރު

އޮސްޓުރިޔާގައި ވެކްސިން ނުޖަހާ މީހުންނަށް ފުރަބަންދުގެ އުޞޫލުތަކެއް


އޮސްޓުރިޔާގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އެ ޤައުމުގައި ވެކްސިން ނުޖަހާ މީހުންނަށް ފުރަބަންދުގެ އުޞޫލުތަކެއް ތަންފީޒުކުރަން ނިންމައިފިއެވެ.

އޮސްޓުރިޔާގެ ޗާންސެލަރ އަލަކްސެންޑަރ ޝައިންބާގު ވިދާޅުވީ އެ ޤައުމުގެ ޢާއްމުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށެވެ. އަދި އެ ޤައުމުގައި ވެކްސިން ޖެހާފައިވާ މީހުންގެ ޢަދަދާމެދު ލަދުގަންނަން ޖެހޭކަމަށްވެސް ޝައިންބާގު ވިދާޅުވިއެވެ. އެ ގޮތުން އޭނާވަނީ ކޯވިޑް-19 ފެތުރެނީ ވެކްސިން ނުޖަހާ މީހުންގެ މެދުގައިކަން ފާހަގަކުރައްވައިފައެވެ. އޭނާވަނީ ވެކްސިންގެ ޑޯސްތައް ފުރިހަމަކޮށްފައިވާ މީހުންވެސް ވެކްސިންގެ ބޫސްޓަރު ޑޯސެއް ޖެހުމަށް އިލްތިމާޞްކޮށްފައެވެ.

އޮސްޓުރިޔާގައި ވެކްސިން ނުޖަހާ މީހުންނާ ދެކޮޅަށް ތަންފީޒުކުރަން ނިންމައިފައިވާ ފުރަބަންދުގެ އުޞޫލުތަކުގެ ދަށުން ޢުމުރުން 12 އަހަރުން މަތީގެ މީހުންނަށް ބޭރަށް ނުކުމެވޭނީ ޒާރޫރީ ތަކެތި ގަތުމަށާއި ވަޒީފާއަށާއި ވެކްސިން ޖެހުމަށް އެކަންޏެވެ. އަދި އެ އުޞޫލުތަކާ ޚިލާފުވާ މީހުން 1،450 ޔޫރޯއިން ޖޫރިމަނާކުރުމަށްވެސް އެ ޤައުމުގެ ސަރުކާރުންވަނީ ނިންމައިފައެވެ. ބެލެވޭ ގޮތުގައި 8.9 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އޮސްޓުރިޔާގެ 2 މިލިޔަން މީހުންނަށް އެ އުޞޫލުތަކުން އަސަރުކުރާނެއެވެ. އޮސްޓުރިޔާގެ ސަރުކާރުން ނިންމާފައިވަނީ 10 ދުވަހަށް އެ އުޞޫލުތައް ތަންފީޒުކުރުމަށްފަހު ޙާލަތު ދެނެގަނެ މުއްދަތު އިތުރުކުރުމަށެވެ.

ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި އޮސްޓުރިޔާގައި ދުވާޅެއްގެ މައްޗަށް 11,552 މީހުންނަށް ކޯވިޑް-19 ޖެހެއެވެ. އެ ޢަދަދު މިދިޔަ ހަފުތާގައި ހުރީ 8,554ގައެވެ. އެ ގޮތުން އޮސްޓުރިޔާގައި ކޮންމެ 100،000 މީހަކުން 775 މީހުންނަށް ބަލިޖެހެމުންދާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެ ޤައުމުގައި ކޯވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައިވަނީ އާބާދީގެ 41 އިންސައްތަ މީހުންނެވެ.