ޚަބަރު

ޗައިނާގައި އަނެއްކާވެސް ހަލުވިކަމާއެކު ޑެލްޓާ ވޭރިއެންޓު ފެތުރެނީ


ޗައިނާގައި އަނެއްކާވެސް ހަލުވިކަމާއެކު ކޯވިޑް-19ގެ އެންމެ ނުރައްކާތެރި އަދި ވާރުތަވުމުގެ އެންމެ ބާރުގަދަ ޑެލްޓާ ވޭރިއެންޓު ފެތުރެން ފަށައިފިއެވެ.

ޗައިނާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި މި ފަހަރު އެ ޤައުމުގައި ފެތުރެން ފެށުނު ޑެލްޓާ ވޭރިއެންޓުގެ ރާޅު ކުރީ ފަހަރުތަކަށްވުރެ ނުރައްކާތެރިއެވެ. އެ ގޮތުން ބަލިމަޑުކަން ފެތުރޭ މިންވަރު ކުރިޔަށްވުރެ އިތުރުވެ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅަންވަނީ މަޖުބޫރުވެފައެވެ.

ޗައިނާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި 32 މީހުންނަށްވަނީ ޑެލްޓާ ވޭރިއެންޓު ޖެހިފައެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް ބަލިޖެހިފައިވަނީ ޗައިނާގެ އިރުއުތުރުގައި އޮންނަ ޑާލިޔާނުންނެވެ. އަދި ޗައިނާގެ 21 ސަރަޙައްދަކުން ބަލިޖެހިފައިވާ މީހުންވަނީ ފެނިފައެވެ.

ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި އޮކްޓޯބަރު މަހުގެ 17ވަނަ ދުވަހުން ފަހުން ޗައިނާގައި 1,308 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. މިދިޔަ ހޫނު މޫސުމުގައި އެ ޤައުމާ ކުރިމަތިލާން ޖެހުނު ކޯވިޑް-19ގެ ނުރައްކާތެރި ރާޅުގައި ބަލިޖެހިފައިވަނީ 1,280 މީހުންނަށެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރުނު ޤައުމުކަމަށްވާ ޗައިނާގައި ޖުމުލަ 98،000އަށްވުރެ ގިނަ މީހުންނަށްވަނީ ބަލިޖެހިފައެވެ. އަދި ބަލިމަޑުކަމުގައި 4،600އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.