ވިޔަފާރި

މިއަހަރު ބެޑް ނައިޓްސްގެ އަދަދު 2019 އަށްވުރެ އިތުރުވާނެ: މައުސޫމް


މިއަހަރު ފަތުރުވެރިކަމުގެ ބެޑް ނައިޓްސްގެ އަދަދު 2019 ވަނަ އަހަރަށްވުރެ އިތުރުވާނެކަމަށް ޓޫރިޒަމް މނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވީ ރާއްޖެއަށް މިއަަހަރު ފަތުރުވެރިން އަންނާނެ އަދަދުތަކަށް ބަލާއިރު، މިއަހަރު ނިމޭއިރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އަންނާނެކަމަށް ލަފާކުރައްވާކަމަށެވެ. އަދި ފަތުރުވެރިންގެ އަދަދު އިތުރުވެ، ބެޑް ނައިޓްސްގެ އަދަދުވެސް 2019 ވަނަ އަހަރަށްވުރެ އިތުރުވާނެކަމަށް ޓޫރިޒަމް މނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ލަފާކުރައްވާފައެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަމުންދާއިރު ޓޫރިޒަމް މިިނިސްޓަރ ވަނީ ފަތުރުވެރިކަން ނަގަހައްޓާ ކުރިއެރުވުމަށް ހުރިހާ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަށް ދައްކާގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1074154 މިލިއަން ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4710 ފަތުރުވެރިން އާދެއެވެ. އަދި މި އަދަދަށް އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ރާއްޖެއަށް ފަތުރުވެރިން އަންނަ ނަމަ ކުރިއަށް އޮތް ދުވަސްތަކުގައި 226080 ފަތުރުވެރިން ރާއްޖެއަށް އައިސް، އަހަރު ނިމޭއިރު ޖުމްލަ 1300234 ފަތުރުވެރިން ރާއްޖެއަށް އަންނާނެކަމަށް ލަފާކުރެވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް 61226 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. މިއީ 2019 ވަނަ އަހަރު މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 57677 ފަތުރުވެރިންނާއި އަޅާ ބަލާއިރު 6.2 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިން އެވްރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެއެވެ. 2019 އަހަރު މި އަދަދުހުރީ 6 ދުވަހުގައެވެ.