ވިޔަފާރި

ކްލަބްމެޑް ފިނޮޅު މުވައްޒަފުންނަށް ސާވިސް ޗާޖަށް 20 ހާހުން މަތިން


މިދިޔަމަހު ކުލަބްމެޑް ފިނޮޅު ވިލާސް ރިސޯޓްގެ ކޮންމެ މުވައްޒަފަކަށް ސަރވިސް ޗާޖުގެ ގޮތުގައި 1304 ޑޮލަރު ލިބިއްޖެއެވެ.

މިއީ ދިވެހި ރުފިޔާއިން ބަލާ ނަމަ 20108 ރުފިޔާއެވެ.

ރިސޯޓު ވޯކާސް މޯލްޑިވްސް ފޭސްބުކް ޕޭޖުގައި އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ކުލަބުމެޑް ފިނޮޅު ވިލާސް ރިސޯޓަކީ މިދިޔަމަހު އެންމެ ބޮޑު ސަރވިސް ޗާޖެއް ދިން ރިސޯޓެވެ. އެންމެ މަތީ ފަންތީގެ ޚިދުމަތްދޭ ކްލަބްމެޑް ފިނޮޅު ވިލާސް ރިސޯޓަކީ އަބަދުވެސް ރަނގަޅު ސަރވިސް ޗާޖެއް ބަހާ ރިސޯޓެކެވެ.

ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ދޭ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ރިސޯޓް ވޯކާސް އިން ނެރޭ މި މައުލޫމާތުތަކުން ދައްކާގޮތުން 1000 ޑޮލަރަށްވުރެ ބޮޑު އަދަދަކުން ސަރވިސް ޗާޖު ބަހާފައިވަނީ 3 ރިސޯޓަކުންނެވެ. އެއީ ކްލަބްމެޑް ފިނޮޅު ވިލާސް ރިސޯޓާއި، ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް ރިސޯޓާއު އަޔާޑާ މޯލްޑިވްސް ރިސޯޓެވެ.

މީގެތެރެއިން، ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް ރިސޯޓުން ދީފައިވަނީ 1062 ޑޮލަރެވެ. މިއީ 16376 ރުފިޔާއެވެ. އަދި އަޔާޑާ މޯލްޑިވްސް ރިސޯޓުން 1049 ޑޮލަރެވެ. މިއީ 16175 ރުފިޔާއެވެ.

އޮކްޓޯބަރުމަހު އެންމެ ދަށްކޮށް ސަރވިސް ޗާޖު ދިން ރިސޯޓުތަކުގެ އަދަދުތަށް އުޅެނީ 5000 ރުފިޔާއަށްވުރެ ދަށުގައެވެ. ބައެއް ރިސޯޓްތަކުން ސަރވިސް ޗާޖު ނުދޭ މައްސަލައަކީ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ފާހަގަކުރާ މައްސަލައެކެވެ. ނަމަވެސް ރާއްޖޭގެ ވަޒީފާއާ ބެހޭ ޤާނޫނުން ވަނީ ސަރވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާ މުވައްޒަފުންނަށް ދިނުމަށް ލާޒިމްކޮށް ޤާނޫނު އިސްލާހުކޮށްފައެވެ. އަދި އެ ޤާނޫނާއި ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށްވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.