ޚަބަރު

ވެންޓިލޭޓަރުތަކުގެ މައްސަލައާއި މަޚުލޫފްގެ މައްސަލަގައި އަންނަ ހަފްތާގައި ގޮތެއް ނިންމަނީ


ކޯވިޑާ ގުޅިގެން ހެލްތް މިނިސްޓްރީން ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ މައްސަލައާއި، ޔޫތު މިނިސްޓަރު އަޙްމަދު މަޙުލޫފްގެ މައްސަލާގައި އަންނަ ހަފްތާގައި ގޮތެއް ނިންމަވާނެކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވިއެވެ.

ވެންޓިލޭޓަރު މައްސަލާގައި 2ވަނަ ފަހަރަށް ދައުވާ އުފުލާފައިވަނީ ކުރިންވެސް ދަޢުވާކުރަން އެދުނު 11 މީހުންގެ މައްޗަށެވެ. އަދި އަލުން މައްސަލަ ފޮނުވީ ތަޙުޤީޤަށް ފާހަގަކުރެވުނު އިތުރު ކަންތައްތައް ހިމަނާ އިތުރު ދަޢުވާތަކާއި އެކުކަމަށްވެސް އޭސީސީން ވިދާޅުވިއެވެ.

މިމައްސަލާގައި ޕީޖީ ވިދާޅުވީ އޭސީސީން މައްސަލަތައް ތަހުގީގް ކުރާއިރު، ޕީޖީ އޮފީހާއިއެކު މަޝްވަރާ ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އޭސީސީއަކީ މިނިވަން ކޮމިޝަނެއްކަމުގައި ވީނަމަވެސް މައްސަލަތަކުގައި ދައުވާ ކުރުމާއި ހަމައަށްދާއިރު، މަޝްވަރާ ކޮށްލުމަކީ މުހިންމު ކަމެއްކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ކަންކަމުގައި މަޝްވަރާކޮށްގެން މައްސަލަތައް ދައުވާ ކުރުމައި ހަމައަށް ދިއުމަށް އެދޭނެކަމަށް ޕީޖީ ވިދާޅުވިއެވެ.

ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތާގުޅޭ އެއްބަސްވުން އެކުލަވާލުމާއި ވެންޓިލޭޓަރުތައް ހޯދުމުގެ މުޅި ޕްރޮސެސްގައި ދައުލަތަށް ގެއްލުންވާ ގޮތަށް ހިންގާފައިވާ ކަންތައްތައް ފާހަގަކޮށް، މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަތަކުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނު 13 ވަނަ މާއްދާގެ ދަށުން، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާކުރުމަށް އެދިފައިވާނެކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވިއެވެ. އަދި މި މައްސަލާގައި ހިމެނޭ 11 މީހުންގެ މައްޗަށް ކުރިން ދަޢުވާކޮށްދިނުމަށް އެދި ހުށައެޅި އެއްވެސް ނިންމުމަކަށް ބަދަލެއް ގެނެސްފައެއް ނުވާނެކަމަށްވެސް އެންޓިކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި މިިނިސްޓަރ މަޙްލޫފުގެ މައްޗަށް ދެ ދަޢުވާއެއް ކުރުމަށް އޭސީސީން ވަނީ ފޮނުވާފައެވެ. އެއީ ރިޝްވަތު ނެގިކަމުގެ ދަޢުވާއަކާއި ދޮގު މަޢުލޫމާތު ދިނުމުގެ ދަޢުވާއެކެވެ. މިމައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާ މަޤާމުގެ މަސްއޫލިއްޔަތަކުން އެކަހެރިކޮށްފައެވެ. މިނިސްޓަރ މަހުލޫފް ސަސްޕެންޝަނުގައި ހުންނަވާތާ 4 މަސްދުވަހަށްފަހު މިދިޔަ މަހުގެ 10 ވަނަ ދުވަހު ވަނީ މަސައްކަތަށް ނިކުންނަވާފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ކުރިއަށްގެންދިޔަ ތަޙުޤީގާއި ގުޅޭގޮތުން އޭސީސީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އަޙްމަދު މަޚްލޫފް ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން(އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި 33,000.00(ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު އަޙްމަދު މަޚުލޫފް އަށް ލިބިފައިވާކަން ތަޙްޤީޤުން އެނގޭ ކަމަށެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ ކުންފުނީގެ އެކައުންޓުން މަހުލޫފްގެ އަމިއްލަފުޅު އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާ މައްސަލާގައި 2019ވަނަ އަހަރުގެ ކުރީކޮޅުވެސް މިނިސްޓަރ މަހުލޫފް ސަސްޕެންޑްކޮށް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރިކޮށްފައިވެއެވެ.