ޚަބަރު

ރައްކާތެރި ފެނުގެ ނިޒާމަކަށް، އިންނަމާދޫ ރައްޔިތުން ކުރި އިންތިޒާރަށް ނިމުން


ރައްކާތެރި ސާފު ފެނުގެ ނިޒާމަކީ ރ.އިންނަމާދޫ ރައްޔިތުންނަށް އެދެވޭގޮތުގައި މިހާތަނަށް ނުލިބި އޮތް އެންމެ މުހިންމު އަސާސީ އެއް ޚިދުމަތެވެ. ރައްކާތެރި ފެނުގެ ނިޒާމެއް ނެތްއިރު ވާރޭ ފެން ނަގައިގެން ބޭނުންކުރުމަށްވެސް ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ. ސަބަބަކީ އެރަށަކީ ފައިބަރުގެ މަސައްކަރްކުރާ ރަށަކަށްވުމުން ފެންނަގާއިރު، ފެނަށް އޭގެ އަސަރު ކޮށްފާނެކަމުގެ ބިރު އޮވެއެވެ.

ރައްކާތެރި ސާފު ބޯފެނުގެ ޚިދުމަތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާރަށަކަށް ފޯރުކޮށްދިނުމަކީ ސަރުކާރުން މި 5 އަހަރު އެންމެ އިސްކަމެއް ދެއްވާ އެއް މަސައްކަތެވެ.

ރ.އިންނަމާދުއަކީ ފައިބަރުގެ މަސައްކަތްކޮށްގެން ނަފާ ހޯދާ ރަށެކެވެ. ރަށުގެ ހުޅަނގު ފަރާތުން އަތިރިމަތީގައި މި މަސައްކަތް ކުރުމަށް ބިން ދޫކޮށްފައި ވެއެވެ. ވައި ގަދަވާ މޫސުމުގައި ފައިބަރު ކުނޑީގެ އަސަރު ރަށުތެރެއަށް ކުރާކަމަށް އެރަށު މީހުން ބުނެއެވެ. ފައިބަރުގެ މަސައްކަތްކުރަން ފެށި ހިސާބުން ބުއިމަށް ވާރޭފެން ބޭނުންކުރުން އެރަށުމީހުން ހުއްޓާލިކަމަށާ، އެއީ ގެތަކުގެ ފުރާޅަށް ފައިބަރު ކުނޑީގެ އަސަރު ކޮށްފައި ހުންނާތީކަމަށް އެމީހުން ބުންޏެވެ.

އިންނަމާދުއަށް ރައްކާތެރި ސާފު ފެން ފޯރުކޮށްދިނުމަށްޓަކައި އެރަށުގެ ފެނުގެ ނިޒާމު ޤައިމުކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޑަބްލިއުއެސްސީއާއެވެ. އެ މަސައްކަތުގެ ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ. މިމަޝްރޫޢާއެކު އެރަށުގައި ޤާއިމްކުރާ އާރުއޯ ޕްލާންޓް ޢިމާރާތުގެ ބޮޑުބައެއް މިހާރުވަނީ ނިންމާލާފައެވެ.

މިމަޝްރޫޢުގެ ދަށުން އިންނަމާދޫގައި 8.33 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް އަޅައި، ރަށުގެ 215 ގެއަކަށް ފެނުގެ ޚިދުމަތް ގުޅައިދޭނެއެވެ. އަދި ފެން އުފެއްދުމަށް ދެ އާރްއޯ ޕްލާންޓް ބަހައްޓައި އެއިިން އުފައްދާ ފެން ރައްކާކުރުމަށް 290 އަކަމީޓަރުގެ 2 ތާނގީ ބެހެއްޓުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވާރޭފެން ރައްކާކުރުމަށް އެއް ހާސް ދިހަ އަކަމީޓަރުގެ ތާނގީއެއްވެސް ބަހައްޓާނެއެވެ. ވާރޭ ފެން ރައްކާކުރުމަށް ފެންނަގާ އެފެން ފޯރުކޮށްދޭނީ ފިލްޓަރކޮށް ފެނުގެ ކޮލިޓީ ބެލުމަށްފަހުކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.

މިމަޝްރޫޢަށް 50.7 މިލިއަން ރުފިޔާ ޚަރަދުވެއެވެ. މި މަސައްކަތް ނިންމަން ކަނޑައަޅާފައި އޮތީ ދެހާސް ބާވީސްވަނަ އަހަރުގެ މާޗްމަހުގެ ނިޔަލަށެވެ.