ޚަބަރު

އެއަރޕޯޓު މަޝްރޫޢުތަކަށް ބަޖެޓުގައި ބޮޑެތި ޢަދަދުތަކެއް


އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށެވެ. އެގޮތުން ޕީއެސްއައިޕީ ބަޖެޓުގެ %27.9 ކަނޑައަޅާފައިވަނީ މިމައްސަލައަށް ޙައްލުގެނެސްދިނުމަށެވެ.

2022ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށް 1747.9 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފައެވެ. ބޭރުގެ އެކި ފަރާތްތަކުން ލިބޭ އެހީގެ ގޮތުގައި މި ޚަރަދުކުރުމަށް ނިންމާފައިވާއިރު މިއީ ޕީއެސްއައިޕީގެ %27.9އެވެ. މިނިސްޓްރީ އޮފް ފިނޭންސްއިން ޢާއްމުކޮށްފައިވާ 2022ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވަނީ މިމަޝްރޫޢުތަކުގެ ތެރޭގައި ގިނައިން ހިމެނެނީ އެއަރޕޯޓުތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކެވެ. އެއަރޕޯޓުތައް ހިމެނެނީ ލަފާފުރުގެ މަޝްރޫޢުތަކުގެ ބައިގައެވެ.

ސަޢޫދީ ފަންޑާއި، އަބޫދާބީ ފަންޑާއި ކުވެއިތު ފަންޑާއި އޮފިޑް ފަންޑުގެ ދަށުން ހަމަޖެހިފައިވާ ލޯނު އެހީގެ ތެރެއިން 560.8 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށްކަމަށެވެ. ޑޮމެސްޓިކް އެއަރޕޯޓުތައް ތަރައްޤީކުރުމަށްވަނީ 123.3 މިލިއަން ރުފިޔާ ހިމަނާފައެވެ.

އެއަރޕޯޓް މަޝްރޫޢުތަކުގެ ތެރެއިން އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމަށް އިންޑިއާއިން ދޫކޮށްފައިވާ އިންޑިއަން އެގްޒިމް ބެންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ފައިސާވަނީ ހަމަޖެހިފައެވެ. އަދި ނ.މާފަރު އެއަރޕޯޓް ތަރައްޤީކުރުމަށް އަބޫދާބީ ފަންޑުން 1.6 މިލިއަން އަދި ދައުލަތުގެ ބަޖެޓުން 30 މިލިއަން ރުފިޔާ ޚަރަދުކުރާގޮތަށް ވަނީ ބަޖެޓްކޮށްފައެވެ.

ރާއްޖޭގެ ކޮންމެ ރަށަކުންވެސް ލޯންޗުން 30 މިނިޓުން ދެވޭ އެއަރޕޯޓެއް ތަރައްޤީކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. ރައްޔިތުންގެ އެދުމާއެކު މިވަގުތުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުތައް ކުރިއަށް އެބަދެއެވެ. އެގޮތުން މ.މުލީގައާއި ގދ.ފަރެސްމާތޮޑާގައި ޢަމަލީ މަސައްކަތް ކުރިއަށްދެއެވެ. ރ.އަލިފުށީގައި އެއަރޕޯޓު ހެދުމަށް ސަރވޭކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.