ކުޅިވަރު

ސަސްގެ ކޯޗަކަށް އިންމަ


ކުރިއަށް ސީޒަންއަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗަކަށް ތަޖްރިބާކާރު ކޯޗް އިސްމާޢީލް މަހްފޫޒް ހަމަޖައްސައިފިއެވެ. ސަސްގެ ކޯޗްގެ މަގާމް ހުސްވީ މިދިޔަ ސީޒަންގައި އެޓީމަށް އިރުޝާދުދިން ކޯޗް މުޙައްމަދު ޝިޔާޒް (މޯހަން) އެޓީމުގެ ކޯޗުކަން ދޫކޮށްލުމުންނެވެ. މިސީޒަނަށް ސަސްއަށް ހަމަޖެއްސި ކޯޗް އިންމައަކީ ފުރަތަމަ ޑިވިޝަންގައި ފުޓްބޯޅަ ކުޅެ، ފުރަތަމަ ޑިވިޝަންގެ ކުލަބްތަކަށް ކޯޗްކޮށްދީފައިވާ ތަޖްރިބާކާރު ކޯޗެކެވެ. ކޯޗިން ކެރިއަރުގައި އިންމަގެ އެންމެ ގިނަދުވަސް ހޭދަކޮށްފައިވަނީ އެންމެ ފަހުގެ ލީޗް ޗެންޕިއަން މާޒިޔާއާއެކުއެވެ.

މިއީ ސަސްއިން ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ދެވަނަ ސީޒަނެވެ. ނިމިގެންދިޔަ ސީޒަންގައި ސަސްއަށް އެންމެ ފުރަތަމަ އިރުޝާދުދިނީ އަހުމަދު ނާޝިދު (ނާދު)އެވެ. ސީޒަންގެ ފުރަތަމަ 6 މެޗަށްފަހު ސަސްގެ ކޯޗްކަމުން ނާދު ވަކިކޮށް، ސަސްއިން އެޓީމްގެ ކޯޗްކަން މުހައްމަދު ޝިޔާޒް (މޯހަން)އާއި ހަލާވްކުރިއެވެ. ސަސްއާއި މޯހަން ހަވާލްވީ ތިން އަހަރުގެ ކޮންޓްރެކްޓަކާއެކުއެވެ. ނަމަވެސް މިއަހަރުގެ ސީޒަން ނުފެށެނީސް މޯހަންވަނީ ސަސްއާއެކު ހަދާފައިވާ އެއްބަސްވުން އުވާލާފައެވެ.

މާޒިޔާއަށް އިންމަ އެންމެ ފުރަތަމަ ކޯޗްކޮށްދީފައިވަނީ 2006ވަނަ އަހަރުއެވެ. އިންމަގެ ކޯޗްކަމުގެ ފަށުން 2012ވަނަ އަހަރު މާޒިޔާއިންވަނީ އެފްއޭކަޕް ކާމިޔާބުކޮށްފައެވެ. 2014ވަނަ އަހަރު އިންމަ މާޒިޔާ ދޫކޮށްލުމަށްފަހު ދެން ފެނިގެންދިޔައީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައެވެ. އެއަށްފަހު 2018ވަނަ އަހަރުގެ ފަހުކޮޅު އިންމަ އަލުން މާޒިޔާއާއި ގުޅުނެވެ. އަދި އެއަށްފަހު 2019ވަނަ އަހަރު އިންމަ ކޯޗުކޮށްދިނީ ދަ ގްރާންޑޭއަށެވެ. އެޓީމަށް އިންމަ ދެ އަހަރު ކޯޗުކޮށްދިނެވެ.

ނިމިގެންދިޔަ އޫރީދޫ ސާފް ޗެންޕިއަންޝިޕްގައި އިންމަ ވަނީ ގައުމީ ޓީމްގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.