ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި އަތުލައިގަތް 100 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން 5 މީހެއްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްދީފިއެވެ.
ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިދިޔަމަހުގެ 13 ވަނަދުވަހު ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި ޑްރަގް އިންޓެލިޖަންސް ޔުނިޓާއި މެރިން ޕޮލިސް، ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި 10 މީހުންގެ ތެރެއިން 5 މީހުން ކޯޓުން ވަނީ ދޫކޮށްފައެވެ.
ކުރިން ދިން ބަންދުގެ މުއްދަތު ހަމަވުމާއެކު ކްރިމިނަލްކޯޓުން އިއްޔެ ވަނީ ދެން ތިބި 3 ދިވެހިންގެ ބަންދަށް 15 ދުވަސް އިތުރު ކުރުކޮށްފައެވެ. އަދި ދެންތިބި 2 ބިދޭސީންގެ ތެރެއިން އެކަކަށް 15 ދުވަސް އަދި އަނެއް މީހާގެ ބަންދަށް 5 ދުވަސް ކޯޓުން ވަނީ އިތުރުކޮށްފައެވެ.
ރާއްޖެއަށް 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނުކަމަށް ފުލުހުން ތުހުމަތުކުރާ ދެމީހުން ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް ވަނީ ނިންމަވާފައެވެ. މިގޮތަށް ޕީޖީން ނިންމާފައިވަނީ ހައިކޯޓު މަރުޙަލާގައި އިތުރު ހެކި ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެތީއާއި، ދަށުކޯޓަށް ހުށަހެޅި ހެއްކާއި ޤަރީނާގެ މައްޗަށް ބަލައި ބަންދުން ދޫކޮށްލި އަމުރު އިސްތިއުނާފު ކޮށްގެން ވަކި ތަފާތު ނަތީޖާއެއް ނެރެވިދާނެކަމަށް ނުފެނުމާއި، މި ދެމީހުންގެ މައްޗަށް އިތުރު ހެކި ޤަރީނާ ހޯދިއްޖެނަމަ ހައްޔަރުކުރުމުގެ އައު އަމުރަކަށް އެދި ދަށުކޯޓަށް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެތީ ކަމަށް ޕީޖީ އޮފީހުންވަނީ ވިދާޅުވެފައެވެ.
މިއީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޚާއްސަ ސަމާލުކަމެއް ދީގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ކާމިޔާބު އޮޕަރޭޝަނެކެވެ. މިއޮޕަރޭޝަންގެ އިތުރުން، މި ފަހުން ހިނގުނު އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. އެ އޮޕަރޭޝަންގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.