ޚަބަރު

ހައި ސްޕީޑް ފެރީ ނިޒާމުގެ ގިނަ މަސައްކަތްތައް އަންނަ އަހަރު ފެނިގެންދާނެ: އަސްލަމް


ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމުގެ އަމާޒުގައި ސަރުކާރުން ކުރިއަށްގެންދާ ހައި ސްޕީޑް ފެރީ ނިޒާމުގެ ބޮޑުބައެއް ހަޤީގަތަކަށް ވެގެންދާ މަންޒަރު އަންނަ އަހަރު ފެނިގެންދާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށް ހައިސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލުމަށްޓަކައި ބޭނުންކުރާ ފުރަތަމަ ފެރީ މިހާރުވަނީ މޫދަށް ބާލައި ޓެސްޓްކޮށްފައެވެ. މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ޤާއިމްކުރާ މި ނިޒާމުގެ ޒޯން 1ގެ ޚިދުމަތަށް 17 ފެރީ ބަނުމުގެ މަސައްކަތާއި، ފެރީ ޓާމިނަލްތަކާއި ޕަސެންޖަރ ސްޓޮޕްތައް ހެދުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.

2022 ވަނަ އަހަރުގެ ބަޖެޓުގައި މި ހައިސްޕީޑް ފެރީގެ ނިޒާމްގެ މަޝްރޫޢުގެ އެކްސަސް އިމްޕްރޯވްމަންޓް ޕްލެޓްފޯމަށް 31 މިލިޔަން ރުފިޔާވަނީ ކަނޑައަޅާފައެވެ.

އަންނަ 2022 ވަނަ އަހަރުގެ ބަޖެޓާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ބަޖެޓް ޕްރޮގްރާމްގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ، ހައިސްޕީޑް ފެރީގެ ނިޒާމްގެ މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ މައުނަވީ ގޮތެއްގައި ލާމަރުކަޒު ކުރެވެނީ ފުރިހަމަ ދަތުރުފަތުރުގެ ނިޒާމަކާއި އެކުގައިކަމަށާއި، ހައި ސްޕީޑް ފެރީ ނިޒާމެއް ޤާއިމްކުރެވުމުން ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މީހުންނަށް ޚިދުމަތްތަކާއި ހަމައަށް ވާޞިލުވެވޭނީ ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް އޮވެގެންކަމަށެވެ.

"ޚާއްސަކޮށް ފާހަގަކޮއްލަން ބޭނުންވޭ މި އުޅަނދުފަހަރުތަކަކީ ހަމަ ރީތިކޮށް މީހުންނަށް އިށީނދެގެން ތިބެވޭ، ކޮންމެ މީހަކަށް ގޮނޑިއެއް އިންނަ އަދި ލެނގިލެވޭނެގޮތަށް، ރިކްލައިންކުރެވޭގޮތަށް، އުޅަނދުގައި ވީލްޗެއާގައި ވަދެވޭވަރުގެ ބޮޑު ފާޚާނާއެއްލާފައި، ސްޓްރެޗަރެއްވެސް ލެވޭވަރުގެ ޖާގަ ހަދާފައި ބަންނަމުންދާ އުޅަނދުތަކެއް. ޚާއްސަކޮށް ދަތުރުފަތުރަށް ޚާއްސަ އުޅަނދުތަކެއް މިއީ" އަސްލަމް ވިދާޅުވިއެވެ.

ޕްލޭނިންގ މިނިސްޓަރ ވިދާޅުވީ އަމާޒަކީ 2023 ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ހައި ސްޕީޑް ފެރީ ނިޒާމްގެ ދަށުން ޚިދުމަތް ފަށައިގަތުންކަމަށާއި، އެކަމުގެ މަސައްކަތުގެ ބޮޑު ބައެއް އަންނަ އަހަރު ފުރިހަމަކުރެވިގެންދާނެކަމަށެވެ.

"ދަތުރުފަތުރުގެ ދާއިރާއިން މިކުރެވޭ ފެރީ ނިޒާމުގެ މަސައްކަތަކީ ޓްރާންސްފޮމޭޝަނަލް ޗޭންޖެއްގޮތުގައި އަންނާނެ އެއްޗަކީ. އެއީ މިސަރުކާރުން ވަރަށް ބޮޑު އަމާޒެއް ހިފާފައިވާ އެއް މަސައްކަތަކީ. އެކަން ވަރަށް ބާރަށް ކުރިއަށް އެބަދޭ. އިރާދަކުރެއްވިއްޔާ އަންނަ އަހަރު، ވަރަށް ބޮޑަށް ފެނިގެންދާނެ އެ ޕްރޮގްރާމްގެ ތެރެއިން އެކި މަޝްރޫޢުތައް އެކި ސަރަހައްދުތަކުގައި ފެށިގެން ކުރިއަށްދާތަން" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓަރ ވިދާޅުވީ، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ފެރީ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް 2023 ވަނަ އަހަރަށް މުޅިން ނިންމާލުމަށް އަމާޒް ހިފާފައިވާއިރު، އަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް ހއ، ހދ އަދި ށ. އަތޮޅުގައި ފެރީނިޒާމުގެ ދަށުން ސްޕީޑް ފެރީގެ ދަތުރުތައް ފަށައިގަނެވޭނެކަމަށެވެ.

އަދި އަންނަ އަހަރު ދެކުނުގެ 4 އަތޮޅުގެ އިތުރުން މާލެއިން އުތުރުގައި ދެން ހިމެނޭ އަތޮޅުތަކުގައި ހައި ސްޕީޑް ފެރީގެ ނިޒާމުގެ ތެރެއިން ދަތުރުތައް ފަށައިގަނެވޭނެކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ހައި ސްޕީޑް ފެރީ ނިޒާމުގެ ތެރެއިން ޚިދުމަތުގައި ބޭނުންކުރުމަށް ނިންމާފައިވަނީ 40-50 ދެމެދުގެ މީހުންގެ ޖާގައިގެ 47 ފޫޓުގެ ލޯންޗުތަކެވެ. އަދި 30 ނޯޓިކަލް މޭލުގެ ބާރުމިނުގައި ދުވާގޮތަށް ހަދާ މި ފެރީތަކަކީ މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ ހަލުވި ފެރީތަކެކެވެ. ފެރީއެއްގައި އެއްފަހަރާ 50މީހުން އުފުލޭނެއެވެ.