ޚަބަރު

ކިނޮޅަހު ނަރުދަމާ ނިޒާމާއެކު މީރުފެންފަށަލަ އިޔާދަވުމުގެ އުއްމީދު ބޮޑު


މީރުފެން ފަށަލަ ހަލާކުވުމުގެ ކަންބޮޑުވުމަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. މިމައްސަލައިގެ ޙައްލަކީ ރަނގަޅު ނަރުދަމާގެ ނިޒާމަކުން ރަށުން ބޭރަށް ނަޖިސް ފޮނުވޭނެ ގޮތެއް ޤާއިމުކުރުމެވެ. މިޙައްލު ރަށްރަށަށް ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. ރ.ކިނޮޅަހު ރައްޔިތުންގެވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ އެރަށުގެ މީރުފެންފަށަލަ ހަލާކުވުމެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ މީރުފެން ފަށަލަ ހަލާކުވެ ތަޣައްޔަރުވުމަކީ ރަށުގައި އޮންނަ ނަރުދަމާގެ އުސޫލާ ގުޅޭ މައްސަލައެކެވެ. މީރުފެން ނެގުމަށް ބޭނުންކުރާ ފެންވަޅުތައް ކައިރީ ނަޖިސް ހިންދާ ނިޒާމު ކޮންމެ ގޭބިސީއެއްގައި ޤާއިމުވެފައިވާއިރު އިތުރުވަމުން އަންނަ ރަށުގެ އާބާދީއާއެކު މިމައްސަލަ އަންނަނީ ބޮޑުވަމުންނެވެ. މިގޮތުން ރ.ކިނޮޅަހަށްވެސް ކުރިމަތިވެފައިވަނީ މިމައްސަލައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކިނޮޅަހު ކައުންސިލުން ވިދާޅުވީ ކައުންސިލުން މިހާތަނަށް 4 ސަރވޭއެއް ކޮށްފައިވާކަމަށާއި މިސަރވޭތަކުން ފެންފަށަލަ ހަލާކުވަމުންދާކަން ވަރަށް ބޮޑަށް ފާހަގަވަމުން އަންނަކަމަށެވެ. އެހެންކަމުން އެރަށުގައި ޤާއިމުކުރަމުން އަންނަ ފެނާއި ނަރުދަމާއާއެކު ރައްޔިތުންނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައަކަށް ޙައްލެއް ލިބިގެން އަންނާނެކަމަށް ކައުންސިލުން ދެކެއެވެ. ސަބަބަކީ މިނިޒާމު ޤާއިމުވުމުން ރަށުގެ ތެރެއަށް ނުވަތަ މީރުފެންފަށަލަ އަށް ސީދާ ދާނޭހެން ނަޖިސް ބޭރުކުރުން ހުއްޓިގެން ދިއުމެވެ.

ކިނޮޅަހު ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުމަށް ކުރިން ހަމަޖެހިފައި އޮތީ މިއަހަރުގެ ނިޔަލަށެވެ. އެހެންނަމަވެސް ކޯވިޑްގެ އިތުރުން އެރަށުގެ ބަނދަރު ތިލަވުމާ ގުޅިގެން ބޮޑެތި އުޅަނދުތަކަށް ބަނދަރަށް ނުވަދެވުމުގެ ސަބަބުން މިމަސައްކަތަށް ބޭނުންވާ ސާމާނު ރަށަށް ގެނައުމުގައި ލަސްތަކެއްވެފައިވާ ކަމަށް ކައުންސިލުން ވިދާޅުވެއެވެ.
މިމަސައްކަތަށް ބޭނުންވާ އިތުރު ސާމާނު އެމްޑަބްލިއުއެސްސީންވަނީ މިދިޔަ ހަފްތާގެ ތެރޭގައި އެރަށަށް ގެންގޮސްފައެވެ. މިއާއެކު އަންނަ ޖެނުއަރީމަހުގެ ނިޔަލަށް ކިނޮޅަހު ފެނާއި ނަރުދަމާގެ ޢަމަލީ މަސައްކަތް ނިންމާ ގޭބިސީތަކަށް ކަނެކްޝަން ގުޅާލެވޭނެކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

އާބާދީގައި ގާތްގަނޑަކަށް 700 މީހުން ދިރިއުޅޭ ކިނޮޅަހުގެ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރެވުމުން އެރަށަށް ކުރިމަގުގައި ގެނައުމަށް މަސައްކަތްކުރާ ލޯކަލް ޓޫރިޒަމަށްވެސް ފައިދާކުރާނެކަމަށް ކައުންސިލުން ވިދާޅުވެއެވެ. ކިނޮޅަހު ކައުންސިލުން ވިދާޅުވީ އެރަށުގެ ލޭންޑް ޔޫޒް ޕްލޭން ހަމަޖެއްސުމުގައި ލޯކަލް ޓޫރިޒަމަށް ދޫކުރާނެ ތަންތަން މިހާރު ކަނޑައަޅާފައިވާކަމަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން ކިނޮޅަހުގައި 11.8 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއްއެޅުމަށްވަނީ ހަމަޖެހިފައެވެ. އަދި 7.3 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމުކޮށް ރަށުގެ 130 ގެއަކަށް ކަނެކްޝަން ގުޅައިދިނުމަށްވަނީ ހަމަޖެހިފައެވެ. މިއީ ދައުލަތުގެ ބަޖެޓުން 36 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.