ޚަބަރު

ތާރުއެޅިއަސް ފެން ހިންދާ ރަނގަޅު ނިޒާމެއް ނެތުމުން ކުޅުދުއްފުއްޓަށް އިތުރު ތަކުލީފެއް


ކުޅުދުއްފުށީ މަގުތަކުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިންމާފައިވަނީ 2018ވަނަ އަހަރުއެވެ. މި މަސައްކަތުގެ ދަށުން ކުޅުދުއްފުށީގެ 18 މަގެއްގައި ތާރު އަޅައިގެން ތަރައްޤީކުރިނަމަވެސް، އެކަށީގެން ފެން ހިންދާ ނިޒާމެއް ޤާއިމުކޮށްފައި ނެތުމުގެ ސަބަބުން އޭގެ ދަތިކަން ކުޅުދުއްފުށީގެ ރައްޔިތުންނަށް އަންނަނީ ކުރިމަތިވަމުންނެވެ.

ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތާއެކު، މަގުތަކުގައި ދުއްވާ ފަރާތްތަކަށް ވަނީ ބޮޑު ލުޔެއް ލިބިފައެވެ. ކުރިން އަޑިގުޑަންކޮށް އޮތް މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، މަގުތަކުގައި ދުއްވާ މީހުންނަށް އޭގެ ލުއިފަސޭހަތައް އަންނަނީ ލިބެމުންނެވެ.

މަގުތައް ބޭނުންކުރަން ފަށާ، 2 އަހަރު ވެފައިވާއިރު މަގުތަކަށް ދިމާވި އަސްލު މައްސަލަތަކަށް އެކަށީގެން ޙައްލެއް އަދި ލިބިފައި ނުވާކަމަށް ކުޅުދުއްފުށީ ކައުންސިލްގެ މޭޔަރ މުޙައްމަދު އާތިފްވަނީ ވިދާޅުވިއެވެ. އާތިފް ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކީ މަގުތަކުގައި ފެންބޮޑުވާ މައްސަލައަކަމަށެވެ. އެގޮތުން ތާރު އެޅި ބައެއް މަގުތަކުގައި އެކަށީގެންވާ ފެން ހިންދާ ނިޒާމެއް ނެތުމުގެ ސަބަބުން އެ މަގުތަކުގައިވެސް ފެންބޮޑުވާކަމަށާއި މިއާއެކު ތާރު އެޅި މަގުތަކާ ކައިރި މަގުތަކަށްވެސް ފެންބޮޑުވުމުގެ މައްސަލަ އަންނަނީ ކުރިމަތިވަމުންކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެންމެ ފަހުން މިދިޔަ މަހު ކުރި ވިއްސާރައިގައިވެސް އެ ސަރަޙައްދުތަކުގެ 19ގެއަކަށް ފެންވަދެ ގެއްލުންތައްވި. ބައެއް މަގުތަކުގައި 5 ދުވަސް ވަންދެން ފެން ނުހިނދި ހުރޭ" އާތިފް ވިދާޅުވިއެވެ.

ކުޅުދުއްފުށީ މަގުތަކުގައި ތާރު އެޅުމުގެ 2 ވަނަ ފިޔަވަހީގެ މަސައްކަތް އެރަށުގައި ފެށުމަށް މިހާރު ވަމުންދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. މި މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީމަހުއެވެ.

މަގުހެދުމުގެ ޕްރީ ކާސްޓިންގެ މަސައްކަތްތައް ކުރިއަށްގެންދާ ސައިޓްގެ މަސައްކަތްތައްވެސް މިހާރުވަނީ މުޅިން ނިންމާފައެވެ. އަދި މިދިޔަ ބުދަދުވަހުވަނީ، މި މަސައްކަތަށް ބޭނުންވާ ހިލަޔާއި ހިލަވެލިފަދަ ސާމާނު އެރަށަށް ގެންގޮސްފައެވެ. މިއާއެކު މަގުގެ މަސައްކަތަށް ބޭނުންވާ ޕޭމަންޓް ގަލާ ފެންހިންދާ ކާނުގެ ހެދުމުގެ މަސައްކަތްތަކާއި އެހެނިހެން ޕްރީ ކާސްޓްތައް ތައްޔާރުކުރުމުގެ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެކަމަށް އެ ކުންފުނިން ބުނެއެވެ.

ކުޅުދުއްފުށީ ކައުންސިލްގެ މޭޔަރ އާތިފް ވިދާޅުވީ، ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިމޭއިރު، ފެންބޮޑުވާ މައްސަލައަށް ބޮޑު ޙައްލެއް ލިބިގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.

"ކުރިން މަގު ހެދިއިރު ނެތް ފެން ހިންގާނެ ރަނގަޅު ނިޒާމެއް. ބައެއް މަގުތަކުގެ ކާނި ހޮޅުތައް ހުރި ބަންދުކޮށްފައި. މިހާރު ކައުންސިލުންވެސްވާނެ މި މައްސަލަ ޙައްލުކުރަން ވަގުތީ ފެން ހިންދާ ސިސްޓަމެއް ގުޅާފަވަނީ. ދެވަނަ ފިޔަވަހީގެ މަސައްކަތުގައި ރަނގަޅު ފެން ހިންދާ ނިޒާމެއް ޤާއިމުކުރެވި، މައްސަލައަށް ބޮޑު ޙައްލެއް ލިބޭނެކަމަށް ޤަބޫލުކުރެވޭ" އާތިފް ވިދާޅުވިއެވެ.

ދެވަނަ ފިޔަވަހީގެ މަސައްކަތުގައި ހިމެނެނީ އެރަށުގެ އިތުރު 24 މަގެއްގައި ތާރު އަޅައިގެން ތަރައްޤީކުރުމެވެ. އެއީ 6 ކިލޯމީޓަރުގެ މަގުގެ ސަރަޙައްދެވެ. ތާރުއެޅުމުގެ އިތުރުން މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، މަގުބައްތި ޖެހުމާއި ސްޕީޑް ބްރޭކަރު ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައި ވަނީ 100.7 މިލިއަން ރުފިޔާއަށެވެ.