މާލޭ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ، ހެންވޭރު އުތުރުގެ މަގުތައް ނިމުން ލަސްވަނީ މަސައްކަތް ނިމުމަކާ ގާތްވެފައިވަނިކޮށް، ސިޓީ ކައުންސިލުން މަސައްކަތުގެ ޑިޒައިނަށް ގެނައި ބަދަލުތަކާއި ގުޅިގެންކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީން ވިދާޅުވެއްޖެއެވެ.
މާލޭގެ މަގުތައް ޒަމާނީ ފެނަވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ހެންވޭރު އުތުރުގައި 13 މަގުގެ މަސައްކަތް ފެށީ މިއަހަރުގެ އޮގަސްޓުމަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ ފަށާފައިވަނީ ރޯޝަނީ މަގުގެ މަސައްކަތެވެ.
މި މަސައްކަތުގެ ދަށުން ހެންވޭރު ރޯޝަނީ މަގުގެ އަރިމަތީގައި ކަރބްސްޓޯން ޖެހުމާއި ޕޭމަންޓްގެ މަސައްކަތްތަކާއެކު މަގުގެ %80 މަސައްކަތް ނިމިފައިވަނިކޮށް އެމަސައްކަތް ވަނީ ހުއްޓިފައެވެ.
މަރާމަތަށް މަގުތައް ބަންދުކޮށް ގިނަ ދުވަސްވަމުންދާތީ އޭގެ ދަތިކަން އެ ސަރަޙައްދުގެ ރައްޔިތުންނަށް ދަނީ ކުރިމަތިވަމުންނެވެ. އަދި އެކަމުގެ ޝަކުވާ އާރްޑީސީއަށްވެސް ލިބެމުން އަންނަކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އާރްޑީސީން ބުނީ މި މަސައްކަތުގެ ދަށުން ރޯޝަނީމަގުގެ އެއް ބްލޮކްގެ މަސައްކަތް ނިންމާ އާއްމުކޮށް ހުޅުވާލިކަމަށެވެ. ނަމަވެސް މުޅި މަގުގެ މަސައްކަތް ނިމެމުންދަނިކޮށް، ސިޓީ ކައުންސިލުން އެ މަސައްކަތުގެ ޑިޒައިނަށް ބަދަލުތައް ގެނެސްފައިވާކަމަށާއި މިއާއެކު މަސައްކަތް ނިންމާ ހުޅުވާލި، ރޯޝަނީ މަގުގެ ސަރަޙައްދުވެސް އަލުން ބަންދުކުރަން ޖެހިފައިވާކަމަށް އާރުޑީސީން ބުނެއެވެ.
އާރްޑީސީން ވިދާޅުވީ ޑިޒައިނަށް ބަދަލުގެނެސްފައި ވަނީ މަގުގައި އުޅަނދުތަކަށް ދުއްވޭނެ ޖާގަ އިތުރުކުރުމަށްކަމަށެވެ. އަދި މި ބަދަލާއެކު އެ ސަރަޙައްދުގެ ގިނަ މަސައްކަތްތައް ޖެހެނީ މުޅިން އަލުން ފަށަންކަމަށާއި މަގުގެ މަސައްކަތް ހުއްޓުނީ ގާއެތުރުމުގެ މަސައްކަތް ފެށުމަށް ތައްޔަރުވެފައިވަނިކޮށްކަމަށްވެސް އާރުޑީސީން ބުނެއެވެ.
އާރުޑީސީން ވިދާޅުވީ ޑިޒައިނަށް ގެނައި ބަދަލުތަކާއެކު މަސައްކަތްތައް ފަށާ، ވީހާވެސް އަވަހަށް މަގުގެ މަސައްކަތް ނިންމާ އާއްމުންނަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
މަގުހެދުމުގެ މި ސެގްމަންޓްގައި ހިމެނެނީ ހެންވޭރު އުތުރުގެ ވައިލެޓް ހިނގުން، ވައިލެޓް މަގު، ގުލިސްތާން ގޯޅި، ހިރުނދު މަގު، ދުނބުރި މަގު، ރޯޝަނީމަގު، ކުރަނގި ގޯޅި، ކަސްތޫރި މަގު، ސީސަން މަގު، ސަނދުބަރަކާ ގޯޅި، ދީފުރަމް ގޯޅި، ގަލަދުން ގޯޅި އަދި ފިލިގަސް މަގެވެ.
މި މަގުތަކުން ޖުމްލަ 1.97 ކިލޯމީޓަރު ހަދާނެއެވެ. މި މަޝްރޫޢަށް ޖުމުލަ 70.1 މިލިއަން ރުފިޔާ ޚަރަދުވެއެވެ.
މާލޭ މަގުތައް ހެދުމުގެ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ތަރައްޤީކުރީ މާފަންނު ވެސްޓްޕަރކް ސަރަޙައްދުގެ މަގުތަކެވެ. މި މަސައްކަތާއެކު، އެ ސަރަޙައްދުގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ވަނީ ޙައްލެއް ލިބިފައެވެ. އަދި މަގުތަކުގެ އަޑީގައި ފެން ހޮޅިތަކާ، ކޭބަލް ނެޓްވޯކްތައް ވަނީ އަޕްގްރޭޑްކޮށްފައެވެ. މި ބަދަލާއެކު ކުރިއަށްއޮތްތާންގައި މަގުތައް ނުކޮނެ، މަސައްކަތްތައް ކުރިއަށްގެންދެވޭނެއެވެ.