ޚަބަރު

ތިލަފުށި ބިންތައް ޤަވާއިދާ ޚިލާފަށް ބޭނުންކުރާނަމަ ފިޔަވަޅު އަޅަނީ


ކ. ތިލަފުށި ބިންތައް ޤަވާއިދާ ޚިލާފަށް ބޭނުންކުރަމުންދާ ފަރާތްތަކާމެދު އެޅެންހުރި ޤާނޫނީ ފިޔަވަޅު އަޅަމުންގެންދާނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗް.ޑީ.ސީން ވިދާޅުވެއްޖެއެވެ.

ތިލަފުށްޓަކީ ގްރޭޓަރ މާލޭ ސަރަޙައްދުގައި އެންމެ ފުޅާ ދާއިރާއެއްގައި ސިނާޢީ މަސައްކަތް ކުރަމުންގެންދާ، އަދި ގްރޭޓަރ މާލޭ އޭރިއާގެ ވިޔަފާރި ހަބެއްގެ ގޮތުގައި ބޭނުންކުރަމުންގެންދާ، ތަފާތު އެތައް ވިޔަފާރިއެއް ހިންގާ ރަށެކެވެ. މުޅި ރަށުގެ ބިން ވަނީ އެކި އެކި ވިޔަފާރިތަކަށް ކުލީ ބިމުގެ ގޮތުގައި ދޫކޮށްފައެވެ. މި ބިންތަކަކީ އެތަންތާގައި ވިޔަފާރިކޮށް އަދި އެވިޔަފާރިތައް ފުޅާކޮށް އެންމެހައި ފަރާތްތަކަށްވެސް އާމްދަނީ ހޯދުމަށް މަގުފަހިކޮށްދީ، ރާއްޖޭގެ އިޤްޠިޞާދަށް އަދި ވިޔަފާރިތަކަށްވެސް ކުރިއެރުން ގެނެސްދިނުމަށްޓަކައި، ގްރޭޓަރ މާލޭ އޭރިއާގައި ހިންގާ ޞިނާޢީ މަސައްކަތްތަކަށް ޚާއްޞަ ކުރެވިފައިވާ ރަށެކެވެ.

އެހެންކަމުން އެޗް.ޑީ.ސީން ދަނީ ތިލަފުށީގައި ހިނގަމުންދާ އެކި އެކި ޞިނާޢީ މަސައްކަތްތަކަށް ފަހި ފުރުޞަތުތަކަށް މަގުފަހި ކުރުމުގެގޮތުން ވަގުތާއި، ޙާލަތަށް ރިޢާޔަތްކޮށް އެންމެންގެ މަސްލަޙަތަށްޓަކައި ހިފަހައްޓަންޖެހޭ ބައެއް ކަންކަން ހިފަހައްޓަމުންނެވެ.

އެޗް.ޑީ.ސީން ވިދާޅުވީ، މިގޮތަށް ޢަމަލުކުރަންޖެހެނީ، ތިލަފުށިން އެކި ބޭނުންތަކަށް (ވަގުތީ، އަދި ދާއިމީ ނަމަވެސް) ބިން ދޫކުރެވެނީ ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ތެރެއިން ކަމާއި، އެއްބަސްވުމުގައި ދެފަރާތުންވެސް ޢަމަލުކުރަންޖެހޭ އަދި ޙުރުމަތްތެރިކޮށް ހިތަންޖެހޭ ކަންތައްތަކެއް ހިމަނާފައިވާނެކަމަށެވެ. އަދި އެއްބަސްވުމާއި ޚިލާފުވާ ފަރާތްތަކުގެ އެއްބަސްވުންތައް ބާޠިލުކުރެވޭނެކަމަށްވެސް އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާނެކަމަށެވެ.

އެހެންނަމަވެސް، ބައެއް ފަރާތްތަކުން އެއްބަސްވުމާއި ޚިލާފަށް އެކި އެކި ކަންކަން ކުރަމުންގެންދާތީ އެކަންކަން އެގޮތަށް ނުކުރުމަށް އެޗް.ޑީ.ސީން މީގެ ކުރިންވެސްވަނީ ތަކުރާރުކޮށް އެފަރާތްތަކަށް އަންގާފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން އެޗް.ޑީ.ސީގެ އެންގުންތަކާއި ޚިލާފަށް ޢަމަލުކުރަމުންގެންދާތީވެ، ޢާއްމު މަސްލަޙަތު ގެއްލި، އެއްފަރާތުން ހިންގާ ޢަމަލެއްގެ ސަބަބުން އަނެއްފަރާތުގެ މަސައްކަތަށް ގެއްލުންވެ ނުވަތަ ދަތިވެދާފަދަ ޢަމަލުތައްވެސް މީގެތެރޭގައި ހިމެނޭތީ އެފަދަ ކަންކަން އެއްވެސް ފަރާތަކުން ނުކުރުމަށް އެކޯޕަރޭޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މިފަދަ ޢަމަލުތައް ތަކުރާރުކުރާ ފަރާތްތަކާމެދު ހެދިފައިވާ އެއްބަސްވުމުގެ ތެރެއިން އެޗް.ޑީ.ސީއަށް އެޅެންހުރި ޤާނޫނީ ފިޔަވަޅުތައް އަޅަމުންގެންދާނެކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ އަންގާފައެވެ.